ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން
14 ނޮވެމްބަރު 2026 | ހޮނިހިރު 07:12ރަސްމާލޭގެ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް ގައުމު ދިފާއުކުރުމަށް ޝެއިޚް އިމްރާން ވަނީ ގޮވާލައްވާފައި. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ސިޔާސީ ބާރުވެރިކަން ގެއްލިދާނެ ކަމުގެ އިންޒާރު ދެއްވަމުން، ހުރިހާ ލީޑަރުން އެކަތިގަނޑަކަށް ވެގެން ސަރުކާރުގެ މި ނިންމުން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި


"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އަދި ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | އަދަދު
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށް ދީގެން ހިންގަން އުޅޭ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ، މި ގައުމުގައި ސިޔާސީ މަސައްކަތްކުރާނެ ޖާގައެއް ނޯންނާނެ ކަމަށާއި، މި ގައުމު ބަދަލުވެގެންދާނީ ފަލަސްތީނުގެ މަހްމޫދު އައްބާސްގެ ސަރުކާރު ފަދަ ބާރެއް ނެތް ހާލަތަކަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، މިހާރު ހިންގަން އުޅޭ ކަންކަން ހިންގައި ނިމުމުން، ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ލީޑަރަކު ވެސް މި ގައުމަކު ނުހުންނާނެ ކަމަށެވެ. އަދި ބޭރުގެ ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަންޖެހި، މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ ނޯންނާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
ހިންގަން އުޅޭ ޖަރީމާ ހިންގުމަށްފަހުގައި ތިޔަބޭފުޅުން ސިޔާސީ މަސައްކަތްކުރާކަށް މި ގައުމެއް ނޯންނާނެ. މި ގައުމަކު ސިޔާސީ ޕާޓީއެއް ނޯންނާނެ. ސިޔާސީ ލީޑަރެއް ނޯންނާނެ. އޭރުން މިތާނގައި އޮންނާނީ ފަލަސްތީނު ގޮތަށް މަހްމޫދު އައްބާސް، މުއިއްޒު މަހްމޫދު އައްބާސްއަކަށް ހަދާފައި އަނެއް ބާރު ކައިރީ ކުޑަކަކޫ ޖައްސާ ވައްޓާފައި ދެން އެ ކުރާކަމެއް ކުރާނީ. އޭރަކު މި ގައުމެއް ނޯންނާނެޝެއިޚް އިމްރާން އަބްދުﷲ
މީގެ އިތުރުން މި ނުރައްކަލުން ގައުމު ސަލާމަތްކުރުމަށްޓަކައި ސިޔާސީ ހުރިހާ ލީޑަރުންނާއި ޕާޓީތަކުން ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، މިވަގުތަށް ސިޔާސީ ކެމްޕޭނުތައް މަޑުޖައްސާލުމަށް ޝެއިޚް އިމްރާން ގޮވާލެއްވި އެވެ. އަދި މިއީ ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށް އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.
ޝެއިޚް އިމްރާން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރި ނަމަވެސް ނުވަތަ ޕީއެންއެފުން ކާމިޔާބުކުރި ނަމަވެސް، މި މައްސަލައިގައި ރައީސް މުއިއްޒު ގޮސްފައިވާ ހިސާބެއް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ލީޑަރުންނާއި ގައުމު ދެކެ ލޯބިވާ ރައްޔިތުން އެކަތިގަނޑަކަށް ވެއްޖެނަމަ، މިކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރުކާރަށް ނުލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް މި ގައުމަކީ ޑޮލަރުން އަގުކުރެވޭ އެއްޗަކަށް ވެދާނެ ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުންނަށް މި ގައުމަކީ 3،500 އަހަރުގެ ދިގު ތާރީޚާއި، އިސްލާމްދީން މަތީގައި ވޭތުވެދިޔަ 30 ޖީލުގެ އަގުހުރި ތަރިކައެއް ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި މި ގައުމުގެ އިސްލާމީ ޝަޚްސިއްޔަތަށާއި މިނިވަންކަމަށް ގޮންޖެހުމެއް ގެނެވޭނެ ކަމަށް ހީފުޅުކުރެއްވުމަކީ ކުށްހީއެއް ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.











