"އުދުވާން ހިންގަނީ އެމެރިކާއިން": އަލުން ހަމަލާ ދީފި ނަމަ ފަސްޖެހުމެއް ނެތި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން އިންޒާރު ދީފި
14 ނޮވެމްބަރު 2026 | ހޮނިހިރު 04:46އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ މަންދޫބު ވަނީ ހުޅަނގުގެ ޤައުމުތަކުން މެދުއިރުމަތީގެ ހަގީގަތް އޮޅުވާލައި، އީރާނާ ދެކޮޅަށް ޤާނޫނާ ޚިލާފު އުދުވާނެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވާފައި. އަދި، އެމެރިކާ ނުވަތަ ޔަހޫދީ އިސްރާއީލުން އިތުރު ހަމަލާއެއް ދީފި ނަމަ، އެއްވެސް ފަސްޖެހުމެއް ނެތި ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި


އީރާނުން އުފައްދާ 'ޒުލްފިގާރު' މަރުކާގެ މިސައިލްތަކެއް ވެރިރަށް ތެހެރާނުގައި ދައްކައިލަނީ | ގެޓީ އިމޭޖަސް
އެމެރިކާއިން އީރާނާ ދެކޮޅަށް ޤާނޫނާ ޚިލާފު އުދުވާނީ ހަނގުރާމައެއް ހިންގަމުންދާ ކަމަށް ތެހެރާނުން ތުހުމަތުކޮށް، އެމެރިކާ ނުވަތަ ޔަހޫދީ އިސްރާއީލުން އަލުން އަސްކަރީ ހަމަލާއެއް ދީފި ނަމަ "ވަގުތުން އަދި ވަރުގަދަ ރައްދެއް" ދޭނެ ކަމުގެ ހަރުކަށި އިންޒާރު ދީފި އެވެ.
އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބު ޣުލާމްޙުސައިން ދަރުޒީ މި މޭރުމުން ވިދާޅުވީ، މެދުއިރުމަތީގެ ހާލަތާ ގުޅޭގޮތުން ނޮވެންބަރު 13 ވީ ހުކުރު ދުވަހު ބޭއްވި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގަ އެވެ. ސަރަހައްދީ ނުތަނަވަސްކަމުގެ އަސްލު ސަބަބުތަކަށް އިހުމާލުވެ، ހުޅަނގުގެ ޤައުމުތަކުން ހަގީގަތް އޮޅުވާލަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މި ބައްދަލުވުމުގައި އީރާނުން ބައިވެރިވީ މަސްރަހު ގޯސްވާން މެދުވެރިވި އަސްލު ސަބަބުތައް ސާފުކޮށްދިނުމަށް ކަން ދަރުޒީ ފާހަގަކުރެއްވި އެވެ. މި ގޮތުން، ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުންނާއި ޚާއްސަކޮށް ހުޅަނގުގެ މަންދޫބުން، "އުދުވާން ހިންގާ ފަރާތްތަކަކީ" އަނިޔާ ލިބޭ ފަރާތްތަކުގެ ގޮތުގައި ދައްކަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ބައެއް މެންބަރުން، ޚާއްސަކޮށް ހުޅަނގުގެ މެންބަރުން ގެންގުޅުއްވާ ސިޔާސަތުތަކާ މެދު އަޅުގަނޑުމެން ހިތާމަކުރަން. އެ ބޭފުޅުންގެ ވާހަކަތަކުން ފެންނަނީ ދެފުށްދެގޮތް ސިޔާސަތާއި ފާޅުކަން ބޮޑު މުނާފިގުކަމުގެ އާދަވެފައިވާ އުސޫލު،" ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދަރުޒީ ވިދާޅުވި އެވެ.
އެމެރިކާގެ މަންދޫބު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ދަރުޒީ ވިދާޅުވީ، އީރާނަށް ނަސޭހަތް ދިނުމުގެ ނުވަތަ ތުހުމަތު ކުރުމުގެ ޤާނޫނީ، ސިޔާސީ އަދި އަޚުލާގީ އެއްވެސް ހައިސިއްޔަތެއް ވޮޝިންގޓަނަށް ލިބިގެން ނުވާ ކަމަށެވެ. "އުދުވާން ހިންގާ ފަރާތަކީ އެމެރިކާ، އަނިޔާ ލިބޭ ފަރާތެއް ނޫން،" އޭނާ ވިދާޅުވި އެވެ. އދ. ގެ ޗާޓަރާއި ބައިނަލްއަގުވާމީ ޤާނޫނުގެ އަސާސީ އުސޫލުތަކާ ޚިލާފަށް، އެއްވެސް ހަގަކާ ނުލައި އީރާނާ ދެކޮޅަށް ވޮޝިންގޓަނުން ހަނގުރާމައެއް ފެށިކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އީރާނުން ޚާރިޖީ މަޝްވަރާގެ ދޮރު ބަންދެއް ނުކުރޭ
ހަމަމިއާއެކު، އީރާނުގެ ސިޔާދަތާއި ސަރަހައްދީ އިސްތިގުލާލަށް އަރައިގަތުމާއި، އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ބޮން އެޅުމުގެ އިތުރުން، އީރާނުގެ ރައްޔިތުން ނެތިކޮށްލާނެ ކަމުގެ އިންޒާރު ދީ އަސްކަރީ އަދި ކަނޑުގެ ދަތުރުފަތުރުގެ ހިސާރެއް ކުރިމަތިކުރުވި ކަމުގެ ތުހުމަތު ވެސް ދަރުޒީ އެމެރިކާގެ މައްޗަށް ކުރެއްވި އެވެ.
ހަތިޔާރު ބޭނުންކޮށްދޭ އުދުވާނީ ހަމަލާއަކުން އަމިއްލަ ނަފްސު ދިފާޢު ކުރުމަށް އދ. ގެ މެންބަރު ޤައުމަކަށް ލިބިގެންވާ އަސާސީ ހައްގު، ސަލާމަތީ މަޖިލީހުގެ އެއްވެސް ޤަރާރަކުން ނިގުޅައިނުގަނެވޭނެ ކަމަށް އީރާނުގެ ޚާރިޖިއްޔާގެ އޮފިޝަލު ވިދާޅުވި އެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން: އުދުވާނީ ހަމަލާއެއް ކުރިމަތިވާ ހިނދު އަމިއްލަ ނަފްސު ދިފާޢު ކުރުމަށް މެންބަރު ޤައުމަކަށް ލިބިގެންވާ އަސާސީ ހައްޤު، ސަލާމަތީ މަޖިލީހުގެ އެއްވެސް ޤަރާރަކުން ނިގުޅައިނުގަނެވޭނެ،" ދަރުޒީ ވިދާޅުވި އެވެ.
ޚާރިޖީ ގޮތުން ހައްލެއް ހޯދުމަށް ތެހެރާނުން ބޭނުންނުވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން، އީރާނުން ޑިޕްލޮމެސީ ދޫކޮށްލާފައި ނުވާ ކަމަށް އޭނާ ބާރުއެޅުއްވި އެވެ. "އީރާނުން ދުވަހަކު ވެސް ޑިޕްލޮމެސީގެ ދޮރު ބަންދެއް ނުކުރޭ،" ސަލާމަތީ މަޖިލީހަށް މުޚާތަބު ކުރައްވަމުން ދަރުޒީ ވިދާޅުވި އެވެ.
އަލުން ހަމަލާއެއް ދީފި ނަމަ ވަގުތުން ރައްދު ދޭނެ ކަމުގެ އިންޒާރު
މިއާއެކު، އެމެރިކާ ނުވަތަ ޔަހޫދީ އިސްރާއީލުން އަލުން އެއްވެސް އަސްކަރީ ފިޔަވަޅެއް އަޅައިފި ނަމަ، ތެހެރާނުން ވަގުތުން ރައްދު ދޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ: އެމެރިކާއާއި އިސްރާއީލުގެ ސަރުކާރުން އަލުން އެއްވެސް އުދުވާނީ ހަނގުރާމައެއް ފަށައިފި ނަމަ، އެއްވެސް ފަސްޖެހުމެއް ނެތި ވަގުތުން އަދި ނިންމުންތެރި ރައްދެއް ދޭނަން. އެ ރައްދު އަމާޒުވާނީ އެ އުދުވާނެއް އުފެދިގެން އަންނަ ކޮންމެ ތަނަކަށް،" ދަރުޒީ ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











