"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި
12 ނޮވެމްބަރު 2026 | ބުރާސްފަތި 09:49ލުބުނާނުގެ ދެކުނުން އިސްރާއީލުގެ އިސްތިޢުމާރު ނިމުމަކަށް ނާންނަނީސް ޙިޒްބުﷲ އިން ހަތިޔާރު ނުބަހައްޓާނެ ކަމަށް އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ނަޢީމް ޤާސިމް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ފިއްތުންތަކަށް ލުބުނާނުން ދެކޮޅު ހަދަންޖެހޭކަން ފާހަގަކުރައްވައި، އޭނާ ވަނީ ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.


ޙިޒްބުالله ގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ނަޢީމް ޤާސިމް މީޑިއާއަކަށް ބަސްދީގަތުމެއް ދެއްވަނީ | އޭޕީ
މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަށާއި، ޔަހޫދީ އިސްރާއީލުގެ ބަރުލަމާނީ އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ލުބުނު ދަށް ނަތީޖާއަށް ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ނަޢީމް ޤާސިމް މަރުހަބާ ވިދާޅުވެ، އެއީ ލުބުނާނަށް ލިބުނު ބޮޑު ފައިދާއެއް ކަމަށް ވިދާޅުވެއްޖެ އެވެ.
އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ޙިޒްބުﷲ ގެ މެންބަރުންނާއި އެ މީހުންގެ ޢާއިލާތަކުގެ ޝަރަފުގައި ބުދަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާގެ އިންތިޚާބަކީ "ބިންހެލުމެއް" ކަމަށާއި އިސްރާއީލުގެ އިންތިޚާބަކީ "ބަލިވުމެއް" ކަމަށް ނަޢީމް ސިފަކުރެއްވި އެވެ. އޮކްޓޫބަރު 27 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި، ޙިޒްބުﷲ ގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ ޔަހޫދީ ނަތަންޔާހޫގެ އިއްތިހާދަށް ވެރިކަމުގައި ދެމިއޮތުމަށް ބޭނުންވާ 61 ގޮނޑި ހަމަކުރެވިފައެއް ނުވެ އެވެ.
މި ނަތީޖާތަކަކީ ލުބުނާނަށް ރަނގަޅު ފާލެއް ކަމަށާއި، އެއީ ޙިޒްބުﷲ ގެ ހަތިޔާރު ބެހެއްޓުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރަމުންދާ ފިއްތުންތަކަށް ލުބުނާނުން ދެކޮޅު ހަދަންވީ ވަގުތުކަން އަންގައިދޭ ސިގްނަލެއް ކަމަށް ނަޢީމް ވިދާޅުވި އެވެ.
"އާދޭ، އަޅުގަނޑުމެން އެންމެން އެކުގައި އަޅުގަނޑުމެންގެ ޤައުމު އަލުން އާރާސްތުކޮށް، ނާކާމިޔާބީގެ އަނދިރިކަމުން ޤައުމު ސަލާމަތްކުރަމާ ހިނގާ. އަދި، ބައިބައިވުން އުފައްދާ މީހުންނާއި އެމެރިކާގެ ބެލެނިވެރިކަމަށް ބަރޯސާވާ މީހުންގެ ހުސް ވާހަކަތަކުން ޤައުމު ރައްކާތެރިކުރަމާ،" ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރުގައި އޭނާ ވިދާޅުވި އެވެ. "ލުބުނާނަކީ އަޅުގަނޑުމެން އެންމެންގެ ޤައުމު. ޤައުމު ބިނާކުރުމުއާއި ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުމުގެ އަގު އަދާކުރުމުގައި އަޅުގަނޑުމެންނަކީ ބައިވެރިން،" ނަޢީމް ވިދާޅުވި އެވެ.
ޙިޒްބުﷲ ގެ ހަތިޔާރުތައް ދެމެހެއްޓުން
އީރާނުގެ މަދަދު ލިބޭ ކަމަށް ހުޅަނގުން ތުހުމަތުކުރާ ޙިޒްބުﷲ އާއި އެމެރިކާގެ ތާއީދު އޮންނަ ލުބުނާނުގެ ރައީސް ޔޫސުފް ޢައުންއާ ދެމެދު މިހާރު ވަނީ ޙިޒްބުﷲ ގެ ހަތިޔާރު ބެހެއްޓުމާ މެދު ބޮޑު ޚިޔާލުތަފާތުވުމެއް އުފެދިފަ އެވެ. ވޮޝިންގޓަނުން އެދޭ ގޮތަށް ހަތިޔާރު ދޫކޮށްލުމަކީ ޔަހޫދީ އިސްރާއީލަށް އަމާންދިނުން ފަދަ ކަމެއް ކަމަށް ޙިޒްބުﷲ އިން ބުނެ އެވެ.
ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައި އިސްރާއީލުގެ އަސްކަރީ އިސްތިޢުމާރު ދެމިއޮތްހާ ހިނދަކު، އެ ޖަމާޢަތުގެ ހަތިޔާރުތައް ހަވާލުނުކުރާނެ ކަމަށް ޙިޒްބުﷲ ގެ އިސްވާރު ވިދާޅުވި އެވެ. "އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި، ރެސިސްޓެންސްގެ ހަތިޔާރުތަކުގެ މައްޗަށް ދައުލަތުގެ މޮނޮޕޮލީއެއް ނޯންނާނެ. އަދި، އެ ހަތިޔާރުތައް ގަވާއިދަކަށް ފެއްތުމެއް، މަނާކުރުމެއް ނުވަތަ ހަތިޔާރު ބެހެއްޓުމެއް ވެސް ނޯންނާނެ،" ނަޢީމް ވިދާޅުވި އެވެ.
ނަޢީމް ޙިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ، 2024 ވަނަ އަހަރު ޔަހޫދީ އިސްރާއީލުން ދިން ހަމަލާތަކުގައި ކުރީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ނަޞްރުالله އާއި އޭނާއަށްފަހު މަގާމާ ހަވާލުވެވަޑައިގެންނެވި ހާޝިމް ޞަފިއްޔުއްދީން ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
މިހާރު ހިނގަމުންދާ ހަނގުރާމަ ފެށިގެން އައީ ފެބުރުވަރީ މަހު އެމެރިކާއާއި އިސްރާއީލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާދީ، އީރާނުގެ އިސް ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އޭގެ ރައްދުގައި ޙިޒްބުﷲ އިން އިސްރާއީލަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވުމުން، އިސްރާއީލުން ވަނީ ހަފުތާތަކެއް ވަންދެން ލުބުނާނުގެ ދެކުނަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގައި 4,300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ލުބުނާނުގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. ހަމަމިއާއެކު، ގާތްގަނޑަކަށް އެއް މިލިޔަން މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އދ. އިން ބުނެ އެވެ.
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އާގުބޯޓުފަހަރު ދަތުރުކުރާ މަގުތައް ހުއްޓުމަކަށް އައުމަކީ ސަރަހައްދުގައި އެމެރިކާއާއި އިސްރާއީލުގެ ނުފޫޒު ބަލިކަށިކޮށްލާނެ ކަމެއް ކަމަށް ވިދާޅުވެ، އީރާނުގެ އެ ފިޔަވަޅަށް ނަޢީމް ތަޢުރީފު ކުރެއްވި އެވެ.
މިދިޔަ ހަފުތާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ފަހަތުގައި އީރާން ހަނގުރާމައާއި އެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުން ހިމެނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބު ރައީސް އަދި 2028 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ޖޭޑީ ވެންސް ވެސް ވަނީ އެއްބަސްވެވަޑައިގަންނަވާފަ އެވެ. "އަޅުގަނޑުމެން ބަލިވި ސަބަބަކީ ހަނގުރާމަ. ޚުދު ރައީސް ވެސް އެހެން ވިދާޅުވި،" މިދިޔަ ހަފުތާގައި ވެންސް ވިދާޅުވި އެވެ.
ހަތިޔާރު ބެހެއްޓުމުގެ ޝަރުތުތައް
ޔަހޫދީ އިސްރާއީލުގެ މަގުސަދުތަކަށް ޚިދުމަތްކުރާ ފަދަ އެއްބަސްވުންތަކާއި ވަޢުދުތައް ނުވުމަށް ގޮވާލައްވައި، ޤައުމުގެ ދާޚިލީ މައްސަލަތަކަށް އިސްކަންދިނުމަށް ލުބުނާނުގެ އިދާރާތަކަށް ނަޢީމް އިންޒާރު ދެއްވި އެވެ. "އިސްރާއީލުގެ މަޝްރޫއަށް ޚިދުމަތްކުރާ ފަދަ މަގާމުތަކަކަށް ދުނިޔޭގެ ކުރިމަތީގައި ތިޔަ ބޭފުޅުން އަމިއްލައަށް ބަނދެވިގަންނަނީ ކީއްވެތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.
ލުބުނާނުގެ ދެކުނުގެ ބޮޑު ސަރަހައްދެއް ޔަހޫދީ އިސްރާއީލުން އަދިވެސް އިސްތިޢުމާރުކޮށްގެން އޮތްއިރު، އެ ސަރަހައްދުގައި އިސްރާއީލުން އަތްގަދަކޮށްފައިވާ ގާތްގަނޑަކަށް 60 އަވަށާއި ރަށުގެ ތެރެއިން އެތައް ރަށެއް ވަނީ ސުންނާފަތިކޮށްލާފަ އެވެ. އެމެރިކާގެ މެދުވެރިއެއްގެ ދައުރާއެކު ޖޫން މަހު އިސްރާއީލާއި ލުބުނާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ޔަހޫދީ އިސްރާއީލުން ދަނީ ލުބުނާނުގެ ދެކުނަށް ބޮން އެޅުން ކުރިއަށް ގެންދަމުންނެވެ.
މަސްދަރު: އަލް ޖަޒީރާ











