26 އަހަރަށްފަހު ހިމަބިހި ނައްތައިލެވިފައިވާ ޤައުމެއްގެ ދަރަޖަ އެމެރިކާއަށް ގެއްލިއްޖެ
14 ނޮވެމްބަރު 2026 | ހޮނިހިރު 07:45އެމެރިކާގައި ހިމަބިހި ފެތުރުން އިތުރުވެ، ވެކްސިން ޖަހާ މިންވަރު ދަށްވުމާ ގުޅިގެން އެ ޤައުމަކީ ހިމަބިހި ނައްތައިލެވިފައިވާ ޤައުމެއްގެ ގޮތުގައި އޮތް ދަރަޖަ ގެއްލިއްޖެ. ސިއްހީ މާހިރުން ބުނާ ގޮތުގައި މިއީ ވެކްސިނާމެދު އާންމުންގެ އިތުބާރު ކުޑަވުމުގެ ނަތީޖާއެއް ކަމުން، މި ބަލި ކޮންޓުރޯލު ކުރުމަށް އާބާދީގެ %95 މީހުން ވެކްސިން ފުރިހަމަކުރުން މުހިންމު


އެމެރިކާގެ ސިއްހަތާބެހޭ ވަޒީރު ރޮބަރޓް އެފް. ކެނެޑީ ޖޫނިއަރ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް
މެދުކެނޑުމެއްނެތި އެއް އަހަރަށް ވުރެ ގިނަ ދުވަހު ހިމަބިހި ފެތުރުން ހުއްޓުވިފައި ނުވާތީ، 26 އަހަރަށް ފަހު އެމެރިކާއަށް ލިބިފައި އޮތް ހިމަބިހި ނައްތައިލެވިފައިވާ ޤައުމެއްގެ ދަރަޖަ ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަނުން (ޕީއޭއެޗްއޯ) އުވާލައިފި އެވެ. މި ކަން ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ދި ވޯލް ސްޓްރީޓް ޖަރނަލްއިންނެވެ.
މި ކަމާ ގުޅޭ ރމަޢުލޫމާތު އިނގޭ ފަރާތްތަކާ ހަވާލާދީ އެ ނޫހުގައި ޝާއިޢުކުރި ރިޕޯޓާ ގުޅޭ ގޮތުން، ސުވާލުކުރުމުން ސިއްހަތާބެހޭ ބައިނަލްއަގުވާމީ ޖަމުޢިއްޔާއެއް ކަމަށްވާ ޕީއޭއެޗްއޯއިން ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް، 2025 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާގައި ގާތްގަނޑަކަށް 7,500 މީހުންނަށް ހިމަބިހި ޖެހި، 13 މީހުން ވަނީ މަރުވެފަ އެވެ. މި މުއްދަތުގައި ބަލި ފެތުރުން އިތުރުވެފައި ވަނީ، ހިމަބިހި ވެކްސިންގެ ރައްކާތެރިކަމާ މެދު ސައިންޓިފިކް ހެއްކެއް ނެތި އަހަރުތަކެއް ވަންދެން ޝައްކު އުފައްދަވަމުން ގެންދެވި އެމެރިކާގެ ސިއްހަތާ ބެހޭ ވަޒީރު ރޮބަރޓް އެފް. ކެނެޑީ ޖޫނިއަރގެ ދައުރުގައި، ވެކްސިން ޖަހާ ނިސްބަތް ދަށްވެ، ވެކްސިނާމެދު އާންމުން ޖެހިލުންވާ މިންވަރު އިތުރުވުމާ ގުޅިގެންނެވެ.
ބަލި ފެތުރުނު މިންވަރާއި ސީޑީސީގެ ހޯދުންތައް
ޕީއޭއެޗްއޯއިން ކުރިއަށް ގެންދިޔަ ދިރާސާގައި، ބޭރު ޤައުމުތަކުން އެމެރިކާއަށް ދަތުރުކުރާ ބަލިމީހުންގެ ފަރާތުން ފެތުރޭ ބައްޔެއްގެ ބަދަލުގައި، އެމެރިކާގެ އެތެރޭގައި އެއް ވައްތަރެއްގެ ހިމަބިހި ވައިރަހެއް މެދުކެނޑުމެއް ނެތި 12 މަސްދުވަހަށްވުރެ ގިނަ ދުވަހު ދައުރުވަމުން ދިޔަތޯ ބެލުމަށް އެޕިޑެމިއޮލޮޖިކަލް އަދި ލެބޯޓްރީ ހެކިތައް ވަނީ ދިރާސާކޮށްފަ އެވެ. އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއަށް (ސީޑީސީ) ބުރާސްފަތި ދުވަހާ ހަމައަށް ލިބިފައިވާ ރިޕޯޓުތަކަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ ކަން ކަށަވަރުކުރެވުނު 5,182 މައްސަލަ ވަނީ ފެނިފަ އެވެ. އެމެރިކާގެ 45 ސްޓޭޓަކާއި، ނިއު ޔޯކް ސިޓީ އަދި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއިން މި މައްސަލަތައް ރިޕޯޓުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މުޅި އަހަރު ތެރޭގައި ރިޕޯޓުކުރެވުނު 2,289 މައްސަލައަށްވުރެ މަތީ އަދަދެކެވެ. މިއާއެކު، މިއީ ފާއިތުވި ދަހަރުތަކުގެ ތެރޭގައި އެމެރިކާގައި ހިމަބިހި އެންމެ ބޮޑަށް ފެތުރުނު އެއް ފަހަރު ކަމަށް ސިއްހީ އިދާރާތަކުން ފާހަގަކުރެ އެވެ.
ސީޑީސީގެ އެ ރިޕޯޓު އަދި އޮތީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ނަމަވެސް، އެ އިދާރާގެ ހޯދުންތަކަށް އެނގޭ މަސްދަރަކުން ބުނީ އެމެރިކާގައި 12 މަސްދުވަސް ވަންދެން މެދުކެނޑުމެއް ނެތި ވައިރަސް ފެތުރެމުން ދިޔަކަން ސީޑީސީން ނިންމާފައިވާ ކަމަށެވެ.
ވެކްސިންގެ ރައްކާތެރިކަމާއި ދަރަޖަ އަލުން ހޯދުމުގެ ޝަރުތުތައް
އެމެރިކާއިން ހިމަބިހި ނައްތައިލެވިފައިވާ ޤައުމެއްގެ ދަރަޖަ އެންމެ ފުރަތަމަ ހާސިލުކުރީ 2000 ވަނަ އަހަރު އެވެ. ޤައުމެއްގައި ބަލި ފެތުރުން ހުއްޓުވޭނީ އާބާދީގެ %95 މީހުންނަށް ވެކްސިން ދީގެން، ވެކްސިން ނުޖެހޭ މީހުންނަށް ވެސް ރައްކާތެރިކަން ލިބޭ ފަދަ ޖަމާޢީ ދިފާޢީ ބާރެއް ނުވަތަ "ހަރޑް އިމިއުނިޓީ" އުފެއްދުމުންނެވެ. ލޯ އަނދިރިވުމާއި، ބީރުވުމާއި، ސިކުނޑިއަށް ގެއްލުންވުން އަދި ފުރާނައަށް ނުރައްކާ ވުން ފަދަ ހާލަތްތައް މެދުވެރިކުރުވާ މި ވައިރަހުން ރައްކާތެރިވުމަށް އޮތް އެންމެ މޮޅު ގޮތަކީ ވެކްސިން ޖެހުން ކަމަށްވާއިރު، ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން %97 ރައްކާތެރިކަން ލިބެ އެވެ.
ޖޯންސް ހޮޕްކިންސް ބްލޫމްބަރގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެޕިޑެމިއޮލޮޖީ ޕްރޮފެސަރު ވިލިއަމް މޮސް ވިދާޅުވީ، ހިމަބިހި ނައްތައިލެވިފައިވާ ކަމުގެ ދަރަޖަ ގެއްލުމަކީ އާންމު ސިއްހަތުގެ ދާއިރާއިން އެމެރިކާއަށް އޮތް ބޮޑު ބާރުވެރިކަމާއި އަގަށް ލިބުނު ހީނަރުކަމެއް ކަމަށެވެ. މި ކަމުގެ ސަބަބުން އެހެން ޤައުމުތަކުގެ ހިތްވަރު ވެސް އެލިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އެމެރިކާގެ އާންމު ރައްޔިތުންނަށް މީގެ މާނައަކީ، އެ ޤައުމުގައި ބޮޑެތި ރޯގާތައް ފެތުރުން ކުރިއަށް އޮތް ތަނުގައި ވެސް ދެމިއޮވެ، ބަލިޖެހުމާއި ހަސްފަތާލުތަކުގައި އެޑުމިޓުކުރަން ޖެހުން އަދި މަރުވުމުގެ ނުރައްކަލަށް މީހުން ހުށަހެޅުން ކަމަށް ޕްރޮފެސަރު މޮސް ވިދާޅުވި އެވެ.
ހިމަބިހި ނައްތައިލެވިފައިވާ ޤައުމެއްގެ ދަރަޖަ އަލުން އިއާދަކުރުމަށް ޓަކައި، އެ ޤައުމެއްގައި ބަލި ފެތުރުން އެއްކޮށް ހުއްޓުވައި، މަދުވެގެން 12 މަސްދުވަސް ވަންދެން އެއްވެސް ރޯގާއެއް ނުފެތުރި އޮންނަން ޖެހެ އެވެ. މި ރިޕޯޓާ ގުޅިގެން އެމެރިކާގެ ސިއްހަތާބެހޭ ވުޒާރާއިން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
މަސްދަރު: ރޮއިޓަރސް











