އޭޝިއާގައި މަކަރާއި ހީލަތުން 136.5 ބިލިޔަން ޑޮލަރު ފޭރިގަނެފި، އޭއައިގެ ނުރައްކަލާމެދު މާހިރުންގެ އިންޒާރު!
15 ނޮވެމްބަރު 2026 | އާދީއްތަ 07:10އޭއައި ބޭނުންކޮށްގެން ހިންގާ ސްކޭމްތައް އާދަޔާޚިލާފަށް އިތުރުވަމުންދާތީ، މިއީ ހަމައެކަނި ވަކި ޤައުމަކަށް ނުވަތަ ކުންފުންޏަކަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށް މާހިރުން އިންޒާރުދީފި. މި ފަދަ މަކަރުވެރި އަމަލުތަކުން ރައްޔިތުން ރައްކާތެރިކުރުމަށް ޓަކައި ބައިނަލްއަގުވާމީ އެއްބާރުލުން ވަރުގަދަކޮށް، ޓެކްނޮލޮޖީ ކުންފުނިތަކުން އިތުބާރު ހުރި ނިޒާމުތަކެއް ބިނާކުރުމަށް ވަނީ ގޮވާލާފައި


'ހުޑީ' އެއް އަޅައިގެން އިން މީހަކު ލެޕްޓޮޕް ކޮމްޕިއުޓަރެއް ކުރިމަތީގައި އިށީނދެ އިދެ، މޮބައިލް ފޯނަކާ ކުޅެނީ | ގެޓީ އިމޭޖަސް
ފުޅާ ދާއިރާއެއްގައި މަކަރާއި ހީލަތް ހެދުމުގެ އަމަލުތައް އޮޓޮމޭޓްކޮށް، ގިނަ އަދަދެއްގެ ބަޔަކު މަޅީގައި ޖެއްސުމަށް ކުށްވެރިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، ބައިނަލްއަގުވާމީ އެއްބާރުލުން ވަރުގަދަކުރުމަށް މާހިރުން ގޮވާލައިފި އެވެ. މި ގޮވާލުން އައިސްފައި ވަނީ، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އޭޝިއާ ސަރަހައްދުގައި ހިންގި އެކި ސްކޭމްތަކުން 136.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އަންދާޒާކުރެވޭ ދަނޑިވަޅެއްގަ އެވެ.
ސަރަހައްދީ އިމުން ބޭރުން ހިންގާ އޮޕަރޭޝަންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޤާނޫނުގެ އަތްދަށުން ސަލާމަތްވުމަށް ކުށްކުރާ ގުރޫޕުތަކުން މަސައްކަތް ކުރަމުންދާއިރު، މި ބޮޑު ނުރައްކަލާ ކުރިމަތިލުމަކީ ހަމައެކަނި ސަރުކާރުތަކަށް ނުވަތަ ޓެކްނޮލޮޖީ ކުންފުނިތަކަށް ވަކިވަކިން ކުރެވޭނެ ކަމެއް ނޫން ކަމަށް ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސްއިން (ޖީއޭއެސްއޭ) އިންޒާރު ދީފި އެވެ.
"މި ކަމާ ދެކޮޅަށް ޤައުމުތަކަށް އެކަނި މަސައްކަތެއް ނުކުރެވޭނެ. ބޮޑެތި ޓެކް ކުންފުނިތަކަށް ވެސް އެކަންޏެއް ނުކުރެވޭނެ. ސްކޭމަރުން އަބަދު ވެސް މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ އިމުން ބޭރުން ކަމަށްވާތީ، އެ މީހުން އަތުލައިގަތުމުގެ ފުރުސަތު އޮތީ ސުމަކާ ގާތްކުރާ މިންވަރެއްގައި،" ޖީއޭސީއޭގެ މެނޭޖިންގ ޑިރެކްޓަރު ޖޯރިޖް އަބްރަހަމް ވިދާޅުވި އެވެ. "އިންޓަޕޯލްއާއި ޔޫރޯޕޯލް ފަދަ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަވެސް، އެ އިދާރާތަކަށް ވެސް ހުރަސްތަކެއް އެބަހުރި."
ކެމްބޯޑިއާ ފަދަ ޤައުމުތަކުގައި ހިންގަމުންދިޔަ ބޮޑެތި ސްކޭމް މަރުކަޒުތަކާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އެ ވިއުގަތައް އެއްކޮށް ނައްތާލެވުމުގެ ބަދަލުގައި އެކި ސަރަހައްދުތަކަށް ބެހިގެން ގޮސްފައިވާ ކަމަށް އަބްރަހަމް ފާހަގަކުރި އެވެ. މި ގޮތުން، މެދުއިރުމައްޗާއި މެކްސިކޯގެ އިތުރުން އިރުމަތީ ވިލާތުގެ ޤައުމުތަކުގައި މިހާރު ސްކޭމް އޮޕަރޭޝަންތައް ފެށިފައިވާ ކަމަށާއި، ބޮޑެތި މަރުކަޒުތަކުގެ ބަދަލުގައި ހޮޓާތަކާއި ކުއްޔަށް ހިފާފައިވާ ތަންތަނުގައި ކުދި ގްރޫޕުތަކުގެ ގޮތުގައި ކުށްވެރިން ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ސަބަބުން އެ މީހުން ދެނެގަނެ، އެ ވިއުގަތައް ރޫޅާލުމަށް އިތުރު ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްރަހަމް މި އިންޒާރު ދެއްވާފައި މި ވަނީ، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އޭޝިއާގެ 13 މާކެޓަކުން ސާވޭ ކުރި ބޮޑެތި މީހުންގެ ތެރެއިން %71 މީހުންނަށް ކޮންމެ ވެސް ސިފައެއްގައި ސްކޭމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދައްކާ ރިޕޯޓެއް އޮކްޓޫބަރު މަހު ޖީއޭސީއޭއިން އާންމުކޮށްފައި ވަނިކޮށެވެ. ނެދަލެންޑްސްގެ ދި ހޭގްގައި މައި މަރުކަޒު ޤާއިމުކޮށްފައިވާ މި ޖަމުޢިއްޔާއަކީ، މަކަރާއި ހީލަތް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތައް ގުޅުވައިދޭ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއެކެވެ.
ސްކޭމް ހުއްޓުވާ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ގޯގޯލުކްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ސިންގަޕޫރާއި މެލޭޝިއާއާއި ތައިލެންޑާއި އިންޑޮނޭޝިއާ އަދި ޗައިނާއާއި އިންޑިއާ ހިމެނޭ ގޮތަށް ޖުމުލަ 17،460 މީހުންގެ ޚިޔާލު ހޯދާފައިވެ އެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، ސްކޭމްތައް ދެނެގަނެވޭނެ ކަމުގެ އިތުބާރު އޮތް ކަމަށް %66 މީހުން ބުނި ނަމަވެސް، ސްކޭމަކާ ކުރިމަތިލާން ޖެހުނު މީހުންގެ ތެރެއިން %62 މީހުން ވަނީ ސްކޭމް ހިންގާ ފަރާތްތަކާ މުޢާމަލާތުކޮށްފަ އެވެ. އަދި، މުޢާމަލާތް ކުރި މީހުންގެ ތެރެއިން %26 މީހުންގެ އަތުން ފައިސާ ގެއްލިފައިވެ އެވެ.
އޭއައިގެ ސަބަބުން މަކަރާއި ހީލަތް ދެނެގަތުން އުނދަގޫވުން
ބެންގކޮކްގައި ނޮވެންބަރު 10 ވީ އަންގާރަ ދުވަހު ބޭއްވި ޖީއޭސީއޭގެ ސަރަހައްދީ ސަމިޓުގެ ހަވާސާގައި އަބްރަހަމް ވިދާޅުވީ، އޭއައިއަށް އަންނަމުންދާ ހަލުވި ކުރިއެރުންތަކުގެ ސަބަބުން މަކަރުވެރި މެސެޖުތައް ގަބޫލުކުރަން ފަސޭހަވެ، ދުވަހަކު ވެސް ނުފެންނަ ފަދަ ބޮޑު މިންވަރަކަށް މީހުންނަށް އަމާޒުކުރުމުގެ ފުރުސަތު ކުށްވެރިންނަށް ލިބިފައިވާ ކަމަށެވެ.
ސްކޭމަރުން އަމިއްލައަށް ލިޔާ މެސެޖުތަކަށްވުރެ، އޭއައި ބޭނުންކޮށްގެން ތައްޔާރުކުރާ ފިޝިންގ އީމެއިލްތަކާއި ޓެކްސްޓް މެސެޖުތައް ފަސް ގުނަ އިތުރަށް ކާމިޔާބުވާ ކަމަށް ދިރާސާތަކުން ދައްކާ ކަން އޭނާ ފާހަގަކުރި އެވެ. މިއަށްވުރެ ވެސް ކަންބޮޑުވާންޖެހޭ ކަމަކީ، ޝިކާރައަކަށް ވާނެ މީހުން ދެނެގަތުމުން ފެށިގެން، އެ މީހުންނާ ގުޅޭ ގޮތަށް ޚާއްސަ މެސެޖުތައް ފޮނުވުމާއި، ވާހަކަދެއްކުން ކުރިއަށް ގެންދިއުމުގެ އިތުރުން، ވަގު ވެބްސައިޓްތަކަށް މީހުން ވެއްދުމާ ހަމައަށް ސްކޭމްގެ މުޅި މަރުހަލާ އޭއައި މެދުވެރިކޮށް އޮޓޮމޭޓް ކުރަމުންދާ ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި މި މަރުހަލާ މިހާރު އޮތީ އެއްކޮށް އޮޓޮމޭޓް ކުރެވިފައި،" އަބްރަހަމް ވިދާޅުވި އެވެ. "އޭގެ މާނައަކީ މަކަރުވެރި މެސެޖުތައް ދެނެގަންނަން ނޭނގޭހާ ފުރިހަމަވުމުގެ އިތުރުން، ބޮޑު އާބާދީއަކަށް ވަކިވަކި ފަރުދުންނާ ގުޅޭ ގޮތަށް މެސެޖުތައް ފޮނުވުމުގެ ގާބިލުކަން ކުށްވެރިންނަށް ލިބިފައިވުން."
މި ބަދަލުތަކާއެކު، އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ކެންޕޭންތަކަކީ މުހިންމު ކަމެއް ނަމަވެސް، މަކަރާއި ހީލަތުގެ މަޅީގައި ޖެހުމުން އާންމުން ސަލާމަތްކުރުމަށް އެކަނި އެ ކަންކަމުން ނުފުދޭނެ ކަމަށް އަބްރަހަމް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ހޭލުންތެރިކުރުވުމަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެއް. އެއީ، އަދިވެސް ކޮންމެހެން ބޭނުންތެރި ކަމެއް. ނަމަވެސް، އާދައިގެ ރައްޔިތުންނަށް ސްކޭމްތައް ދެނެގަނެވޭނެ ކަމަށް އުންމީދެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. "ސްކޭމަރުން މިހާރު މާ ބޮޑަށް މޮޅުވެއްޖެ. އަސްލާ ވަކިކުރަން ނޭނގޭހާ ފުރިހަމައަށް މަކަރު ހެދުމަށް އެ މީހުން ދަނީ އޭއައި ބޭނުންކުރަމުން. އަޅުގަނޑުމެން ޖެހޭނީ އުމްރާނީ ފެންވަރުގައި ރައްޔިތުންނަށް މިއަށްވުރެ މާ ބޮޑު ރައްކާތެރިކަމެއް ފޯރުކޮށްދޭން."
އެންމެ ގިނައިން ސްކޭމް ހިންގަނީ ފޯނު ކޯލުތައް މެދުވެރިކޮށް
އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ އުކުޅުތައް ކިތަންމެ ކުރިއަރާފައިވީ ނަމަވެސް، އޭޝިއާގެ ޤައުމުތަކުގައި މީހުންނާ މުޢާމަލާތު ކުރުމަށް ސްކޭމަރުން އެންމެ އާންމުކޮށް ބޭނުންކުރަނީ އާދައިގެ ފޯނު ކޯލުތައް ކަމަށް ދިރާސާއިން ދައްކަ އެވެ. ރިޕޯޓުގައިވާ ގޮތުން، ސާވޭގައި ބައިވެރިވި %56 މީހުންނަށް ސްކޭމާ ކުރިމަތިލާން ޖެހިފައި ވަނީ ފޯނު ކޯލުތައް މެދުވެރިކޮށެވެ. މީގެ އިތުރުން، %50 މީހުންނަށް ޓެކްސްޓް މެސެޖު މެދުވެރިކޮށް އަދި %40 މީހުންނަށް އިންސްޓަންޓް މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ސްކޭމަރުން ގުޅާފައިވާއިރު، އެންމެ އާންމުކޮށް ހިންގާފައި ވަނީ ވިޔަފާރިކުރުމާއި އިންވެސްޓްމަންޓް އަދި ވަޒީފާ ދިނުމުގެ ނަމުގައި ހިންގާ ސްކޭމްތަކެވެ.
ފޯނު މެދުވެރިކޮށް ހިންގާ ސްކޭމްތައް ވެސް ހަލުވިކަމާއެކު ބަދަލުވަމުންދާ ކަމަށް ގޯގޯލުކްގެ ކޯ-ފައުންޑަރު އަދި ސީއީއޯ ޖެފް ކޯ ވިދާޅުވި އެވެ. އޭއައި މެދުވެރިކޮށް އުފައްދާ އަޑުތައް ބޭނުންކޮށްގެން، ކުންފުނިތަކުގެ އިސްވެރިންނާއި ޢާއިލާގެ މެންބަރުންގެ ނަމުގައި ވާހަކަދައްކައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު ކުށްވެރިންނަށް ލިބިފައިވާ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ. ކުށްވެރިން އަވަސްއަވަހަށް ފޯނު ނަންބަރުތައް ބަދަލުކުރި ނަމަވެސް، ޝައްކުކުރެވޭ ފަދަ ގޮތްގޮތަށް ކޯލުތައް ކުރާ ނަންބަރުތައް ދެނެގަތުމަށް ގޯގޯލުކުން މެޝިން ލަރނިންގ ބޭނުންކުރަމުންދާ ކަން ކޯ ހާމަކުރެއްވި އެވެ.
"އޭއައި އަޑުތަކާއި ގަބޫލުކުރަން ފަސޭހަ ސްކްރިޕްޓްތައް ސްކޭމަރުން ބޭނުންކުރަމުންދާއިރު، މީހުން އެ ކޯލުތަކަށް އިޖާބަދިނުމުގެ ކުރިން ޝައްކުކުރެވޭ ނަންބަރުތައް ދެނެގަނެ އިންޒާރު ދިނުމަކީ ކުރިއަށްވުރެ މާ މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ހަމަމިއާއެކު، އެއް ފަހަރު ސްކޭމެއްގައި ޖެހޭ މީހުން ތަކުރާރުކޮށް އެ ފަދަ މަޅިތަކުގައި ޖެހުމުން ސަލާމަތްކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ޖީއޭސީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މި ގޮތުން، ފައިސާ ގެއްލުނު މީހުންގެ ތެރެއިން %51 މީހުންނަކީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ސްކޭމްގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ.
ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަނެ މޮނިޓަރު ކުރުމަށް ކަމާބެހޭ އިދާރާތަކަށާއި ޓެކް ކުންފުނިތަކަށް އޭއައިގެ އެހީތެރިކަން ލިބުނު ނަމަވެސް، ޤާނޫނީ އަދި އުސޫލީ ހުރަސްތަކެއް ނެތި އައު ޓެކްނޮލޮޖީތައް ބޭނުންކުރުމުގެ މިނިވަންކަން ކުށްވެރިންނަށް އޮތް ކަން އަބްރަހަމް ފާހަގަކުރެއްވި އެވެ.
"ސްކޭމަރުންނަކަށް އެއްވެސް ޤާނޫނެއް ނުވަތަ ލައިސަންސެއްގެ ހުރަހެއް ނެތް. އެ މީހުންނަށް ލިބުނު ކޮންމެ އެއްޗެއްގެ ބޭނުން ހިފާނެ. އެހެންކަމުން، ސްކޭމްތައް ދެނެގަތުމަށާއި މޮނިޓަރު ކުރުމުގެ ކަންކަން އޮޓޮމޭޓް ކުރުމަށް ހެޔޮ ގޮތުގައި އޭއައި ބޭނުންކުރެވުނު ނަމަވެސް، ހަމައެކަނި އެ ކަމަކުން މި މައްސަލައަށް ހައްލެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ޓްރެފިކަށްވުރެ އިތުބާރަށް އިސްކަންދިނުމަށް ޓެކް ކުންފުނިތަކަށް ގޮވާލުން
އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރަމުންދާ ކަމަށް ޓެކްނޮލޮޖީ ކުންފުނިތަކުން ބުނެ އެވެ. ސޯޝަލް މީޑިއާގެ ބޮޑު ކުންފުނި ކަމަށްވާ މެޓާގެ ސެކިއުރިޓީ ޕޮލިސީ މެނޭޖަރު ރީމާ އަމީން ވިދާޅުވީ، ސްކޭމް ވިއުގަތައް ދެނެގަނެ އެ ވިއުގަތައް ހުއްޓުވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ނެޓްވޯކެއް ހުއްޓުވާއިރު، އަޅުގަނޑުމެންގެ ސިސްޓަމްތަކަށް އޭރު ދެނެނުގަނެވި ހުރި އުކުޅުތައް ސްކޭމަރުން ބޭނުންކޮށްފައި ވަނީ ކިހިނެއްތޯ ބަލަން. އެއަށްފަހު އަޅުގަނޑުމެންގެ ޓީމުތަކުން އެ ކަންކަން ދިރާސާކޮށް، ކުރިއަށް އޮތް ތަނުގައި އެ ފަދަ ކަންކަމުން ދިފާއުވެ ރައްކާތެރިވުމަށް ޓަކައި އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކަށް އެ ބަދަލުތައް ގެންނަން،" ސަމިޓުގެ ތެރެއިން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އަމީން ވިދާޅުވި އެވެ.
މި ގޮތުން، ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި މެޓާއިން 150،000 އެކައުންޓް އުވާލާފައިވާއިރު، ސްކޭމްތަކުގައި ބައިވެރިވާ ކަމަށް ޝައްކުކުރެވޭ 21 މީހަކު ތައިލެންޑްގެ ފުލުހުން ހައްޔަރުކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބްލޮކް ކުރުމަށްފަހު ވެސް މަކަރުވެރި ވެބްސައިޓްތައް ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުންދާތީ، ވަކިވަކި ކުންފުނިތަކުން ކުރާ މަސައްކަތުން އެކަނި ނުފުދޭނެ ކަމަށް އަމީން އެއްބަސްވެވަޑައިގެންނެވި އެވެ.
ފޭސްބުކް އަދި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ މެޓާގެ ބްލޮކްލިސްޓުގައި ހިމެނޭ ސްކޭމް ވެބްސައިޓްތައް، އެ ޕްލެޓްފޯމްތަކުން ބްލޮކް ކުރުމަށްފަހު ވެސް އެވްރެޖްކޮށް ތިން އަހަރު ދުވަހު އޮންލައިންކޮށް ދެމިއޮންނަ ކަމަށާއި، އޭގެ ސަބަބުން އެހެން ތަންތަނުގައި އެ ސައިޓްތައް ދައުރުވުމުގެ ފުރުސަތު ލިބޭ ކަމަށް މެޓާއިން ވަނީ ހޯދާފަ އެވެ.
"އަޅުގަނޑުމެން މި ދަނީ އަޅުގަނޑުމެންގެ ބްލޮކްލިސްޓް އެހެން ފަރާތްތަކާ ހިއްސާކުރަމުން. އޭރުން އެހެން ޕްލެޓްފޯމްތަކަށް ވެސް އެ މަޢުލޫމާތުގެ ބޭނުން ހިފައިގެން އަމިއްލަ ރައްކާތެރިކަން ހޯދޭނެ. މިއީ އެއްވެސް ޕްލެޓްފޯމަކުން ނުވަތަ މުއައްސަސާއަކުން ވަކިން ވިސްނައިގެން ހައްލުކުރެވޭނެ މައްސަލައެއް ނޫން. އަޅުގަނޑުމެން ޖެހޭނީ މުޅި ޑިޖިޓަލް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން،" އަމީން ވިދާޅުވި އެވެ.
މަކަރުވެރި އިންވެސްޓްމަންޓެއް ނުވަތަ ގުޅުމަކީ ހަގީގަތެއް ކަމަށް މީހުންނަށް ގަބޫލުކުރެވުމުގެ ކުރިން، ކުރީކޮޅުގައި އެ ކަންކަމަށް ހުރަސްއެޅުމުގެ މުހިންމު ކަން އޭނާ ފާހަގަކުރެއްވި އެވެ. މިއާއެކު، ފައިސާގެ މުޢާމަލާތްތަކާ ހަމައަށް ދިއުމުގެ ކުރިން ޝައްކުކުރެވޭ މުޢާމަލާތްތަކާމެދު ބޭނުންކުރާ ފަރާތްތަކަށް ވަގުތުން އިންޒާރު ދިނުމަށް މެޓާއިން "ޖަސްޓް-އިން-ޓައިމް ވޯނިންގްސް" ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްނޮލޮޖީ ކުންފުނިތަކުން ސްކޭމް ހުއްޓުވުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް ގޯގޯލުކްގެ ވޯ ވިދާޅުވިއިރު، ޑިޖިޓަލް ޕްލެޓްފޯމްތަކުން ގިނަ ފަހަރަށް އިސްކަންދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށްވުރެ ބޮޑަށް ބޭނުންކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ. "އަޅުގަނޑުމެން ކޮންމެ ދުވަހަކު ބޭނުންކުރާ ޕްލެޓްފޯމްތަކުގެ އެންމެ ބޮޑު މަގުސަދަކަށްވެފައި އޮންނަނީ އިތުބާރު އުފައްދާނެ ނިޒާމުތައް ބިނާކުރުމުގެ ބަދަލުގައި ޓްރެފިކް އިތުރުކުރުން،" ކޯ ވިދާޅުވި އެވެ.
ޑިޖިޓަލް ޕްލެޓްފޯމްތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މަކަރާއި ހީލަތް ދެނެގަނެ ހުއްޓުވާ ނިޒާމުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި، ސައްހަ މަޢުލޫމާތާއި މަކަރުވެރި ކޮންޓެންޓް ވަކިކުރަން ނޭނގޭ ހިސާބަށް ކަންކަން ހިނގައްޖެ ނަމަ، ޓެކް ކުންފުނިތަކަށް އޭގެ ބޭނުންކުރާ މީހުން ގެއްލިގެން ހިނގައިދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ. "ޓްރެފިކްގެ ސަބަބުން ޕްލެޓްފޯމެއް ބިނާކުރެވިދާނެ. އެކަމަކު އެ ޕްލެޓްފޯމެއް ދެމެހެއްޓޭނީ ހަމައެކަނި އިތުބާރުގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.
މަސްދަރު: ސީއެންއޭ











