ރަސްމާލެއިން ބިން ދޭ މައްސަލައިގައި ދިވެހި ސިފައިން ތެދުވަން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ގޮވާލައްވައިފި
12 ނޮވެމްބަރު 2026 | ބުރާސްފަތި 08:36ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިނުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެކަން ހުއްޓުވަން ދިވެހި ސިފައިން ނުކުތުމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ގޮވާލެއްވި. މި މަޝްރޫއަކީ ގާނޫނުއަސާސީއާ ހިލާފަށް ހިންގާ އަމަލެއް ކަމަށާއި، ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް ރައީސް މުއިއްޒަށް ނަސޭހަތްތެރިވެ އެކަން ހުއްޓުވުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށް ޖަމީލް ފާހަގަކުރެއްވި


ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދޭ މަޝްރޫއާ ދެކޮޅަށް، އެކަން ހުއްޓުވުމަށް ދިވެހި ސިފައިން ތެދުވުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ބުދަ ދުވަހުގެރޭ ކުރިއަށްގެންދިޔަ ކުއްލި ހަރަކާތުގައި ޖަމީލު ވިދާޅުވީ، ރާއްޖެ ވިއްކާލައި، އެހެން ބަޔަކަށް ދީގެން ހިންގާ މި ބޮޑު ޣައްދާރުވުން ހިނގައިފިނަމަ އަންނަން އޮތް ޖީލުތަކުން އެކަން ކުރި ބަޔަކު ކުށްވެރި ކުރާނެ ކަމަށެވެ.
އޭގެ ހިތި ނަތީޖާ ތަހައްމަލުކުރަން ޖެހޭނެކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ، އިސްތިގުލާލާއި މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް މިއަދު އެޅިފައިވަނީ މާތް ﷲ ގަންދީ ހުވާކޮށްގެން ތިބި ދިވެހި ސިފައިންގެ ކޮނޑުގައި ކަމަށެވެ.
އެހެންކަމުން ސިފައިން މި މަޝްރޫއާ ދެކޮޅަށް ތެދުވުމަށް ޑރ. ޖަމީލު ގޮވާލެއްވި އެވެ.
އަޅުގަނޑު ހަމަ ޑައިރެކްޓް އިލްތިމާސެއް ރާއްޖޭގެ ސިފައިންނަށް މި ކުރަނީ، ތި ބޭފުޅުން ތި ތިއްބެވީ ހުވާކުރައްވައިގެން. ތި ބޭފުޅުންގެ ހުވާގައި އޮތީ ދިވެހި ގައުމުގެ ސިޔާދަތާއި ދިވެހި ޤައުމުގެ އިސްތިޤްލާލާއި ދިވެހި ޤައުމު ރައްކާތެރިކުރުމާއި ދިވެހީން ހިމާޔަތްކުރުމާއި ދިވެހި ފަސްގަނޑު ސަލާމަތްކުރުން. އެއީ ދިވެހިރާއްޖޭގެ ސިފައިންގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކަށް އޮތީ. މިއަދު މުޢިއްޒު އެ ކުރައްވަނީ ޤާނޫނުއަސާސީއާ ޚިލާފަށްޑރ. މުހައްމަދު ޖަމީލް އަހުމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލު ވިދާޅުވީ، އެއީ އެންމެ ފަރުދެއް ކަމަށާއި، އެމަނިކުފާނު އެ ކުރައްވަނީ އެއްވެސް ފަރުދަކަށް ލިބިގެންނުވާ އަދި ގާނޫނުން ތަންނުދޭ ކަމެއް ކަމަށެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ދިވެހި ރައްޔިތުން ދާއިމަށް ތަކުލީފު އުފުލަންޖެހި، ރާއްޖޭގެ ސިޔާދަތު ގެއްލިގެންދާ ހިނދު ސިފައިން ތެދުވެ ބަސްބުނަންޖެހޭ ކަމަށާއި، ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި ނަސޭހަތްތެރިވެ އެކަން ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ، ދިވެހީން އެންމެ ބޮޑަށް އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓާނެ އަސާސަކީ ދިވެހިންގެ ނަސްލާއެކު އޮތް ދީނީ ވަހުދަތު ކަމަށެވެ. އަދި 900 އަށް ވުރެ ގިނަ އަހަރު ވަންދެން މި ގައުމު ފަޚުރުވެރިކަމާއެކު ދެމިއޮތީ އިސްލާމްދީނުގެ މަތީގައި ކަމަށާއި، ކާބަފައިންގެ ކިބައިން ފެނުނު އެ ހިތްވަރަކީ އިސްލާމީ ވަހުދަތުން ލިބުނު ބާރެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.











