ދޮންފަނު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއު: މިހާރު ކުރިއަށް ދަނީ އެކޮމޮޑޭޝަން އެޕާޓްމަންޓެއްގެ މަސައްކަތް!
14 ނޮވެމްބަރު 2026 | ހޮނިހިރު 08:59ބ. ދޮންފަނު ސިއްހީ މަރުކަޒު އިތުރުކުރުމުގެ މަޝްރޫއު ފެނަކައާ ހަވާލުކުރިތާ އަހަރެއްވީއިރު ވެސް އަމަލީ މަސައްކަތް ނުފެށި ލަސްވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މި މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މިހާރު ކުރިއަށްދަނީ އެކޮމޮޑޭޝަން ބްލޮކެއްގެ މަސައްކަތް ކަމަށް މައުލޫމާތު ލިބޭ

ދޮންފަނު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއު: މިހާރު ކުރިއަށް ދަނީ އެކޮމޮޑޭޝަން އެޕާޓްމަންޓެއްގެ މަސައްކަތް! | ރާއްޖެ އެމްވީ
ބ. ދޮންފަނު ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް މަޑުޖެހިފައިވާތީ އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ދޮންފަނު ކައުންސިލް މެންބަރު އާމިނަތު ރަފާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮންފަނަށް ވަޑައިގެންނެވުމުގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.
އެގޮތުން މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ކަން ރަފާ ފާހަގަކުރެއްވި އެވެ. އެގޮތުން މި މަސައްކަތް ސޮއިކޮށްފައި އަހަރެއް ވެގެން ދިޔައިރު ވެސް މަސައްކަތް ނުފަށާ ކަމަށާއި މަސައްކަތް ފެށީ ރާއްޖެޓީވީ ޓީމުން ދޮންފަނަށް ދާކަން އެނގުމުން ކަމަށް ރަފާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދޮންފަނު ރައްޔިތުން މައުލޫމާތު ދިން ގޮތުގައި މިހާރު ކުރިއަށްދަނީ ހެލްތު ސެންޓަރު އެކްސްޓޭންޝަން އިމާރާތުގެ މަސައްކަތެއް ނޫނެވެ. އަދި މިހާރު ކުރިއަށް ދަނީ އެކޮމޮޑޭޝަން އެޕާޓްމަންޓެއްގެ މަސައްކަތް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒު ތަރައްގީކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުންތަކުގެ ދަށުން ބ. އަތޮޅު ހިތާދޫގައި އައުު ސިއްހީ މަރުކަޒެއް އިމާރާތް ކުރުމުގެ މަސައްކަތާއި، އެ އަތޮޅު މާޅޮހާއި ދޮންފަނު ސިއްހީ މަރުކަޒު މަރާމާތުކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތް ފެނަކައިން ކުރިއަށް ގެންދާނެ ކަމަށް މައުލޫމާތު ދީފައިވެ އެވެ.
ބ. އަތޮޅު ހިތާދޫގައި އައު ސިއްހީ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 2.19 މިލިއަން އެމެރިކާ ޑޮލަރަށެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މީގެ އިތުރުން ދޮންފަނާއި މާޅޮހުގެ ސިއްހީ މަރުކަޒު ފެންވަރު މަތިކުރުމުގެ މަސައްކަތް 785,000 އެމެރިކާ ޑޮލަރަށް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 545 ދުވަހުގެ ތެރޭގަ އެވެ.
ސިއްހީ މަރުކަޒުތައް ތަރައްގީކުރުމުގެ މި މަޝްރޫއުތަކުގެ ދަށުން ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީގެ އިތުރުން ނަރސް ސްޓޭޝަންތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕްރޮސީޖަރ ރޫމާއި، ގަރާޖާއި، ސްޓޯ ރޫމްގެ އިތުރުން ޕޯޓިކޯ އަދި ވަށާފާރު ރޭނުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު އާރިފް އެވެ.







