ޓްރަމްޕްގެ ދެ ދައުރުގެ އެންމެ ދަށް ތާއީދު، އިންތިޚާބުގައި ބަދަލުހިފަން އެމެރިކާގެ ރައްޔިތުން ތައްޔާރުވަނީ
26 އޮކްޓޯބަރު 2026 | ހޯމަ 06:20އެމެރިކާގެ ކޮންގްރެސް އިންތިޚާބާ ގާތްވެފައިވަނިކޮށް، ތެލުގެ އަގު އުފުލި އިގުތިސާދީ ހާލަތު ގޯސްވުމާ ގުޅިގެން ރައީސް ޓްރަމްޕަށް އޮތް ތާއީދު ތާރީޚީ މިންވަރަކަށް ވަނީ ދަށަށް ގޮސްފައި. ރޮއިޓަރސްގެ ސާވޭއިން ދައްކާގޮތުގައި އިދިކޮޅު ޑިމޮކްރެޓުން %12 ގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މިއީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް އެ ޕާޓީއަށް ލިބުނު ބޮޑު ފުރުސަތެއް


އެމެރިކާގެ އޮހާޔޯގެ ބަޓްލަރ ހައި ސްކޫލުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް
އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި ރައްޔިތުންގެ މާލީ ދަތިކަން ބޮޑުވުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމަށް އޮތް އާންމުންގެ ތާއީދު އޭނާގެ ރިޔާސީ ދެ ދައުރުގައި ވެސް ނުވެއްޓޭ މިންވަރަށް ދަށަށް ހިނގައްޖެ އެވެ. އަދި ކުރިއަށް އޮތް ނޮވެންބަރު 3 ގައި ބާއްވާ ކޮންގްރެސް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ސިޔާސީ ބޮޑު އަދަބެއް ދިނުމަށް އެމެރިކާގެ ގިނަ ރައްޔިތުން ތައްޔާރުވަމުންދާ ކަން، ހޯމަ ދުވަހު ނިމުނު ރޮއިޓަރސް/އިޕްސޮސްގެ ޚިޔާލު ހޯދުމުގެ ސާވޭއަކުން ވަނީ ހާމަވެފަ އެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި، ޓްރަމްޕްގެ ރިޔާސީ މަސައްކަތްޕުޅަށް ރުހުން އޮތީ އެމެރިކާގެ ރައްޔިތުންގެ އެންމެ %31 ގެ އެވެ. މިއީ، އޭގެ ދެ ހަފުތާ ކުރިން ހެދި ސާވޭއާ އަޅާބަލާއިރު %1 ޕޮއިންޓުގެ ދަށްވުމެކެވެ. މިއާއެކު، މި ނަތީޖާ ވެގެންގޮސްފައި ވަނީ އޭނާގެ ފުރަތަމަ ދައުރާއި މިހާރު ހިނގަމުންދާ ދައުރު ހިމެނޭހެން، ރައީސްކަމުގައި ޓްރަމްޕް ހޭދަކުރެއްވި މުޅި މުއްދަތުގައި ވެސް ރައްޔިތުންގެ މަގުބޫލުކަން އެންމެ ބޮޑަށް ދަށަށް ދިޔަ ތާރީޚީ ރެކޯޑަށެވެ.
ކޮންގްރެސްގެ އަޣުލަބިއްޔަތު ގެއްލުމުގެ ބިރު އަދި ޑިމޮކްރެޓުންގެ ކުރިއެރުން
އިންތިޚާބު މިއަދު ބާއްވައިފި ނަމަ ވޯޓު ދޭނީ ކޮން ޕާޓީއަކަށްތޯ ބެލުމަށް "ޖެނެރިކް ބެލޮޓް" ސުވާލުގެ ދަށުން ކުރި ސުވާލަށް ޖަވާބުދިން ރަޖިސްޓްރީވެފައިވާ ވޯޓުލާ މީހުންގެ %47 މީހުން ތާއީދުކުރީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށެވެ. ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރީ %35 މީހުންނެވެ. ޑިމޮކްރެޓުން ހޯދި މި 12 ޕޮއިންޓުގެ ބޮޑު ތަފާތަކީ މި އިންތިޚާބީ ބުރުގައި އެ ޕާޓީން ހޯދި އެންމެ ފުޅާ ކުރިއެރުމެވެ. މި ކުރިއެރުމުގެ ސަބަބުން އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓުގެ އަޣުލަބިއްޔަތު އަލުން ކާމިޔާބުކުރުމަށް ޑިމޮކްރެޓުން ދެކެމުންދާ ހުވަފެންތަކަށް ވަނީ އާ ރޫހެއް ލިބިފަ އެވެ.
ރިޕަބްލިކަނުންނަށް ބަލާއިރު، ދެ މަޖިލީހުންކުރެ އެއް މަޖިލީހެއްގެ ކޮންޓުރޯލު ގެއްލުނު ކަމުގައި ވީނަމަވެސް، ޓްރަމްޕްގެ ދައުރުގެ ފަހު ދެ އަހަރުގެ ސިޔާސަތުތަކާއި އެޖެންޑާ ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާއި ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ.
އިންތިޚާބީ މަސްރަހާއި ވޯޓުލާ ފަރާތްތަކުގެ ތަފާސްހިސާބު
ޖެނެރިކް ބެލޮޓް ޕޯލްތަކަކީ ކޮންގްރެސްގެ ކޮންޓުރޯލު އޮންނަން އެދެނީ ކޮން ޕާޓީއެއްގެ އަތުގައިތޯ ބެލުމަށް ޤައުމީ ފެންވަރުގައި އާންމުންގެ ވިސްނުން ވަޒަންކޮށްދޭ ދިރާސާތަކެކެވެ. މި ފަދަ ޕޯލްތަކުން މުޅި ޤައުމުގެ ޖުމްލަ ޝުއޫރުތައް ސާފުކޮށްދިން ނަމަވެސް، ސްޓޭޓްތަކާއި ދާއިރާތަކުގެ ފެންވަރުގައި ކުރިއަށްދާ ވާދަވެރިކަމުގެ ހުރިހާ ބަދަލުތަކެއް މީގެ ތެރެއަކަށް ނުފެތެ އެވެ. ޚާއްސަކޮށް ސެނެޓާއި ހައުސްގެ ކޮންޓުރޯލު ކަނޑައެޅުމުގައި ރިޕަބްލިކަނުންނަށް އޮނިގަނޑުގެ ގޮތުން ލިބިފައިވާ ބައެއް ފައިދާތައް މީގެ ސަބަބުން ފޮރުވިގެންދެ އެވެ.
މީގެ ދެ ހަފުތާ ކުރިން ހެދި ރޮއިޓަރސް/އިޕްސޮސްގެ ސާވޭއިން ފެނުނީ ޑިމޮކްރެޓުން 7 ޕޮއިންޓުގެ ކުރިއެރުމެއްގައި އޮތް މަންޒަރެވެ. އެއީ %44 އާއި %37 އިންނެވެ. ނަމަވެސް، މި ފަހަރުގެ ސާވޭގައި ރިޕަބްލިކަން ކެންޑިޑޭޓުންނަށް އޮތް ތާއީދު މިހާ ބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ވޯޓުލާ އަންހެނުންގެ މެދުގައި ޑިމޮކްރެޓުންނަށް އޮތް މަގުބޫލުކަން އިތުރުވުމެވެ. މި ގޮތުން ވޯޓުލާ އަންހެނުންގެ %50 މީހުން ޑިމޮކްރެޓުންނަށް ވޯޓުދޭނެ ކަމަށް ބުނިއިރު، ރިޕަބްލިކަނުންނަށް ވޯޓުދޭން ތައްޔާރަށް ތިބީ އެންމެ %32 އަންހެނުންނެވެ. ފިރިހެނުންގެ މެދުގައި ވެސް ކުރި ހޯދީ ޑިމޮކްރެޓުން ކަމަށް ވިޔަސް، އެ ފަރަގު އޮތީ ނިސްބަތުން ކުޑަ މިންވަރެއްގަ އެވެ.
އިގުތިސާދީ ތަކުލީފުތަކާއި އީރާނާ ދެކޮޅު އަސްކަރީ ހަމަލާތައް
ޓްރަމްޕްގެ މަގުބޫލުކަމަށް މިހާ ބޮޑު ލޮޅުމެއް އަރަން ފެށީ، އެމެރިކާއިން މަދަދުދޭ އިސްރާއީލާ ގުޅިގެން ފެބުރުވަރީ މަހު އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށް އޭނާ އަމުރުކުރެއްވި ހިސާބުންނެވެ. މި ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދިޔުމުން، އެމެރިކާގެ އާންމު އާއިލާތަކުގެ ދިރިއުޅުމުގެ ޚަރަދުތަކަށާއި މާލީ ހާލަތަށް ވަނީ އިންތިހާއަށް ނޭދެވޭ އަސަރުކޮށްފަ އެވެ.
އެމެރިކާގެ އިގުތިސާދު ޓްރަމްޕް ބަލަހައްޓަވަމުން ގެންދަވާ ގޮތާމެދު ރައްޔިތުންގެ %68 މީހުން ނުރުހުން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި އަމިއްލައަށް ރިޕަބްލިކަނުންގެ ގޮތުގައި ފާހަގަކުރާ މީހުންގެ %37 މީހުން ހިމެނެ އެވެ. ހަމަމިއާއެކު، އިގުތިސާދު ހިންގުމުގައި އިތުބާރު އޮތީ ކޮން ޕާޓީއަކަށްތޯ ބެލުމުން، ވޯޓުލާ މީހުން ވަނީ ރިޕަބްލިކަނުންނަށްވުރެ ބޮޑަށް ޑިމޮކްރެޓުންނަށް އިސްކަންދީފަ އެވެ. އެއީ %40 އާއި %33 ގެ ނިސްބަތަކުންނެވެ.
ސާވޭގެ ފަންނީ ތަފްސީލު
އިންޓަނެޓް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ސާވޭގައި، އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން 1،679 މީހުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ވޯޓުލުމުގެ ހައްގު ލިބި ރަޖިސްޓްރީވެފައިވާ 1،279 މީހުން ހިމެނެ އެވެ. މި ސާވޭގެ ނަތީޖާ ދައްކާ ގޮތުން ކުށުގެ ފަރަގު (މާޖިން އޮފް އެރަރ) އުޅެނީ ޖުމުލަ ބައިވެރިންގެ މެދުގައި %2 ޕޮއިންޓުގަ އެވެ. އަދި ރަޖިސްޓްރީވެފައިވާ ވޯޓުލާ މީހުންގެ މެދުގައި ކުށުގެ ފަރަގު އުޅެނީ %3 ޕޮއިންޓުގަ އެވެ.
މަސްދަރު: ރޮއިޓަރސް











