އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026 | ހުކުރު 17:37ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅިގެން، އެ ބިންތައް އެއްވެސް ބަދަލަކާ ނުލައި އަނބުރާ ދައުލަތަށް ނަގާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ. "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އިސްތިގުލާލަށް އުނިކަން އަންނަ މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ޖިނާއީ އަދަބު ލިބޭނެ ކަމުގެ އިންޒާރު ދެއްވާފައި


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު | އަދަދު
މި ބިން ދީފައި އޮތަސް އެ އަނބުރާ ނަންގަވާނެ ކަމަށާއި ބަދަލެއް ވެސް ނުދެއްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހޫނު ބަހުގެ ހަމަލާތަކެއް އަދުގެ ޕީއެންސީގެ ސަރުކާރާއި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު އަދި ޒަޔަނިސްޓުންނަށް ދެއްވައިފި އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުން ރަސްމާލެ އިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ވެފައިވާ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މިއަދު ފެށިގެން ގޮސްފައިވަނީ ގައުމީ އިއްތިހާދެއް ކަމަށާއި ފެށުނީ ގައުމީ މަސައްކަތެއް ކަމެއް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ އެއްވުމުގައި އެއްވެސް ސިޔާސީ ބައިބައިވުމެއް ނެތްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ވަކި ކުލައެއް، ވަކި ޕާޓީ އެއް، ވަކި ފިކުރެއް ނެތް ކަމަށެވެ. ދިވެހި ރައްޔިތުން މިއަދު ތެދުވެ ތިބީ ދިވެހީންގެ އެންމެ ބޮޑު ހައްގު ކަމަށްވާ ދިވެހީންގެ ބިން ހިމާޔަތް ކުރުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީއެންސީގެ ބޭފުޅުންނަށް މި ދަންނަވަނީ، ރައްޔިތުންގެ މަޖިލިސް ބޭފުޅުންނަށް މި ދަންނަވަނީ، ސިފައިންނާއި ފުލުހުންނަށް މި ދަންނަވަނީ، މިހާރު މިއީ ތިބޭފުޅުން ބަސް ބުނަން ޖެހިފައި އޮތް ވަގުތޭ. ދިވެހިރާއްޖޭގެ އިސްތިގުލާލު ގެއްލުވާލާފައި، ރާއްޖޭގެ ބިމުން ބައެއް ކަނޑާލާފައި ދީފައި ދެން އަނބުރާ ހޯދަން މަސައްކަތް ނުކުރާށޭ. މިކަމަށް މިހާރު ބައިވެރިނުވާ ކޮންމެ މީހަކީ މި ކުށުގައި ބައިވެރިވާ މީހެއް. އެހެންވީމާ ދެން އަންނަ ބަޔަކު އައިސް މިކަން ބަދަލުކުރާއިރު، މި އެންމެންނަކީ ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރެވޭނެ މީހުން. މި މީހުންނަކީ ޖިނާއީ ތަހުގީގެއް ހިންގޭނެ މީހުން. މި މީހުންނަކީ ޖިނާއީ އަދަބު ލިބޭނެ މީހުންއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް ޔާމީން ވިދާޅުވީ ގާނޫނާ އެއްގޮތަށް، އަދި ދިވެހީންގެ ވިންދާ އެއްގޮތަށް ރައީސް ކަމުގައި ހުންނަ ބޭފުޅަކަށް އެކަން ނުކުރެވޭކަމުވައި ވަނީ ނަމަ، އެކަން ނުވީކަމަށް ބުނުމަށްފަހު ދުރަށް ދަނީ އޭ ބުނެ ރީތި ގޮތް އިޚުތިޔާރުކޮށް، ވެރިކަމުން ފައިބަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ވެރިކަމެއް އަޔަސް ނުވަތަ އެމަނިކުފާނުގެ ވެރިކަމެއް އަޔަސް، މިހާރު މިއޮތް ސަރުކާރު ނޫން އެހެން ބަޔަކު އައިސް މިކަން ބަލާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަލައްބާރު އަޑުއަހާ. ޒަޔަނިސްޓުން އަޑުއަހާ. މި ބިން އެމީހުންނަށް ދީފަ އޮތަސް އަނބުރާ ގެންނާނެ. ބަދަލެއް ވެސް ނުދޭނަން. މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފައްތައިގެން ދޭ ބިމެއް ނޫންއަބްދުﷲ ޔާމީން އަބްދުލްގައްޔޫމު
މިއަދު އެއްވުމެއް ބާއްވަން ބިމެއް ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެގޮތުން ހުރިހާ ބިންތައް ދައުލަތަށް ނަގާފައިވާ ކަމަށާއި ސިޓީ ކައުންސިލްގެ ބިންތައް ވެސް ނަގާފައިވާ ކަމަށެވެ. މާލޭ ސިޓީގެ ކައުންސިލުގައި ރައީސް މުއިއްޒު ހުންނެވި އިރު ވެސް އެމަނިކުފާނަކީ ބިމާ ދޯޅު ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ވެރިކަން ލިބިވަޑައިގަތުމުން އެ ކަން އިތުރަށް ކުރިއަށް ގެންދަވަމުންދާ ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރުން ބޭނުންވުމުން ކޮންމެ ކަމަކަށް ވެސް ބިން ލިބޭ ކަމަށާއި، މި ސަރުކާރުން ކުރިއަށްގެންދާ އިހުތިރާމް ކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދަނީ ޓްރެކް ދަނޑުގައި ކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. މިއީ މިއަދު ގައުމުގެ ކަންކަން ގޮސްފައިވާ ހިސާބު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.











