ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ވިސްނާނަމަ ވޯޓަކަށް ދިއުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
13 ނޮވެމްބަރު 2026 | ހުކުރު 07:48ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ގެންގުޅޭނަމަ، އެކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ޝެއިޚް އިމްރާން ވިދާޅުވި. ގައުމުގެ އިސްލާމީ ވަހުދަތާއި މިނިވަންކަން ހިމާޔަތްކުރުމަށް ބާއްވާ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، ޝުއޫރު ފާޅުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި


ހުކުރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމުގެ ވިސްނުމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާނަމަ އެކަން ކުރައްވަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ބުނެ، ހުކުރު ދުވަހުގެ ރޭ ބާއްވާ އެއްވުމަށް ވީހާވެސް ގިނަ ބަޔަކު ނުކުތުމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ޝެއިޚް އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.
ހުކުރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ގަބޫލުކުރާ ކޮންމެ މީހަކުވެސް މިކަމުގައި އަޑުއުފުލަން ޖެހޭ ކަމަށެވެ.
އަޅުގަނޑުމެންގެ ހަމަ އެންމެ ޑިމާންޑެއް މި އޮތީ. އެންމެ ޑިމާންޑެއް މި އޮތީ މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމުގެ ޚިޔާލެއް، ފިކުރެއް ރައީސް މުއިއްޒު ގެންގުޅުއްވަންޏާ އެކަން ކުރައްވަންވާނީ ދިވެހި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައޭ ދިވެހި ރައްޔިތުން ބުނާ ގޮތަކަށޭޝެއިޚް އިމްރާން އަބްދުﷲ
ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވުމަށް ރައްޔިތުން ނުރުހޭނެ ކަމަށް ސަރުކާރަށް އެނގޭކަން ފާހަގަކުރައްވައި ޝެއިޚް އިމްރާން ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، ރައްޔިތުންގެ 80 އިންސައްތަ މީހުން އެކަމަށް ތާއީދުކޮށްފި ހާލަތެއްގައި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާލާނެ ކަމަށް ވެސް ޝެއިޚް އިމްރާން ވިދާޅުވި އެވެ.
މީގެއިތުރުން، އެ ހަރަކާތުން ބާއްވާ އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ޝެއިޚް އިމްރާން ގޮވާލެއްވި އެވެ. އަދި އެއްވުމަށް ހާޒިރުވެވެން ނެތް ފަރާތްތަކުން ޖަލްސާގެ ލައިވް ދައްކަމުންދާ ވަގުތު ކޮމެންޓް ކުރުމާއި، ގޭގޭގެ ބެލްކަންޏަށް ނުކުމެ ގައުމީ ދިދަ ހިފައިގެން އަދި ގައުމީ ކުލަތަކުގެ އަލި ބޭނުންކޮށްގެން ވެސް ޝުއޫރު ފާޅުކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝެއިޚް އިމްރާން ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މިފަދަ މުހިންމު ދަނޑިވަޅެއްގައި ބައިވެރިނުވެ ދޫކޮށްލައިފިނަމަ ފަހުން އެކަމާ ހިތާމަކުރަން ޖެހޭނެ ކަމަށެވެ.











