މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން
13 ނޮވެމްބަރު 2026 | ހުކުރު 07:15ރަސްމާލެ މަޝްރޫއާ ދެކޮޅު ފަރާތްތަކުން އެކަން ހަޖަމުކުރަން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވުމާ ގުޅިގެން، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަން ދިވެހިން ދުވަހަކުވެސް ހަޖަމު ނުކުރާނެ ކަމަށް ޝެއިޚް އިމްރާން ވިދާޅުވި. އަދި ރައްޔިތުންގެ އަގުބޮޑު އެސެޓްތައް ނީލަންލުމާއި އަންނަން އޮތް ޖީލުތަކުގެ ދީނީ ވަހުދަތަށް އުނިކަން އަންނާނެ ފަދަ ކަންކަން ސަރުކާރުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި


ހުކުރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި އިސްލާމްދީން ވިއްކާލުން ފަދަ ކަންކަން ދިވެހި ރައްޔިތުން ހަޖަމުނުކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މުންދު ވިދާޅުވެފައިވަނީ އެ މަޝްރޫއު ސަރުކާރުން ކުރިއަށްގެންދާނެ ކަމަށާއި، އެ މަސައްކަތްތަކާ ދެކޮޅު ފަރާތްތައް ޖެހޭނީ ހަޖަމްކުރަން ކަމަށެވެ.
މިމޭރުމުން މުންދު ވާހަކަ ދެއްކެވުމާ ގުޅިގެން ހުކުރު ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ޝެއިޚް އިމްރާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ކޮން ބޭފުޅެއްކަން އަދި އެމަނިކުފާނު ކަންކަން ކުރައްވާ ގޮތް މިކަމުގައި އުޅޭ ފަރާތްތަކަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ގައުމާއި ވަތަން، ދީނާ އެކު ވިއްކާލަން އެއްބަސްނުވެވިގެން އުޅެނީ އެ ސަބަބާ ހުރެ ކަމަށާއި އެފަދަ ކަންކަން ހަޖަމުކޮށްގެން ތިބޭ މީހުން ތިބޭނީ ވަރަށް ނުރައްކާތެރި ހިސާބެއްގައި ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.
ހަޖަމުނުވާ ކަންތައްތަކެއް ހުރި ކަމަށް މުންދު ވިދާޅުވާ ވާހަކައަށް އިޝާރާތްކުރައްވައި ޝެއިޚް އިމްރާން ވިދާޅުވީ، ދިވެހީން ހަޖަމުނުކުރާނެ ކަންކަން ހުރި ކަމަށް މުންދު ވިދާޅުވުމަކީ އެއްގޮތަކުން ބަލާއިރު ރަނގަޅު ވާހަކައެއް ކަމަށެވެ.
ހަމަ ޔަގީން އަޅުގަނޑުމެން ހަޖަމް ނުކުރާނެ ކަންތައްތަކެއް އެބަހުރި. ހަޖަމް ނުވާނެއެއް ނޫން، އަޅުގަނޑުމެން ހަޖަމް ނުކުރާނެ ކަންކަން އެބަހުރި. އެއީ އަޅުގަނޑުމެންގެ ގައުމު ވިއްކާލުން، އަޅުގަނޑުމެންގެ ރައްޔިތުންގެ އެންމެ އަގުބޮޑު އެސެޓްތައް ނީލަންލުން ނުވަތަ ވިއްކާލުންއިމްރާން އަބްދުﷲ
މީގެ އިތުރުން ޝެއިޚް އިމްރާން ވިދާޅުވީ، ދިވެހިންގެ އިސްލާމް ދީން ގެއްލި، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީނުގައި ތިބުމުން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރާ ފަދަ އަނިޔާތަކާއި، ދުއްތުރާތައް ލިބޭނެ ފަދަ ކަންކަން ފަސް އަހަރުގެ ދައުރަކަށް އަންނަ ރައީސަކު ކުރެއްވުމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ހަޖަމު ނުކުރާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ދިވެހީން ހަޖަމު ނުކުރާނެކަން ސަރުކާރުގެ ވެރިންނަށް އެނގެންޖެހޭނެ ކަމަށާއި، މުންދު އެ ކަންކަން ހަޖަމުކުރައްވައިގެން ބޭނުންފުޅުވަނީ ކޮން ކަމެއްތޯ ރައްޔިތުން މިއަދު ސުވާލު އުފައްދަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.











