ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއް ނޫން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް: ގާލިބު
12 ނޮވެމްބަރު 2026 | ބުރާސްފަތި 12:42ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ދޫކުރުމުގެ އެއްބަސްވުން ކުރިއަށް ގެންދިޔައީ ސަރުކާރުގެ މަދު ބަޔަކަށް އެނގިގެން ސިއްރުވެރި ގޮތަކަށް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވެއްޖެ. ގައުމީ ބިންތައް ދިގު މުއްދަތަށް ދޫކުރާއިރު ރައްޔިތުންގެ ރުހުން ހޯދަންޖެހޭނެ ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި


މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު | ރާއްޖެއެމްވީ
ރަސްމާލެގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދޫކޮށްލުމާއި ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ގާލިބު ވަނީ ދިވެހިރާއްޖޭގައި ލިޔެވިފައި އޮތް ގާނޫނީ މަފްހޫމް މިހާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ރައްޔިތުންގެ ބާރެއް ނެތް ކަމަށާއި ރައީސް މުއިއްޒު ގައުމު ހިންގަވަނީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ނުވަތަ ރައީސްއަށް ލަފާ އަރުވާ "ދެތިން ހަތަރު މީހެއް" ބޭނުންވާ ގޮތަށް ކަމަށް ގާލިބު ވިދާޅުވި އެވެ.
އެގޮތުން، ރަސްމާލެ މަޝްރޫއު އެންމެ ފުރަތަމަ ކުރިއަށް ގެންދަން މަޝްވަރާ ކުރެވުނީ ވަރަށް މަދު މީހުންތަކެއްގެ މެދުގައި ކަމަށް ގާލިބު ވިދާޅުވި އެވެ.
އަޅުގަނޑު އަޑު އެހި ގޮތުގައި މި ރަސްމާލޭގެ ކަންތައްގަނޑު މި ފުރަތަމަ ޕްރޮސެސް ހިނގީ ވަރަށް ކުޑަކުޑަ ސާކަލްއެއްގެ ތެރޭގައި، ދެތިން ހަތަރު ބޭފުޅަކު މީގެ ތެރޭގައި ޝާމިލް ވެގެން މި ޑީލް ކަޓުކޮށްގެން ގޮސްފައި ދެން ތި ސޮއި ކުރި ޑޮކިއުމަންޓްއަކާއި ހަމައަށް ދިޔައިރުގައި މި ސަރުކާރު ތެރޭގައި ހިމެނޭ ބޭފުޅުންނަކަށް ވެސް މިކަން އިނގުނީ ހަމަ ކުއްލިއަކަށް ގިނަ ބޭފުޅުންނަށް، މަދު ބަޔަކަށް މިކަން މި އިނގެނީ އެހެންވެއްޖެޔާ މީގައި އަޑިނޭނގޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރިތާއަހުމަދު ގާލިބު
ރަސްމާލެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބުނެ ސަރުކާރުން މި މަޝްރޫއު ދިފާއު ކުރާކަން ފާހަގަކުރައްވާ ގާލިބު ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ނުވަތަ ސަރުކާރުތެރޭ ހިމެނި ވަޑައިގަންނަވާ ބޭފުޅުންނަށް ދީގެން މި މަޝްރޫއު ކުރިއަށް ގެންދަން ރޭވި ނަމަ ރައްޔިތުން ސުވާލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންވެސްޓްމަންޓްތައް ރާއްޖެ އަންނަން ދެކޮޅު ނުހަދާ ކަމަށާއި ގައުމީ ބިމެއް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ނިންމާއިރު ރައްޔިތުންގެ ރުހުން އެކަމުގައި އޮތްތޯ ބަލަން ޖެހޭނެ ކަމަށް ގާލިބު ވިދާޅުވި އެވެ. ރަސްމާލެ މަޝްރޫއުގެ ސަބަބުން ކަންބޮޑުވަނީ ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެތީ ކަމަށް ގާލިބު ވިދާޅުވި އެވެ. އަދި މިއީ ސިޔާސީ ވާހަކައެއް ނޫން ކަން ވެސް ގާލިބު ވަނީ ފާހަގަކުރައްވާފަ އެވެ.











