ރަސްމާލެ އިން ބިން ހޯދުމަށް 58،000 އާއިލާ އިން އެދިއެދި ތިއްބާ ރައްޔިތުން ގާތު އަހާނުލައި، ޣައިރު ދީންތަކުގެ މީހުންނަށް އެތަން ދޭން ޖާގައެއް ނުދޭނަން: އަލީ ހުސެއިން
11 ނޮވެމްބަރު 2026 | ބުދަ 09:26ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޭން ނިންމުމާ ގުޅިގެން، އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ. ނަމަވެސް، ރައީސް ޑރ. މުއިއްޒު ވަނީ މި މަޝްރޫއާ ގުޅިގެން ރެފަރެންޑަމެއް ނުނަގާނެ ކަމަށާއި، ރިއަލް އެސްޓޭޓް ބިލުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ވިދާޅުވެފައި


ގާނޫނީ ވަކީލު، އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން | ރާއްޖެއެމްވީ
ރަސްމާލެ އިން ބިމާއި، ގޯތި ހޯދުމަށް 58،000 އާއިލާ އިން އެދިއެދި ތިއްބާ، ރައްޔިތުން ގާތު އަހާނުލައި، އެ ބިން ބޭރުގެ ބަޔަކަށް، ޣައިރު ދީންތަކުގެ މީހުންނަށް ދިނުމަށް ޖާގަ ނުދެވޭނެ ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި އަންގާރަ ދުވަހުގެރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރަސްމާލެ މައްސަލައިގައި ރެފަރެންޑަމަކަށް ދާން ޖެހޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާން ޖެހެނީ އެއީ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަމަކަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެ ބިމުން ގޯތި ބޭނުންވެގެން 58،000 މީހުން ފޯމު ލާފައިވާ ކަމަށާއި އެހާ ގިނަ އަދަދެއްގެ އާއިލާ އެ ބިން ބޭނުން ވެގެން ފޯމުލާފައި ވަނިކޮށް، ބޭރުގެ ބަޔަކަށް އެތަން ރައްޔިތުންގެ ގާތު އަހާނުލައި ދޭން ރައްޔިތުން ޖާގަ ނުދޭނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
އޭގެ އިތުރުން މި ކަމަކީ ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ ކަމެއް ކަމަށާއި، އެހެން ކަމުން އެ ސަބަބަށްޓަކައި ވެސް ރެފަރެންޑަމަކަށް ދާން ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް ކޮށްފައި ނެތް ކަމެކޭ ކުރައްވަން ތިއުޅެނީ. އެއީ ދިވެހި ރާއްޖޭގައި ބޭރުގެ މީހުން، ޚާއްސަކޮށް އަޅުގަނޑުމެންނަށް މި އަޑު އިވެނީ ޒަޔަނިސްޓުން ރާއްޖެ އަށް ގެނެސް އަހުލުވެރިކޮށް އާބާދު ކުރުވުން. އެއީ މިހާތަނަށް ރާއްޖޭގައި އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫން. އެއްވެސް ގައުމެއްގައި ވަކި އަދަދަކަށް ވުރެ ގިނައިން މީހުން އާބާދުވެ، އުޅެން ފަށައިފި ކަމުގައި ވާނަމަ، ދުނިޔޭގައި އެންމެން ދަންނަ ހަގީގަތެއް އެއީ، އެމީހުންނަށް އެމީހުން އަޅުކަން ކުރާ ތަންތަން އަޅައިދިނުމުގެ ހައްގު އޮންނާނެ އޭ. އަޅުގަނޑުމެންނަކަށް ނޯންނާނެ 50،000 ނުވަތަ ލައްކައެއް ހާ މީހުން، ބޭރު ގައުމުތަކުގެ މީހުން، ޒަޔަނިސްޓުން މިތާ އާބާދުވީމަ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ އެމީހުން އަޅުކަން ކުރާ ތަންތަން މިތާކު ނޭޅޭނެ އޭއަލީ ހުސެއިން
ރަސްމާލެ މަޝްރޫއުގެ ދަށުން އެ ސަރަހައްދު އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ގުޅޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ރެފަރެންޑަމެއް ނުވަތަ އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެފަރެންޑަމެއް ނުނަގާނެ ސަބަބެއް ކަމަށް ރައީސް ފާހަގަކުރެއްވީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓު ބިލުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ކަންކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމެވެ. ރައީސް ވިދާޅުވީ މި މަޝްރޫއަކީ ރެފަރެންޑަމެއް ނަގަންޖެހޭ ފަދަ ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައާއި އެކި މަންސަތަކުގައި ފާޑުކިޔަމުންނެވެ. ހާއްސަކޮށް މި މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް އޮތުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.











