ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ އުޚުތަކު ޖަލުން މިނިވަންކޮށްފި
13 ނޮވެމްބަރު 2026 | ހުކުރު 05:47ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ އުޚުތުން ކަމަށްވާ އުޒްމާ ޚާންއާއި ނޫރީން ނިޔާޒީ ދެ މަސް ދުވަހުގެ ބަންދަށްފަހު މިނިވަންކޮށްފައިވާއިރު، ތިންވަނަ އުޚުތާ ޢަލީމާ ޚާން އަދިވެސް ހުންނެވީ ޖަލުގައި. މި ބޭފުޅުން ހައްޔަރުކުރީ ޤައުމުގެ އަމަންއަމާންކަމަށް ނުރައްކާވެދާނެ ކަމަށް ބުނެ ނަމަވެސް، މިއީ އެއްވެސް ޤާނޫނީ އަސާސެއް ނެތް ސިޔާސީ ނިންމުމެއް ކަމަށް ޕީޓީއައިއިން ތުހުމަތުކުރޭ. އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، އޭނާގެ ޢާއިލާއަށް ކުރާ ފުރައްސާރަ ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައި


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތިން އުޚުތުން ކަމަށްވާ ނޫރީން ނިއާޒީ ޚާނާއި އަލީމާ ޚާން އަދި އުޒްމާ ޚާން މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ | ރޮއިޓަރސް
ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ދެ އުޚުތުން ކަމަށްވާ އުޒްމާ ޚާންއާއި ނޫރީން ނިޔާޒީ ޚާން ޖަލުން ދޫކޮށްލައިފި ކަމަށް އެ ބޭފުޅުންގެ ޤާނޫނީ ވަކީލާއި ޚާންގެ ސިޔާސީ ޕާޓީން ބުރާސްފަތި ދުވަހު ބުނެފި އެވެ.
"ޑރ. އުޒްމާ ޚާންއާއި ނޫރީން ނިޔާޒީ ވަނީ ޖަލުން ދޫކޮށްލާފައި. އެ ދެ ބޭފުޅުން މިހާރު ވަނީ ސަލާމަތުން ގެއަށް ވަޑައިގަންނަވާފައި،" ބުރާސްފަތި ދުވަހު ޤާނޫނީ ވަކީލު މުދައްސިރު ޢުމަރު ވިދާޅުވި އެވެ. އެ ދެ ބޭފުޅުން ދޫކޮށްލާފައި ވަނީ ހައްޔަރުކުރިތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުން، ލާހޯރުގެ އެންމެ މަތީ ފެންވަރުގެ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކޮޓް ލަކްޕަތު ޖަލުންނެވެ. ހަމަމިއާއެކު، އެ ދެ ބޭފުޅުންނާ އެއް ދުވަހެއްގައި ހައްޔަރުކުރި ތިންވަނަ އުޚުތު ކަމަށްވާ ޢަލީމާ ޚާން އަދިވެސް ހުންނެވީ ޖަލުގައި ކަމަށް އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާން ތަޙްރީކޭ އިންސާފްއިން (ޕީޓީއައި) ބުންޏެވެ.
ޢާއިލާއާއި ޕާޓީގެ ފާޑުކިޔުންތައް
"ޢަލީމާ ޚާން އަދިވެސް ހުންނެވީ ޖަލުގެ ތޭރިތަކުގެ ފަހަތުގައި. ދެ އުޚުތަކު ދޫކޮށްލުމަކުން އިމްރާން ޚާންގެ ޢާއިލާއަށް ދެމުންދާ އަނިޔާއާއި ބޭއިންސާފު ނިމުމަކަށް ނާދޭ،" ޕީޓީއައިގެ އިސް ވެރިއެއް އަދި ޚާންގެ އަރިސް ބޭފުޅެއް ކަމަށްވާ ޒުލްފިގާރު ބުޚާރީ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޑިމާންޑު ވަރަށް ސާފު. ވަކި ބަޔަކަށް ލުއިދިނުމާއި، ބިރުދެއްކުމާއި، އިތުރަށް ފުރައްސާރަކުރުން ހުއްޓާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި ގޮތުން، އުޒްމާ ޚާންގެ ދަރިކަލުން ވަލީ ޚާން ވަނީ އޭނާގެ މަންމަ 53 ދުވަސް ވަންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ދޫކޮށްލި ސަބަބު ސާފުކޮށްދިނުމަށް ގޮވާލައްވާފަ އެވެ. އެ ނިންމުންތަކަކީ ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުންތަކެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ. "އެ ބޭފުޅުން ޖަލަށް ލީ ވެސް އަދި ދޫކޮށްލީ ވެސް އެއްވެސް ހަމައެއް ލަމައެއް ނެތި،" ވަލީ ޚާން ވިދާޅުވި އެވެ.
ހައްޔަރުކުރި ސަބަބާއި އިމްރާން ޚާންގެ ސިއްހީ ހާލަތު
އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ޕީޓީއައިއިން ސެޕްޓެންބަރު 27 ގައި ބާއްވަން ރޭވި އިހުތިޖާޖީ ހިނގާލުމުގެ އެއް ހަފުތާ ކުރިން، އެ ތިން އުޚުތުން ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރު ނެރުނެވެ. އުމުރުން 74 އަހަރުގެ އިމްރާން ޚާން 2023 އޮގަސްޓު މަހުން ފެށިގެން ޖަލުގައި ހުންނެވީ ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ ދަޢުވާތަކެއް ކަމަށް އޭނާގެ ޕާޓީން ބުނާ މައްސަލަތަކެއްގައި އިއްވާފައިވާ ހުކުމްތަކަކާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ހުކުމް ފިޔަވައި އެހެން ހުރިހާ ހުކުމެއް އިސްތިޢުނާފު މަރުހަލާގައި ވަނީ ސަސްޕެންޑުކޮށް ނުވަތަ ބާތިލުކޮށްފަ އެވެ.
ޚާން މިނިވަންކުރުމަށް ގޮވާލައި ޕީޓީއައިއިން ކުރިއަށް ގެންދާ ކެންޕޭން އިތުރަށް ވަރުގަދަވެފައި ވަނީ އޭނާގެ ސިއްހީ ހާލަތާ މެދު، ޚާއްސަކޮށް އެތައް މަހެއް ވަންދެން ޚާއްސަ ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާފައިވާ ކަނާތު ލޮލުގެ ހާލަތާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. މިއާއެކު، އޭނާގެ ދެ އުޚުތަކު ޖަލުން ދޫކޮށްލާފައި މި ވަނީ ސިއްހީ ފަރުވާ ދިނުމަށް ޚާން އިސްލާމްއާބާދުގެ ހަސްފަތާލަކަށް ގެންދިޔަތާ އެއް ދުވަސް ފަހުންނެވެ.
ޕާކިސްތާނުގެ ސަރުކާރުން ބުނީ އިމްރާން ޚާންގެ އުޚުތުން ހައްޔަރުކުރީ އިސްލާމްއާބާދުގައި ބާއްވަން ރޭވި ހިނގާލުމުގެ ކުރިން، ޤައުމުގެ އަމަންއަމާންކަމަށް ނުރައްކާވެދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެތީ ކަމަށެވެ. ނަމަވެސް، އެ ހިނގާލުން ފަހުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ހަމަމިއާއެކު، އެ މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި، ޚާންގެ ޕާޓީގެ ވެރިކަން އޮތް ޚައިބަރު ޕަޚްތޫންޚާ ޕްރޮވިންސްގެ ސަރުކާރު ފެޑެރަލް ސަރުކާރުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
މަސްދަރު: އަލް ޖަޒީރާ











