ދިވެހީން އިސްކުރާ ކަމަށް ސަރުކާރުން ބުނޭ، ނަމަވެސް ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދިވެހީން ކުރީ ބާކީ!
24 އޮކްޓޯބަރު 2026 | ހޮނިހިރު 08:53ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ތިބި ދިވެހީންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެ، ފަހު ވަގުތު އެ ބައްދަލުވުން ކެންސަލްކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި. ބޭރުގައި އުޅޭ ދިވެހީންނަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންނާ ބައްދަލުނުކުރައްވައި ފަސްޓް ލޭޑީ މަޖައްލާއަކަށް އިންޓަވިއު ދެއްވުމުން އެކަމަށް ވެސް ގިނަ ބަޔަކު ދަނީ ނުރުހުންފާޅު ކުރަމުން


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރެއްވި ޒިޔާރާތުގެ ތެރެއިން | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭނުގައްޔާއި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް އެންމެ ބާރަށް ދައްކަވަމުން ގެންދަވާ ވާހަކަފުޅަކީ އަބަދުވެސް އިސްކަންދެއްވާނީ ދިވެހީންނަށާއި ދިވެހިރާއްޖެއަށް ކަމަށް ވިދާޅުވާ ވިދާޅުވުމެވެ.
އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ގިނަ ދަތުރުފުޅުތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، ކިޔަވާ ކުދިންނާއި އެހެނިހެން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދު އަބަދުވެސް ދެއްވަ އެވެ.
ނަމަވެސް، ފަހަކަށް އައިސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދަނީ ސަރުކާރުގެ އެކި ނިންމުންތަކާއި ސިޔާސަތުތަކުގެ ސަބަބުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެމުންނެވެ. ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ލިބެންޖެހޭ ފައިސާ ގަވާއިދުން ނުލިބުމާއި، ބޭންކު ކާޑުތަކުން ޑޮލަރު ނެގުމުގައި ދިމާވާ ދަތިތަކާއި، އަދި އިތުރަށް ފައިސާ ނަގާ މައްސަލަތައް ފެންމަތިވެ ރައްޔިތުންގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
މިފަދަ ހާލަތެއްގައި ރައްޔިތުން ތިއްބައި، އެންމެ ފަހުން ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ތިބި ދިވެހީންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައި ފަހު ވަގުތު ކެންސަލްކޮށްލެއްވުމުން ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތައް އުފެދިފަ އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މި މަހުގެ 23 ގައި ރާއްޖެ ވަޑައިގެންނެވިއިރު، އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް އެ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވަން ދެ ހަފްތާ ކުރިން ދައުވަތު ދެއްވައި، ބައްދަލުވުން އޮންނާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވުމަށްފަހު ފަހު ވަގުތު އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގައި ދިރިއުޅޭ 20 ދިވެއްސަކު ސޯޝަލް މީޑިއާގައި ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ ދަތުރުފުޅުގައި ދިވެހިންނާ ބައްދަލުކުރެއްވުމަކީ އެންމެ އިސްކަންދޭނެ ކަމަށް ނުވި ނަމަވެސް، އެ ބައްދަލުވުމަކީ ދެ ހަފްތާ ކުރިން އޮންނާނެ ކަމަށް ބުނެ ދައުވަތު ދީފައިވާ ކަމަކަށް ވާތީ އެކަމަށް ތައްޔާރުވި ކަމަށެވެ. ނަމަވެސް، ބައްދަލުވުން ބާއްވާނެ ކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ދިނުމަށްފަހު ފަހު ވަގުތު ބައްދަލުވުން ނޯންނާނެ ކަމަށް އެންގުމުން އިންތިހާއަށް މާޔޫސްވެ، ނުރުހުން ފާޅުކުރާ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން، ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރަކު ފާހަގަކުރި ގޮތުގައި، ރައީސާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައި ބައްދަލުވުން ބާއްވާނެ ކަމުގެ ޔަގީންކަން ޕާކިސްތާނުގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ދިނުމަށްފަހު، ފަހުން އެއްވެސް ޚަބަރެއް ނުވެ ވަނީ ދޫކޮށްލާފަ އެވެ. ކަންކަން ހިނގައިދިޔަ ގޮތް ސާފުކޮށްނުދީ ދަރިވަރުންނާމެދު އެގޮތަށް އަމަލުކުރުމުން އެ ދަރިވަރު ވެސް ވަނީ ބޮޑު ހިތްހަމަނުޖެހުމެއް ފާޅުކޮށްފަ އެވެ.
މި ހިތްހަމަނުޖެހުން އިތުރަށް ބޮޑުވެގެން ދިޔަ އަނެއް ސަބަބަކީ، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ޕާކިސްތާނުގެ ފެޝަން އެންޑް ލައިފްސްޓައިލް މަޖައްލާއަކަށް އެކްސްކްލޫސިވް އިންޓަވިއުއެއް ދެއްވަން ވަގުތު ލިބިވަޑައިގެންނެވިއިރު، އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވަން ވަގުތު ލިބިވަޑައިނުގަތުމުންނެވެ.
ޕާކިސްތާނުގައި ތިބި ދިވެހީންނާ ރައީސް މުއިއްޒު ބައްދަލުނުކުރައްވަން ފަހު ވަގުތު ނިންމެވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. އަދި މި މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
ދިވެހީންނަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި، ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލަތު އޮޅުންފިލުވުމަށް ދޭ އަހައްމިއްޔަތުކަން ކުޑަވަމުންދާ މަންޒަރު ފެނުމުން، ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް ބުނެ ގިނަ ރައްޔިތުން ދަނީ ފާޑުކިޔަމުންނެވެ.









