ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް
11 ނޮވެމްބަރު 2026 | ބުދަ 05:51ޤައުމުގެ މުހިއްމު ބޮޑެތި ނިންމުންތަކުގައި ރައްޔިތުންގެ ބަސް ހޯދުމަކީ ދުސްތޫރީ ގޮތުން ބާރުއަޅާ ކަމެއް ކަމަށާއި، ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން މުހިއްމު ކަމަށް ހޯރަފުށީ މުޙައްމަދު ސަލީމް ވިދާޅުވެއްޖެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އެ މަޝްރޫއަކީ އާންމު ވޯޓަކަށް ދާންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައި


ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ ހޯރަފުށީ މުހައްމަދު ސަލީމް | ރާއްޖެ އެމްވީ
ރާއްޖޭގެ ޤައުމީ މުހިއްމު ބޮޑެތި ކަންކަމާއި، ޚާއްސަކޮށް ގިނަ ޒަމާންތަކަކަށް ދެމިގެންދާ ފަދަ ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ ހޯރަފުށީ މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ޤައުމުގެ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދުމަކީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ ނުވަތަ ދުސްތޫރުން ޖާގަ ދީފައި އޮތް ކަމެއް ކަމަށެވެ. އަދި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ މިއަދު އޮތް ދުސްތޫރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމު ބައްޓަންވެފައި އޮތީ ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަކީވެސް މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށް އޮންނަ ތަނެއް ކަމަށާއި، ރާއްޖޭގައި މިހާރު އޮތް ކައުންސިލްތަކުގެ ނިޒާމުވެސް ފަރުމާކޮށްފައި އޮތީ ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުމާއެކު ކަންކަން ހިންގާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ، ޤައުމުގެ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ. ޚާއްސަކޮށް ސަރުކާރުން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫއު ފަދަ ބޮޑެތި މަޝްރޫއުތަކުގައި ވެސް، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ރައްޔިތުންގެ ބަސް ހޯދުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަލީމްގެ ވާހަކަފުޅުގައި އިތުރަށް ބަޔާންކުރެއްވީ، ދުރު ރާސްތާއަށް އަސަރުކުރާނެ ފަދަ ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑު އެހުމަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން އެންމެ އިސްކަންދޭންޖެހޭނެ އެއް ކަންތައް ކަމަށެވެ. އަދި ދުސްތޫރީ ހަމަތަކުގެ މަތިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީ ޤައުމުގެ ކުރިމަގަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ރެފަރެންޑަމެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރިއަލް އެސްޓޭޓް ބިލުގެ ދަށުން ދައުލަތުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭނެ ކަމަށާއި، މި މަޝްރޫއަކީ އާންމު ވޯޓަކަށް ދާންޖެހޭ ފަދަ ކަމެއް ނޫން ކަމަށެވެ.











