ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން
10 ނޮވެމްބަރު 2026 | އަންގާރަ 13:54ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ކަމެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ ގާނޫނުއަސާސީއާ އެއްގޮތަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށާއި، މިއީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި


އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރަސްމާލެއިން ބިން ވިއްކުމުން ރާއްޖޭގެ ސަރަހައްދަށް ބޮޑު ބަދަލެއް އައިސް، ދިވެހި ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދޭނެ ކަމަށް ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ މެދު މައުލޫމާތު ދިނުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ހުސެއިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، ގާނޫނުއަސާސީއަށް ނުވަތަ އެއްވެސް ބިލަކުން ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނަނަމަ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރައްވަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށެވެ. އަދި ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ބޭރު މީހުންނަށާއި ބޭރުގެ ޣައިރު ދީންތަކުގެ ފަރާތްތަކަށް ތާއަބަދަށް ފުރޮޅިގެން ދިއުމަކީ ސަރަހައްދަށް އަންނަ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ މާލޭގެ ގާތްގަނޑަކަށް ތިންގުނަ ވަރުގެ ބޮޑު ސަރަހައްދެއްގެ ބާރު ބޭރު ބައެއްގެ އަތްމައްޗަށް ދިއުމަކީ ރާއްޖޭގެ ސަރަހައްދަށް އަންނަ ވަރަށް ބޮޑު ބަދަލެއް ކަމަށެވެ.
އެއްވެސް ބަދަލެއްގެ ތެރޭގައި ހިމެނޭނެހޭ ދިވެހިރާއްޖޭގެ މިލްކުވެރިކަން އެހެން ބަޔަކަށް ފުރޮޅާލުން... ނުވަތަ ދިވެހިރާއްޖޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ ރައްޔިތުންނަށް، ބޭރު ޣައިރު ދީންތަކުގެ މީހުންނަށް އަދި ބޭރު މީހުންނަށް ލިބޭ ލިބުން އެއީ ސަރަހައްދަށް އެއްވެސް ބަދަލެއް އައުން ކަމުގައި ވާނެތޯ ނުވަތަ ނޫންތޯ؟ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއީ ދިވެހިރާއްޖޭގެ ސަރަހައްދަށް އަންނަ ވަރަށް ބޮޑު ބަދަލެއް، އެއީ ދައުލަތެއްގެ ތެރޭގައި އިތުރު ދައުލަތެއް މި އުފެއްދެނީ ދިވެހި ދައުލަތުގެ ތެރޭގައިއަލީ ހުސެއިން
ޒަމާނުއްސުރެ ރާއްޖޭގެ ބިމުގެ މިލްކުވެރިކަން އޮތީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓާ ބެހޭ ބިލުގެ ދަށުން އެ ބިންތަކުގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ހިނގާތޯ އަދި އިސްލާމްދީނާ ހިލާފު ކަންކަން ހިނގާތޯ ބަލަންޖެހޭ ކަމަށެވެ.
މީގެއިތުރުން އެކުއިޒިޝަން ކޯސްޓަކާ ނުލައި، އާންމު ދިވެހި ރައްޔިތުންނަށް ވެސް ނުލިބޭ އުސޫލުން 500 އެއްހާ ހެކްޓަރުގެ ބިން ބޭރު ބަޔަކަށް ދޭން އުޅެނީ ސަރުކާރުން ކަންތައްތަކެއް ފޮރުވަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއީ ގައުމީ މުހިންމު ކަމަކަށް ނުވާކަމަށް ވަންޏާ، މިއީ ގައުމީ މުހިންމު މައްސަލައަކަށް ނުވާކަމަށް ވަންޏާ ކީއްވެގެންތޯއޭ އަވަސްއަރުވާލާފައި ހަގީގަތުގައި ދިވެހިރާއްޖޭގެ ބިމުން، ފަސްސަތޭކަ ވަރުގެ ގިނަ ހެކްޓަރުގެ ބިން ބޭރު ބަޔަކަށް ދޭން މި ޖެހުނީ؟އަލީ ހުސެއިން
އަލީ ހުސެއިން ވިދާޅުވީ، މަޖިލީހުގައި މުހިންމު އެތައް ބިލެއް ނުނިމި ހުރިއިރު ރިއަލް އެސްޓޭޓް ބިލު އަވަސްއަރުވާލައިގެން ފާސްކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، މި ބިލުގެ އިތުރުން ރާއްޖެ އަންނަން އުޅޭ ޒަޔަނިސްޓުންނާ ދެކޮޅަށް ވާހަކަދެއްކުން ގާނޫނީ ގޮތުން މަނާކުރަން ވެސް ބިލު ހުށަހަޅާފައިވާ ކަމަށެވެ. އަދި ސަރުކާރުން މިކަމަށް މިހާ ބޮޑު އިސްކަމެއް ދީގެން އުޅޭތީ، މިއީ ހަގީގަތުގައިވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަންޖެހޭ ފަދަ ބޮޑު މައްސަލައެއްކަން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.











