ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 ނޮވެމްބަރު 2026 | ބުދަ 13:32ޤައުމީ މުހިންމު ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށްޓަކައި، ދައުލަތުގެ އިއްޒަތްތެރި 12 ބޭފުޅުން ހިމެނިވަޑައިގަންނަވާ "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" އެކުލަވާލައްވައިފި. މި މަޖިލީހަކީ ސަރުކާރުގެ ކަންކަން ހަރުދަނާކުރުމަށާއި ގައުމަށް ދިމާވާ އެކި މައްސަލަތަކުގައި މަޝްވަރާ ހޯއްދެވުމަށް، މިއަހަރުގެ މިނިވަން ދުވަހު ރައީސް އިއުލާންކުރެއްވި ނިންމެވުމާ އެއްގޮތަށް އުފެއްދެވި މަޖިލީހެއް


ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި | ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ ޖުމްހޫރީ ދުވަހު ރައީސް އޮފީހުންނެވެ. އެގޮތުން މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް މުއިއްޒު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
ޤައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ގެންދިޔުމުގައްޔާއި އަދި ޤައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، މަޝްވަރާ ހޯއްދަވަންޖެހޭ ކަންކަމުގައި ރައީސްއަށް މަޝްވަރާ ދެއްވުމަށްޓަކައި، "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި އުފެއްދެވި މަޖިލީހުގައި 12 މެންބަރުން ހިމެނެ އެވެ.
އެގޮތުން މި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ކަމާލުއްދީން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދު، ނިޝާން އަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ލަތީފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަހްމަދު ނަސީމް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އާދަމް އަބްދުއްރަހްމާނު އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަހްމަދު ޝާކިރު އެވެ.











