ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ލިބިދިން ޤާނޫނުތައް ބަދަލުކޮށްފައި، ރައްޔިތުން ޤާނޫނާ ހިލާފުނުވާން ބުނުމަކީ، ހައްގުތަކަށް ގޮންޖެހުން: ފައިސަލް
11 ނޮވެމްބަރު 2026 | ބުދަ 13:29ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ބާރުތަކާއި މިނިވަންކަން ހަނިކޮށް، އަޅުވެތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. ދައުލަތުގެ ތިން ބާރަކީ ވެރިކަން ކުރާ މީހާގެ އަމިއްލަ މިލްކެއް ނޫންކަން ފާހަގަކުރައްވައި، ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމަށާއި ގާނޫނީ ހުކޫމާތު ދެމެހެއްޓުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ސަން
ރައްޔިތުންނަށް ބާރުތަކާއި މިނިވަންކަން ލިބިދިން ގާނޫނުތައް ބަދަލުކޮށްފައި، ރައްޔިތުން ގާނޫނާ ހިލާފުނުވާން ބުނުމަކީ، ހައްގުތަކަށް ގޮންޖެހުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފައިސަލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން ބާރުވެރިކުރުވަން ފަރުމާކޮށްފައި އޮތް ގާނޫނު އަސާސީއެއް ލިބިދީފައި އޮންނައިރު، ރައްޔިތުންގެ ހައްގުތައް ހަނިކޮށް، ގާނޫނު އަސާސީން ލިބިދިން ބާރުތައް ހަނިކޮށް ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަން މިއަދު ރައްޔިތުންނަށް އިހުސާސްކުރެވޭ ކަމަށެވެ. އަދި މިއީ ހިތާމަކުރާ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެގޮތުން ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމި އޮންނަންޖެހޭނީ ވެސް ރައްޔިތުންގެ އަތުގައި ކަމަށް ގާނޫނު އަސާސީގައި ސާފުބަހުން ލިޔެފައި އޮއްވާ ގާނޫނުތަކުން ރައްޔިތުންގެ ހައްގުތަކާ މިނިވަންކަން ހަނިކޮށް މިނިވަންކަމުގެ ފިޔަކޮށައި، އަޅުވެތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިއީ ގާނޫނު އަސާސީން ކަށަވަރުކުރި ހައްގުތައް ރައްޔިތުން ދިފާއުކުރަންވީ ވަގުތު ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، ރައްޔިތުންނަށް ބާރުތަކާ މިނިވަންކަން ލިބިދިން ގާނޫނުތައް ބަދަލުކޮށްފައި، ރައްޔިތުން ގާނޫނާ ހިލާފުނުވާން ބުނުމަކީ، ހައްގުތަކަށް ގޮންޖެހުން ކަމަށް ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން، ޝަރުއީ ނިޒާމަކީ ވެސް، ރައްޔިތުންގެ މަޖިލީހަކީ ވެސް، އަދި ވެރިކަން ހިންގުމުގެ ބާރަކީ ވެސް، ވެރިކަން ކުރަން ހުންނަ މީހާގެ މިލްކެއް ނޫން ކަމަށާއި، އެއީ އެމީހަކު އެ ބާރުތައް ނަގަހައްޓައި ދަމަހަށްޓަން ޖެހޭ އަމާނާތެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.
ހަމައެއާއެކު، ގާނޫނުއަސާސީގެ ކޯޓުން ބޭރުނުވެ، ގާނޫނީ ހުކޫމާތް ދިވެހިރާއްޖޭގައި ހިންގުމަށް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ.










