ސްޕެއިނުން ޔޫކްރެއިނަށް 489 މިލިޔަން ޑޮލަރުގެ އަސްކަރީ އެހީގެ އާ ޕެކޭޖެއް ދެނީ
6 ނޮވެމްބަރު 2026 | ހުކުރު 08:58ޔޫކްރެއިންގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ރަޝިއާއިން ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ޤައުމުގެ ހާލަތު ގޯސްވަމުންދާތީ، ސްޕެއިންގެ އެހީތެރިކަމަށް ރައީސް ޒެލެންސްކީ އެދިވަޑައިގަންނަވައިފި. ސްޕެއިންގެ ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި، ޔޫކްރެއިންގެ މިނިވަންކަން ދިފާޢުކުރުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ސްޕެއިނުން ވަނީ ދީފައި. އެހެންކަމުން، މި ހަނގުރާމައިގައި އިންސާނީ އަދި ދިފާޢީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ ޤާނޫނުތައް ހިމާޔަތްކުރުން ކަމަށް ސްޕެއިނުން ގަބޫލުކުރޭ


ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ މެޑްރިޑުގައި ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒްއާ ބައްދަލުކުރައްވަނީ | އަނަދޮލު އޭޖެންސީ
ސްޕެއިނުން ޔޫކްރެއިނަށް 437 މިލިޔަން ޔޫރޯގެ (ގާތްގަނޑަކަށް 489 މިލިޔަން އެމެރިކާ ޑޮލަރު) އަސްކަރީ އެހީގެ އާ ޕެކޭޖެއް ހަމަޖައްސައިދީފައިވާ ކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ޔޫކްރެއިނަށް "އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދިފާޢީ ކަންކަމާ" ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެދްރޯ ސަންޗޭޒްއާ މެޑްރިޑުގައި ބައްދަލުކުރެއްވި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. ރަޝިއާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ސްޕެއިނުން މެދުކެނޑުމެއްނެތި ކީވްއާއެކު ސާބިތުކަމާއެކު ދެމިއޮތް ކަން ވެސް ޔޫކްރެއިންގެ ރައީސް ފާހަގަކުރެއްވި އެވެ.
ހަކަތަ ފޯރުކޮށްދޭ މަރުކަޒުތަކާއި، ލޮޖިސްޓިކްސް ވިއުގަތަކާއި، ރޭލު ދަތުރުފަތުރު ފަދަ ޔޫކްރެއިންގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ރަޝިއާއިން ދެމުންގެންދާ ހަމަލާތަކުގެ މަޢުލޫމާތު ބޮޑުވަޒީރު ސަންޗޭޒްއާ ހިއްސާކުރެއްވި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. "ހަނގުރާމައިގެ ވޭތުވެދިޔަ ހުރިހާ އަހަރެއް އެއްކޮށްލުމުން ލިބުނު ގެއްލުމަށްވުރެ ބޮޑަށް، މި އަހަރު އެކަނިވެސް ރަޝިއާއިން ވަނީ އަޅުގަނޑުމެންގެ ރޭލު އިންޖީނުތަކަށް ގެއްލުންދީފައި،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، "ކަރަންޓު ވިއުގައަށާއި ފެން ފޯރުކޮށްދޭ ނިޒާމަށް މެދުކެނޑުމެއްނެތި ހަމަލާތައް އަމާޒުވަމުންދާއިރު، ޚާއްސަކޮށް ކީވްގެ ހާލަތު ވަރަށް ދަތި ކަމަށާއި، އިންސާނީ އެހީތެރިކަމުގެ ކޮންމެ ފިޔަވަޅަކީ ވެސް ނުހަނު މުހިންމު ކަމެއް،" ޒެލެންސްކީ ވިދާޅުވި އެވެ.
ސްޕެއިނުން އަބަދުވެސް ޔޫކްރެއިންގެ ރައްޔިތުންނާއެކު ދެމިއޮންނާނެ ކަމަށް ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވި އެވެ. އަދި، އެހީތެރިކަން ދެމުންގެންދަނީ "އެ ބޭފުޅުންގެ މިނިވަންކަން ދިފާޢުކުރުމަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި، ޤައުމުތަކުގެ ސިޔާދަތާއި، ވިލާތުގެ މަޝްރޫޢު ދިފާޢުކުރުން ކަމަށްވާތީ،" ކަމަށް ވެސް ސަންޒޭޒް ވިދާޅުވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











