އެމްޕީއެލްއިން މިދިޔަ ހަފުތާގައި 1،900 އަށްވުރެ ގިނަ ކޮންޓެއިނަރު ކްލިއާކޮށްފި
2 ނޮވެމްބަރު 2026 | ހޯމަ 13:35އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި މާލޭ ވިޔަފާރި ބަނދަރަށް 7 އުޅަނދެއް ބަނދަރުކޮށް، 41،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައި. މީގެ ތެރޭގައި ގިނަ އަދަދެއްގެ މޭވާއާއި ތަރުކާރީ ހިމެނޭއިރު، އެންމެ ގިނައިން ނެރެފައިވަނީ ބިހާއި ފިޔަލުގެ އިތުރުން ކަރާ އަދި އަލުވި ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެއް


އެމްޕީއެލް ބަނދަރުގައި ކޮންޓެއިނަރުތައް ކްލިއާކުރަނީ | އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 1،958 ކޮންޓެއިނަރު ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި މި މުއްދަތުގައި އެންމެ ގިނައިން ބަނދަރުން ކްލިއާކޮށްފައިވަނީ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ކަމަށްވާ ބިހާއި ފިޔަލެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ޖުމުލަ 41،959.34 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފަ އެވެ. މީގެ ތެރޭގައި ކޮންޓެއިނަރު ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ އުޅަނދުފަހަރުން ކްލިއާކުރި 486 'ކޮންސައިންމަންޓް' ހިމެނެ އެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ކޮންޓެއިނަރު އުފުލާ 2 ބޯޓާއި އާންމު މުދާ އުފުލާ 5 ބޯޓު ބަނދަރަށް އައިސްފައިވެ އެވެ. އަދި ޚިދުމަތް ހޯދުމަށްފަހު ކޮންޓެއިނަރު އުފުލާ 4 ބޯޓަކާއި އާންމު މުދާ އުފުލާ 8 ބޯޓެއް ވަނީ ފުރާފަ އެވެ. މީގެއިތުރުން، މި މުއްދަތުގައި އަވަހަށް ހަލާކުވާ ޒާތުގެ މޭވާއާއި ތަރުކާރީގެ 67،869 ޕެކޭޖެއް ވަނީ ބަނދަރުން ނެރެފައެވެ.
ބަނދަރުން އެންމެ ގިނައިން ކްލިއާކުރި އަސާސީ ކާބޯތަކެތީގެ ތަފާސްހިސާބު ބަލާއިރު 16،278 ބިސް ކޭސް، 11،519 ފިޔާ ބަސްތާ، 9،133 ކޭސް ކަރާ، 6،556 ބަސްތާ އަލުވި އަދި 6،173 ކޭސް ޓޮމާޓޯ ހިމެނެ އެވެ.








