މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި، ފައްޓަރުބައި ވިއްކާލައިގެން ވެސް ސަރުކާރުގައި ތިބެން އެބޭފުޅުން ބޭނުންވާނެ: އަމީރު
29 އޮކްޓޯބަރު 2026 | ބުރާސްފަތި 07:20ރާއްޖޭގެ އިގްތިސާދީ ހާލަތު ބަންގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވަނީ ދެއްވާފައި. އަދި ސިޔާސީ ނިންމުންތައް ނިންމުމުގައި ޓެކްނިކަލް ބޭފުޅުންގެ ލަފާ ހޯދުމަށާއި، ގައުމަށް ގެއްލުންވާ ކަންކަމާ ދެކޮޅަށް ތެދުވުމަށް އޭނާ ސިވިލް ސަރވަންޓުންނަށް ވެސް ގޮވާލައްވާފައިވޭ


ބުދަ ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެއިލްވެ، ކުރާނެ ކަމެއް ނޭނގި ހުރިހާ ޚިޔާލުތަކެއް ހުއްޓުމުން ދެން ދާނީ ގައުމު ވިއްކާ ހިސާބަށް ކަމަށާއި، މިހާރު ރާއްޖެ މިއޮތީ އެންމެ ނުރައްކާތެރި ހާލަތަށް ގޮސްފައިކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ. އަދި ސަރުކާރުގައި ތިބި ނާގާބިލު ބޭފުޅުންނަށް ޔޫއޭއީ ފަދަ ގައުމުތަކާ އެކު ރަނގަޅު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް (އެފްޑީއައި) ގެނައުމަށް ވާހަކަދައްކައި ނެގޯޝިއޭޓް ކުރެވޭނެ ފެންވަރު ނެތް ކަމަށާއި، ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސް އަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓާ ދެކޮޅު ނޫން ކަމަށާއި، އެ ތަރައްގީ ގެންނަން ޖެހޭ ގޮތަށް އެކަމެއް ކުރުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ތާއީދުކުރާނެ ކަމަށެވެ.
ސަރުކާރު ފެއިލްވެގެން ގޮސް ކުރާނެ ކަމެއް ނޭނގިގެން ހުރިހާ ޚިޔާލުތަކެއް ހުއްޓުނީމާ ދެން ގައުމުވެސް ވިއްކާ ހިސާބަށް ދާނެ. ސަރުކާރު ހިފަހައްޓަން ބޭނުން ނަމަ، މިހާރު މިއޮތީ އެ ހާލަތަށް އައިސްފައި. މިހާރު މިއޮތީ އެ މީހުން ހަމަ ފައްޓަރުބައި ގޭގައި ހުރި ހުރިހާ އެއްޗެއް ވިއްކާލާފައި ވެސް ބޭނުންވާނެ ސަރުކާރުގައި ތިބެންއިބްރާހީމް އަމީރު
އިގްތިސާދީ ކަންކަމުގައި ޓެކްނިކަލް މުވައްޒަފުންގެ އަޑު އެހުން މުހިންމުކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އަބަދުވެސް ސިވިލް ސަރވިސްގެ ޓެކްނިކަލް ބޭފުޅުންގެ ލަފަޔާއި ބަސް އަހައިގެން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ސިޔާސީ ގޮތުން ނިންމާ ނިންމުންތަކުގައި ޓެކްނިކަލް މީހުންގެ ބަސްނާހާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ސިޔާސީ ބޭފުޅުން ބަސް ނޭހި ނަމަވެސް، އެ ކަންކަމާ ދެކޮޅަށް ވާހަކަދައްކައި ތެދުވުމަށް ރާއްޖޭގެ ސިވިލް ސަރވަންޓުންނަށް އަމީރު ގޮވާލެއްވި އެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ، އެމްޑީޕީއާ ދިމާލަށް މީގެ ކުރިން ލާދީނީ އޭ ބުނި މީހުން މިއަދު ދީނާއި ސިޔާދަތަށް ގެއްލުންވާ ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އަންހެން ކުދިން ތައުލީމުން މަހުރޫމްކޮށް ރާއްޖެ ކަންދަހާރު ފަދަ ތަނަކަށް ހަދަން މަސައްކަތްކުރާ ނަމަ، އެޑިއުކޭޝަން މިނިސްޓްރީގެ ސިވިލް ސަރވަންޓުންނަށް ވެސް އެ ކަންކަމާ ދެކޮޅަށް ފާޅުގައި ބަސްބުނަން ކެރެންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.











