ރައީސް އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އަންގައިފި
27 އޮކްޓޯބަރު 2026 | އަންގާރަ 07:14ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލާއި އެކަމަށް ހިނގި ޚަރަދު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއަށް ޑިފެންސް މިނިސްޓްރީން ދިން ޖަވާބު ފުރިހަމަނުވާތީ އެ މައްސަލަ އައިކޮމްއަށް ވަނީ ހުށަހަޅާފައި. މި މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ނިންމެވީ އެދިފައިވާ މައުލޫމާތުތައް ރަސްމީ 5 ދުވަހުގެ ތެރޭގައި ހިއްސާކުރުމަށް

ރައީސް މުއިއްޒު އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި | ރާއްޖެ ޓީވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލު ހޯދުމަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިގައި އެދިފައިވާ މައުލޫމާތު 5 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.
ރާއްޖެޓީވީން ހޯދުމަށް އެދިފައިވާ މައުލޫމާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް އާރަށަށް، މި އަހަރުގެ މިހާތަނަށް ޖުމްލަ ކިތައް ދަތުރު ކުރައްވާފައިވޭތޯ އާއި މިދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ ކިހާ ފައިސާއެއް ޚަރަދުވެފައިވޭތޯ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ބޭފުޅުންގެ އިތުރުން، އެހެން އެއްވެސް ފަރާތްތަކެއް މި ދަތުރުތަކުގައި ބައިވެރިކޮށް އާރަށަށް ގެންގޮސްފައިވޭތޯ އާއި އެއީ ކިތައް ފަހަރު ކިތައް މީހުންތޯ އެނގޭނޭ ފަދަ ތަފްސީލީ މައުލޫމާތެވެ.
ރާއްޖެޓީވީން 20 ޖޫން 2026 ގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ދަށުން ހުށަހެޅި މި އާރްޓީއައިއާ ގުޅިގެން، 9 ޖުލައި 2026 ގައި ޑިފެންސް މިނިސްޓްރީން ދީފައިވާ ޖަވާބާ މެދު ހިތްހަމަނުޖެހޭތީ، އެ މައްސަލަ ރިވިއު ކޮށްދިނުމަށް އެދި މިނިސްޓްރީގެ ރިވިއު ކޮމިޓީއަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ނަމަވެސް، 9 ޖުލައި 2026 ގައި ޑިފެންސް މިނިސްޓްރީން ފޮނުވާފައިވާ ޖަވާބުގައި ރާއްޖެޓީވީން އެދިފައިވާ މައުލޫމާތުތައް ފުރިހަމައަށް ހިމަނާފައި ނުވާތީ އާއި ދީފައިވާ މައުލޫމާތުތަކަކީ އެދުނު ސުވާލުތަކަށް އެކަށީގެންވާ ސާފު ޖަވާބުތަކެއް ކަމުގައި ނުފެންނާތީ، ރާއްޖެޓީވީން ވަނީ އައިކޮމްއަށް އެ ޝަކުވާ ހުށަހަޅާފަ އެވެ.
ރާއްޖެޓީވީން އެގޮތަށް އެދިފައިވަނީ އާރަށަށް ވަޑައިގެންނެވި ފަހަރުތަކުގެ އަދަދާ ގުޅޭ ގޮތުން ބައެއް ނޫސްކޮންފަރެންސްތަކުގައި ވެސް ރައީސް އަމިއްލަފުޅަށް ވެސް ވާހަކަފުޅު ދައްކަވާފައިވުމާއި ރައީސް ޗުއްޓީ ހޭއްދަކުރެއްވުމަށް ކުރައްވާފައިވާ ދަތުރުފުޅުތަކުގެ އަދަދާ ހިނގާފައިވާ ޚަރަދާއި ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދު އެއީ ސިއްރު ކުރަންޖެހޭ މައުލޫމާތުތަކެއް ކަމަށް ގަބޫލު ނުކުރެވޭތީ އާއި، ރައީސް ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދާ ބައިވެރިވެވަޑައިގަންނަވާ ބޭބޭފުޅުންގެ އަދަދު ވެސް އާންމު ކުރައްވާފައިވާތީ އެވެ.
މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާއި، ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް އަންގާރަ ދުވަހުގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ވަނީ މައްސަލައިގައި ގޮތެއް ކަނޑައަޅުއްވާފަ އެވެ.
ގޮތް ނިންމަވަމުން އަޒީޒް ވަނީ ރާއްޖެޓީވީން ހޯދަން އެދިފައިވާ މައުލޫމާތުގެ ތެރެއިން ޑިފެންސް މިނިސްޓްރީން އުފައްދައި، ގެންގުޅެ، ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތު ރަސްމީ 5 ދުވަހުގެ ތެރޭގައި ރާއްޖެޓީވީއަށް ދިނުމަށް އަންގަވާފަ އެވެ. އަދި އެއީ ނެތް މައުލޫމާތެއްކަމަށްވާނަމަ، އެކަންވެސް 5 ދުވަހުގެ ތެރޭގައި އެންގުމަށް ނިންމުމުގައިވެ އެވެ.











