އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރުތައް ނައްތާލަން ވިލާތުގެ އިއްތިހާދާއި ހުޅަނގުގެ ބާރުތަކުން ގޮވާލައިފި
29 އޮކްޓޯބަރު 2026 | ބުރާސްފަތި 06:16އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ޕުރޮގުރާމުތައް ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން، އެމެރިކާއާއި ވިލާތުގެ އިއްތިހާދު ހިމެނޭ ބައިނަލްއަގުވާމީ ކޯލިޝަނަކުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި. މި ފިޔަވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އުތުރު ކޮރެއާއާއި ރަޝިއާއާ ދެމެދު އޮންނަ ޣައިރުގާނޫނީ އަސްކަރީ ގުޅުންތަކަށާއި ސައިބަރ ކުށްތަކަށް ކަމަށްވާއިރު، އދ. ގެ ހުރިހާ މެންބަރު ގައުމުތަކުން މި ގަރާރުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެ އިއްތިހާދުން ވަނީ ގޮވާލާފައި

![އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއްގެ ޓެސްޓު ހަދަނީ [އާކައިވް]](https://dyncz33htw1ec.cloudfront.net/posts/07f3f872-5ea8-472b-b581-8c7c978e124b.webp)
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއްގެ ޓެސްޓު ހަދަނީ [އާކައިވް] | އަނަދޮލު އޭޖެންސީ
އުތުރު ކޮރެއާއިން ގެންގުޅޭ ނިއުކްލިއަރ ހަތިޔާރުތަކާއި ބެލިސްޓިކް މިސައިލް ޕުރޮގުރާމުތައް އެއްކޮށް ދޫކޮށްލުމަށް ގޮވާލައި، އެ ޤައުމާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމަށް އެމެރިކާއާއި، އިނގިރޭސިވިލާތާއި، ޖަޕާނުގެ އިތުރުން ވިލާތުގެ އިއްތިހާދު (އީޔޫ) ހިމެނޭ ބައިނަލްއަގުވާމީ އިއްތިހާދަކުން ބުދަ ދުވަހު އަލުން ގޮވާލައިފި އެވެ.
މި ފަރާތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ވިލާތުގެ އިއްތިހާދާއި އެމެރިކާގެ އިތުރުން ކެނެޑާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް، ނެދަލަންޑްސް، ޖަޕާން، އޮސްޓްރޭލިއާ، ނިއުޒިލަންޑް، އަދި ދެކުނު ކޮރެއާއިން ވަނީ އުތުރު ކޮރެއާ "ފުރިހަމަ، ކަށަވަރުކުރެވޭ، އަދި އަނބުރާ ރުޖޫޢަ ނުކުރެވޭ ފަދަ ގޮތެއްގައި ނިއުކްލިއަރ ހަތިޔާރުން އެއްކިބާކުރުމަށް" އޮތް ސާބިތު އަޒުމް އަލުން ކަށަވަރުކޮށްދީފަ އެވެ.
ވިލާތުގެ އިއްތިހާދާއި، އޮސްޓްރޭލިއާ އަދި އެމެރިކާއިން އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ޚާއްސަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މި ފިޔަވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އުތުރު ކޮރެއާއިން "ޤައުމުން ބޭރުގައި މަސައްކަތްކުރާ މަސައްކަތްތެރިން ބޭނުންކުރުމާއި، ނުރައްކާތެރި ސައިބަރ ހަރަކާތްތައް ހިންގުމާއި، އަދި އުތުރު ކޮރެއާއާއި ރަޝިއާއާ ދެމެދު ހިންގާ ޣައިރު ޤާނޫނީ އެއްބާރުލުމުގައި ބައިވެރިވާ" ފަރާތްތަކަށެވެ.
މި ގޮތުން އެޅުނު ފިޔަވަޅުތަކާ ގުޅޭގޮތުން، "އެ ޤައުމުތަކުގެ މި ފިޔަވަޅުތަކަކީ، ފަނާކުރުވަނިވި ހަތިޔާރުތަކާއި ބެލިސްޓިކް މިސައިލް އުފެއްދުމަށް އުތުރު ކޮރެއާއިން ކުރާ ޣައިރުޤާނޫނީ މަސައްކަތްތަކަށް ހުރަސްއެޅުމަށާއި، އުތުރު ކޮރެއާއާއި ރަޝިއާއާ ދެމެދު އޮތް ޣައިރުޤާނޫނީ އަސްކަރީ އެއްބާރުލުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކެއް،" ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މި ނިންމުންތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކަށް އުތުރު ކޮރެއާއިން އަމަލުނުކުރާ މައްސަލަތައް މޮނިޓަރުކޮށް ރިޕޯޓުކުރާ މަލްޓިލެޓަރަލް ސެންކްޝަންސް މޮނިޓަރިންގ ޓީމުން (އެމްއެސްއެމްޓީ) ޝާއިޢުކުރި ތަފްސީލީ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ފިޔަވަޅުތަކެއް ކަމަށް ބަޔާނުގައި ބުންޏެވެ.
މިއާއެކު، "އެމްއެސްއެމްޓީއާއި ވިލާތުގެ އިއްތިހާދުން އުތުރު ކޮރެއާ ފުރިހަމައަށް، ކަށަވަރުކުރެވޭ އަދި އަނބުރާ ރުޖޫޢަ ނުކުރެވޭ ފަދަ ގޮތެއްގައި ނިއުކްލިއަރ ހަތިޔާރުން އެއްކިބާކުރުމަށް އޮތް އަޒުމް އަލުން ކަށަވަރުކުރުން. އަދި، އެ ޤައުމުގެ ޣައިރުޤާނޫނީ ފަނާކުރުވަނިވި ހަތިޔާރާއި ބެލިސްޓިކް މިސައިލް ޕުރޮގރާމުތައް ދޫކޮށްލުމަށް ގޮވާލައި، އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވުމަށާއި އެ ފިޔަވަޅުތަކުން ރެކުމަށް އުތުރު ކޮރެއާއިން ކުރާ މަސައްކަތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނޭ،" ކަމަށް އެ ބަޔާނުގައި ބުންޏެވެ. ހަމަމިއާއެކު، "އުތުރު ކޮރެއާއާ ގުޅޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ހުރިހާ ޤަރާރުތަކެއް ފުރިހަމައަށް ތަންފީޒުކުރުމަށް އަޅުގަނޑުމެން ކުރާ ވަރުގަދަ ތާއީދު މެދުކެނޑުމެއްނެތި ދަމަހައްޓާނަން،" ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި ސޮއިކުރި ޤައުމުތަކުން ވަނީ، އދ. ގެ ހުރިހާ މެންބަރު ޤައުމުތަކުން، އަދި ޚާއްސަކޮށް ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން، އުތުރު ކޮރެއާއާ ގުޅޭ ހުރިހާ ޤަރާރުތަކެއް ފުރިހަމައަށް ތަންފީޒުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅައި ގޮވާލާފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











