އުތުރު ކޮރެޔާގެ އަސްކަރީ ހަރަކާތްތައް މޮނިޓަރުކުރަން ދެކުނު ކޮރެޔާއިން ސެޓެލައިޓްތަކެއް ފޮނުވައިފި
7 އޮކްޓޯބަރު 2026 | ބުދަ 05:23ދެކުނު ކޮރެޔާގެ 'ނޫރީ' ރޮކެޓްގައި ޖައްވަށް ފޮނުވާލި ސެޓެލައިޓްތަކުގެ އެހީގައި، އެ ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އުތުރު ކޮރެޔާގެ އަސްކަރީ ހަރަކާތްތައް މޮނިޓަރުކުރުން ވަރުގަދަވެގެންދާނެ. މީގެ ތެރޭގައި ހިމެނޭ 'ނިއޯންސެޓް' މައިކްރޯސެޓެލައިޓްތަކަކީ ބިމުގައި ހުރި އެއް މީޓަރަށްވުރެ ކުދި ތަންތަން ސާފުކޮށް ފެންނަވަރުގެ ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ ވަސީލަތްތަކެއް. އަންނަ އަހަރު އިތުރު ފަސް ސެޓެލައިޓް ފޮނުވައިގެން މި ނިޒާމު ފުރިހަމަކުރުމަށް އެ ގައުމުން ވަނީ ނިންމާފައި


ދެކުނު ކޮރެޔާއިން އަމިއްލައަށް އުފައްދާފައިވާ 'ނޫރީ' މަރުކާގެ ރޮކެޓް ޖައްސަށް އުދުއްސައިލަނީ | އަނަދޮލު އޭޖެންސީ
ދެކުނު ކޮރެޔާއިން އަމިއްލައަށް އުފައްދާފައިވާ 'ނޫރީ' މަރުކާގެ ޖައްވީ ރޮކެޓު، 15 ސެޓެލައިޓާއެކު އޭގެ ފަސްވަނަ ދަތުރުގައި ބުދަ ދުވަހު ޖައްވަށް ފޮނުވާލައިފި އެވެ. މީގެ ތެރޭގައި އެ ޤައުމުން އަމިއްލައަށް ޖައްވަށް ފޮނުވާލި ފުރަތަމަ މައިކްރޯސެޓެލައިޓް ކޮންސްޓެލޭޝަންއަށް ޚާއްސަ ފަސް ސެޓެލައިޓް ހިމެނެ އެވެ.
ވެރިރަށް ސޯލްއާ 400 ކިލޯމީޓަރު ދުރުގައި، ހުޅަނގުދެކުނުގައި އޮންނަ ގޯހެންގގެ ނާރޯ ސްޕޭސް ސެންޓަރުން 200 ޓަނުގެ މި ރޮކެޓް އުދުއްސާލީ އެ ޤައުމުގެ ގަޑިން މެންދުރު 12:25 ގައި ކަމަށް ޔޮންހެޕް ނޫސް އޭޖެންސީން ރިޕޯޓުކުރެ އެވެ. މި ރޮކެޓްގެ ޕޭލޯޑްގައި ހިމެނެނީ ޤައުމީ ސަލާމަތަށް ޚާއްސަ 'ނިއޯންސެޓް' (ނިއު-ސްޕޭސް އާތު އޮބްޒަވޭޝަން ސެޓެލައިޓް ކޮންސްޓެލޭޝަން ފޯ ނޭޝަނަލް ސޭފްޓީ) ގެ ފަސް މައިކްރޯސެޓެލައިޓާއި 10 ކިއުބްސެޓް އެވެ.
ނިއޯންސެޓްގެ ދޭކުން ހަޔަކަށް ނަންބަރު ދީފައިވާ ފަސް ސެޓެލައިޓް، 575 ކިލޯމީޓަރުގެ އުސްމިނަކަށް، 35 ސިކުންތާއި 40 ސިކުންތާ ދެމެދުގެ ވަގުތުކޮޅެއްގެ ފަރަގަކާއެކު ޖައްވަށް ދޫކޮށްލުމަށް ތާވަލުކޮށްފައިވާ ކަމަށް ދެކުނު ކޮރެޔާގެ އިދާރާތަކުން ހާމަކުރި އެވެ. އަދި، މިއަށްފަހު ކިއުބްސެޓްތައް ވެސް ޖައްވުގެ ތެރެއަށް ދޫކޮށްލާނެ އެވެ.
މީގެ ތެރެއިން ކޮންމެ ނިއޯންސެޓެއްގެ ބަރުދަން 100 ކިލޯއަށްވުރެ ލުއިވާނެ އެވެ. މިއީ، ޖައްވުން ހައި-ރެޒޮލޫޝަން ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ، އިލެކްޓްރޯ-އޮޕްޓިކަލް ކެމެރާ ހަރުކޮށްފައިވާ ސެޓެލައިޓްތަކެކެވެ. މި ގޮތުން، 1 މީޓަރަށްވުރެ ކުޑަ އެއްޗެހީގެ ފޮޓޯ ވެސް މި ސެޓެލައިޓްތައް މެދުވެރިކޮށް ކަޅާއި ހުދުން ނެގޭނެ ކަމަށް ދެކުނު ކޮރެޔާގެ އިދާރާތަކުން ބުނެ އެވެ.
މި ސެޓެލައިޓްތައް ފަރުމާކޮށްފައި ވަނީ ޤައުމީ ސަލާމަތާއި ކާރިސާތަކަށް އިޖާބަދިނުމުގެ ބޭނުމަށް، ކޮރެއަން ޕެނިންސިއުލާއާއި އެ ސަރަހައްދު މޮނިޓަރު ކުރުމަށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ، ދެކުނު ކޮރެޔާގެ ސެޓެލައިޓުތައް ބޭނުންކޮށްގެން އުތުރު ކޮރެޔާގެ އަސްކަރީ ހަރަކާތްތައް މޮނިޓަރު ކުރެވޭނެ ކަމަށެވެ. މި 10 ސެޓެލައިޓްގެ ކޮންސްޓެލޭޝަން ފުރިހަމަކުރުމަށް ޓަކައި، އިތުރު ފަސް ނިއޯންސެޓް އަންނަ އަހަރު ނޫރީ ރޮކެޓްގެ ހަވަނަ ދަތުރުގައި ޖައްވަށް ފޮނުވާލުމަށް ވަނީ ރާވާފަ އެވެ.
2025 ނޮވެންބަރުގައި ނޫރީ ރޮކެޓްގެ ހަތަރުވަނަ ދަތުރުގައި ކާމިޔާބުކަމާއެކު 13 ސެޓެލައިޓް އޯބިޓަށް ފޮނުވާލާފައިވެ އެވެ. އޭގެ ތެރޭގައި 'ސީއޭއެސް500-3' އާއި 12 ކިއުބްސެޓް ހިމެނެ އެވެ. މިއީ، ނޫރީ މަރުކާގެ ރޮކެޓެއް ރޭގަނޑު އުދުއްސާލާފައިވާ ފުރަތަމަ ފަހަރެވެ. އަދި، މިއީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހަންވާ އެރޯސްޕޭސްއިން އިސްކޮށް އޮވެގެން ކުރިއަށްގެންދިޔަ ފުރަތަމަ މިޝަން ވެސް މެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











