އިންވެސްޓްކޮށްގެން ރައްޔިތުކަން ދޭ މަޝްރޫއުތައް ހުއްޓާލުމަށް ވިލާތުގެ އިއްތިހާދުން ކެރީބިއަންގެ ފަސް ގައުމަކަށް ހަރުކަށި އިންޒާރު ދީފި
24 އޮކްޓޯބަރު 2026 | ހޮނިހިރު 07:58އިންވެސްޓްކޮށްގެން ރައްޔިތުކަން ވިއްކާ ޕްރޮގްރާމްތައް 2028 ގެ ނިޔަލަށް ހުއްޓާނުލައިފިނަމަ، ކެރީބިއަންގެ ފަސް ގައުމަކަށް ދީފައިވާ ވިސާ ފްރީ ހުއްދަ ބާތިލްކުރާނެ ކަމުގެ އިންޒާރު ވިލާތުގެ އިއްތިހާދުން ދީފި. މި ފިޔަވަޅު އަޅަން ނިންމީ ސަލާމަތީ ނުރައްކާ އޮތް ގައުމުތަކުގެ މީހުން މި ސްކީމް މެދުވެރިކޮށް ވިލާތަށް ވަނުމުގެ ފުރުސަތު އޮތުމުން. އީޔޫއިން ބުނާގޮތުގައި މިއީ މުއްސަނދި އިންވެސްޓަރުން ޔޫރަޕަށް ވަނުމަށް ބޭނުންކުރާ "ފަހަތު ދޮރާއްޓެއް"


ފައިސާ ދީގެން ރައްވެހިކަން ހޯދުމަށް ހިންގާ ސްކީމްތަކަކީ، މުއްސަނދި ބޭރުގެ އިންވެސްޓަރުން ޔޫރަޕަށް ވަނުމަށް ބޭނުންކުރާ "ފަހަތު ދޮރާއްޓެއް" ކަމަށް އީޔޫ އިން ވަނީ ބުނެފައި | ގްލޯބަލް ނިއުސް
2028 ވަނަ އަހަރުގެ ނިޔަލަށް، އިންވެސްޓްކޮށްގެން ރައްޔިތުކަން ދޫކުރުމުގެ މަޝްރޫއުތައް ނިންމުމަކަށް ގެނައުމަށް ވިލާތުގެ އިއްތިހާދުން ކެރީބިއަންގެ ފަސް ގައުމަކަށް ހަރުކަށި އިންޒާރެއް ދީފި އެވެ.
ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން މިދިޔަ ހަފުތާގައި ހާމަކޮށްފައިވާ ގޮތުގައި، އިންވެސްޓްމަންޓް" (ސީބީއައި) ޕްރޮގްރާމްތައް 2028 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލުމަށާއި، މި މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ، ޝެންގެން ސަރަހައްދަށް ވިސާއާ ނުލައި ދަތުރުކުރުމަށް އެ ގައުމުތަކަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލްކުރާނެ ކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ.
މި އިންޒާރު އަމާޒުކޮށްފައިވަނީ އެންޓީގުއާ އެންޑް ބާބިއުޑާ، ޑޮމިނިކާ، ގްރެނާޑާ، ސެއިންޓް ކިޓްސް އެންޑް ނޭވިސް، އަދި ސެއިންޓް ލޫޝިއާއަށެވެ. ފައިސާ ދީގެން ރައްވެހިކަން ހޯދުމަށް މި ގައުމުތަކުން ހިންގާ މި ސްކީމްތަކަކީ، މުއްސަނދި ބޭރުގެ އިންވެސްޓަރުން ޔޫރަޕަށް ވަނުމަށް ބޭނުންކުރާ "ފަހަތު ދޮރާއްޓެއް" ކަމަށް އީޔޫއިން ދެކެ އެވެ.
މިކަމާ މެދު ކަންބޮޑުވުން އިތުރުވެފައިވާ އަނެއް ސަބަބަކީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިފަދަ ގޮތަކަށް ދޫކޮށްފައިވާ ގިނަ ޕާސްޕޯޓްތައް ހޯދާފައިވަނީ ނުރައްކާތެރި ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ރައްޔިތުން ކަމަށް ވުމެވެ. މީގެ ތެރޭގައި ޗައިނާ، ރަޝިޔާ، ސީރިއާ، އީރާން، އިރާގު، ޔަމަން، ލީބިޔާ، އަދި ނައިޖީރިއާގެ ރައްޔިތުން ހިމެނެ އެވެ.
އީޔޫގެ 27 މެންބަރު ގައުމުގެ ތެރެއިން 25 ގައުމަކަށް ވިސާއާ ނުލައި ވަދެވޭ ގޮތަށް އޮންނަ އޮތުން ކަނޑާލާނެ ކަމުގެ ބިރު ދެއްކުމުން، ބްރަސަލްސްގައި ހުންނަ އީޔޫގެ މައި އިދާރާއިން އަމާޒުކުރަނީ މި ކުދި ޖަޒީރާ ގައުމުތަކުގެ އާމްދަނީ ހޯދާ މައިގަނޑު ވަސީލަތަށެވެ.
ޔޫރަޕިއަން ކޮމިޝަނުން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމިމައިގަނޑު ސަބަބަކީ، މި ޕްރޮގްރާމްތައް ހިންގުމުގައި ހުރި ސަލާމަތީ ބޮޑެތި ކަންބޮޑުވުންތަކެވެ.
އާންމުގޮތެއްގައި ސީބީއައި ސްކީމްތަކުގެ ދަށުން، ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ގާތްގަނޑަކަށް 200,000 އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން، އެ ގައުމެއްގައި ދިރިއުޅެން ނުޖެހޭ ގޮތަށް، އެއް އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެ ގައުމެއްގެ ފުރިހަމަ ރައްވެހިކަމާއި ބާރުގަދަ ޕާސްޕޯޓެއް ލިބެ އެވެ.
ވިލާތުގެ އިއްތިހާދުގެ އިސްވެރިން ފާހަގަކުރައްވާ ގޮތުގައި، ގައުމުތަކަށް ވަނުމަށް އޮންނަ ލުއި އުސޫލުތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތީ ނިޒާމަށް ނުރައްކާވެ އެވެ. ހުށަހަޅާ ފޯމުތައް ގިނަވުމާއި، ފޯމުތައް ބަލައިނުގަނެ ދޫކޮށްލާ ނިސްބަތް އާދަޔާޚިލާފަށް މަދުވުމުގެ އިތުރުން، އަވަސް އަރުވާލައިގެން މަރުހަލާތައް ނިންމުމުގެ ސަބަބުން، ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބެލުމަށް ހުރަސްއެޅެ އެވެ. މިފަދަ ބެލުންތައް ހަރުދަނާކޮށް ނުބެލުމުގެ ސަބަބުން، ނުރައްކާތެރި މީހުންނާއި އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުން، ބައިނަލްއަގުވާމީ ބޯޑަރުތަކުގެ ހަރުދަނާ ފާސްކުރުންތަކުން ރެކިގެން، ފަސޭހަކަމާއެކު ދެވަނަ ޕާސްޕޯޓެއް ހޯދުމުގެ ފުރުސަތު ފަހިވެ އެވެ.
ސީދާ ސަލާމަތީ ނުރައްކާތަކުގެ އިތުރުން، ރަނގަޅަށް ބަލައި ޗެކުނުކޮށް ދޫކުރާ ރައްޔިތުކަމުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި ޓެކުހަށް މަކަރު ހެދުމާއި، މަނީ ލޯންޑަރިންގ އަދި ނަހަމަ ގޮތުގައި ހޯދާފައިވާ މުދާ ފޮރުވުމަށް މަގުފަހިވާކަމަށް ވިލާތުގެ ކަމާބެހޭ އިދާރާތަކުން އިންޒާރުދެ އެވެ.
ދައުލަތުގެ އާމްދަނީއާއި ވިލާތަށް ވަނުމުގެ ފުރުސަތުއިރުމަތީ ކެރީބިއަން ގައުމުތަކަށް، ވިލާތުގެ އިއްތިހާދުން ދީފައިވާ އިންޒާރަކީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި، ރައްޔިތުކަން ވިއްކުމަކީ ހަމައެކަނި ހިޖުރަކުރުމުގެ ވަސީލަތަކުން ބަދަލުވެ، އެ ގައުމުތަކުގެ މާލީ ނިޒާމުގެ މައި ތަނބަކަށް ވަނީ ވެފަ އެވެ. ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2019 އާއި 2023 އާ ދެމެދު އެ ސަރަހައްދުގެ ޖުމްލަ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) އެވްރެޖް 6.5 އިންސައްތަ ހިއްސާކުރަނީ މި ޕްރޮގްރާމްތަކުން ލިބޭ އާމްދަނީ އެވެ.
އެންޓިގުއާ އެންޑް ބާބިއުޑާ ފަދަ ބައެއް ގައުމުތަކުގައި، ޓެކްސް ނޫން ގޮތްގޮތުން ސަރުކާރަށް ލިބޭ އާމްދަނީގެ 60 އިންސައްތައާ ގާތްކުރާ މިންވަރަކަށް އާމްދަނީ ހޯދަނީ މިފަދަ އިންވެސްޓްމަންޓް ޕްރޮގްރާމްތަކުގެ ޒަރީއާއިންނެވެ.
މާލީ ނުތަނަވަސްކަމާއި ކުރިމަތިލާންޖެހިފައިވާ ކެރީބިއަންގެ ފަސް ގައުމެއްގެ އިސްވެރިން، އެއްބަސްވެފައިވާ ޚާއްސަ ޑިޕްލޮމެޓިކް ވަފުދެއްގެ ގޮތުގައި ބްރަސަލްސްއަށް ދަތުރުފުޅެއް ކުރެއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ގައުމުތަކުގެ މައިގަނޑު ވަކާލާތަކީ، އިންވެސްޓްމަންޓްގެ ބަދަލުގައި ސިޓިޒަންޝިޕް ދޫކުރުމުގެ ނިޒާމުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގޮތްގޮތަށް ހިނގަމުންދާ ކަމެއް ކަމަށާއި، އެހެންކަމުން މިފަދަ ނިޒާމުތައް މުޅިން ހުއްޓާލުމުގެ ބަދަލުގައި، އެ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބެލެހެއްޓުމެވެ.
ކެރީބިއަންގެ މިފަދަ ޕްރޮގްރާމްތަކާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން (އީޔޫ) ގެންގުޅޭ ހަރުކަށި ސިޔާސަތަކީ އެ އިއްތިހާދުގެ އެތެރޭގެ ނިންމުންތަކާ ގުޅިފައިވާ ކަމެކެވެ. ވިލާތުގެ އެންމެ މަތީ ކޯޓުން، ފައިސާގެ ބަދަލުގައި ޕާސްޕޯޓް ދޫކުރުމުގެ ނިޒާމުތަކަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައެޅުމާ ގުޅިގެން، އީޔޫގެ ހުރިހާ މެންބަރު ގައުމުތަކަކުން މިހާރު ވަނީ އެފަދަ ހަރަކާތްތައް ހުއްޓާލާފަ އެވެ. މިހާރު ބްރަސަލްސްއިން މަސައްކަތް ކުރަމުންދަނީ، ވިލާތުގެ ބޯޑަރުތަކުން ފަސޭހަކަމާއެކު ދަތުރުކުރުމުގެ އިމްތިޔާޒު ލިބިފައިވާ ބޭރުގެ ގައުމުތަކުގައިވެސް މިފަދަ ނިޒާމުތައް މަނާކުރުމަށެވެ.
ވިލާތުގެ އިއްތިހާދާއި ކެރީބިއަން ގައުމުތަކުގެ މެދުގައި އުފެދިފައިވާ މި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން، ދުނިޔޭގެ ދަތުރުފަތުރުގެ މިނިވަންކަމާއި ބޮޑެތި އިންވެސްޓްމަންޓްތަކުގެ މައްޗަށް ބިނާވެފައިވާ ހިޖުރަކުރުމުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.










