އަލް-ޚަލީލްގެ ހިސާރާއި މަޖުބޫރުން ގެދޮރު ގެއްލުވާލުން: ހުޅަނގު އައްސޭރީގައި 'ނަކްބާ' ތަކުރާރުކުރުމުގެ އިންޒާރެއް
25 އޮކްޓޯބަރު 2026 | އާދީއްތަ 06:22އިސްރާއީލުން ހުޅަނގު އައްސޭރީގެ އަލް-ޚަލީލް ހިސާރުކޮށް، އެ ސިޓީގެ އަވަށްތަކުން ފަލަސްތީނު މީހުން ބޭރުކޮށް ނަސްލީ ސާފުކުރުމުގެ ޖަރީމާތަކެއް ހިންގަމުންދާތީ ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފި. މި އޮޕަރޭޝަނަކީ ރެފިއުޖީ ކޭމްޕުތަކުގައި ހިންގި ފަދަ އަސްކަރީ ހަމަލާތަކެއް ފުޅާކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ބުނެފައި. މި އަމަލުތަކަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ނައްތާލުމަށް އިސްރާއީލުން ރާވައިގެން ހިންގާ ލާއިންސާނީ އަމަލުތަކެއް


ހުޅަނގު އައްސޭރީގެ އަލް-ޚަލީލްގައި ޔަހޫދީ އިސްރާއީލުގެ ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކެއް ކައިރިން ޢާންމުންގެ ބަޔަކު ހުރަސްކުރަނީ | އަނަދޮލު އޭޖެންސީ
އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އަލް-ޚަލީލުން 250 އާއިލާއަކަށް ނިސްބަތްވާ ގާތްގަނޑަކަށް 1،500 ފަލަސްތީނު މީހުން ގެދޮރު ދޫކޮށް ދިއުމަށް އިސްރާއީލުގެ ސިފައިން ހުކުރު ދުވަހުން ފެށިގެން މަޖުބޫރުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އިތުރު 2،500 މީހުން ގެދޮރުން ނެރެލުމަށް އެ ލަޝްކަރުން ރާވަމުންދާ ކަމަށް، އެ ސިޓީގެ މުނިސިޕަލްޓީން ހޮނިހިރު ދުވަހު ބުނެފި އެވެ.
އަލް-ޚަލީލް މުނިސިޕަލްޓީން ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރު ދޫކޮށްދާން މަޖުބޫރުވި އާއިލާތަކަކީ ޖުމުލަ 500 އާއިލާ ދިރިއުޅެމުންދާ ދައިރު ބަޙާ އަދި އަލް-ޖިލްދާ އަވަށުގެ ރައްޔިތުން ކަމަށެވެ. މީގެއިތުރުން، ހުސްކޮށްފައިވާ ގެތަކުގައި އިސްރާއީލުގެ ސިފައިން ފާހަގަޖަހައި، އަވަށުގައި ބާކީ ތިބި އާއިލާތަކަށް އެ މީހުންގެ އުޅަނދުފަހަރު ނުގެންގޮސް ގެދޮރު ދޫކޮށް ނުކުތުމަށް އަމުރުކޮށް ނޯޓިސް ބަހާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މަޖުބޫރުން މީހުން ބޭރުކުރުން އިތުރަށް ފުޅާކޮށް، އަލް-ޚަލީލްގެ އަވަށްތައް ހުސްކޮށް ސުންނާފަތިކޮށްލާނެ ކަމަށް ބުނެ އިސްރާއީލުން ދެމުންދާ ހަރުކަށި އިންޒާރުތަކާ ދެކޮޅަށް ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ވަނީ އިންޒާރު ދީފަ އެވެ. ނެރުނު ބަޔާނެއްގައި އެ ވުޒާރާއިން އެ އިންޒާރުތައް ސިފަކުރީ 'ނަކްބާ' ތަކުރާރުކޮށް، ނަސްލީ ސާފުކުރުމުގެ ޖަރީމާތަކެއް ހިންގުމަށް ކުރާ މަސައްކަތްތަކެއްގެ ގޮތުގަ އެވެ. ހަމަމިއާއެކު، އިސްރާއީލުގެ މި އަމަލުތަކާ ދެކޮޅަށް ސާބިތު ފިޔަވަޅުތަކެއް އެޅުމަށް އެކި ޤައުމުތަކުގެ ސަރުކާރުތަކަށް ބާރުއެޅުމަށް ޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް، ފަލަސްތީނުގެ އެމްބަސީތަކަށާއި ޑިޕްލޮމެޓިކް މިޝަންތަކަށް އެ ވުޒާރާއިން ވަނީ އަންގާފަ އެވެ.
އަލް-ޚަލީލްގެ ތެރެއަށް އިސްރާއީލު ސިފައިން ހުކުރު ދުވަހު ވަދެގަތް ވަގުތު އެ ސިޓީގައި ހުރެ ވާހަކަދައްކަމުން އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ބުނީ، ފަލަސްތީނު މީހުން އެ މީހުންގެ އަވަށްތަކުން ބޭރުކޮށް، ގެދޮރަށް ވަދެގަތުން ހިމެނޭހެން، އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ފުޅާ ދާއިރާއެއްގެ އަސްކަރީ ހަމަލާއަކަށް އެ ޤައުމުގެ ސިފައިން ތައްޔާރުވަމުންދާ ކަމަށެވެ. ހުޅަނގު އައްސޭރީގެ އުތުރުގެ އަސްކަރީ ހަމަލާތަކަށް އިޝާރާތްކޮށް ނަތަންޔާހޫ ބުނީ: "އަހަރެމެން ކުރިން މި ތަނުގައި ނުކުރާ ކަންކަން މި ތަނުގައި ކުރާނަން. ރެފިއުޖީ ކޭމްޕުތަކުގައި އަހަރެމެން ތަންފީޒުކުރި ކާމިޔާބު ހަމަލާތަކުގެ މޮޑެލް މިތަނަށް ވެސް ތަންފީޒު ކުރާނަން،" މި ފަދައިންނެވެ.
ހިސާރުކުރުމާއި ގެދޮރު ހުސްކުރުން
ހުކުރު ދުވަހު އަސްކަރީ އޮޕަރޭޝަނުގެ ނަމުގައި ފެށި ޖަރީމާތަކުގެ ދަށުން، ފަލަސްތީނުގެ ރައްޔިތުން ގެދޮރު ހުސްކުރަން މަޖުބޫރުކުރުވަމުން، އިސްރާއީލުގެ ސިފައިން އަލް-ޚަލީލް ހިސާރުކޮށްގެން ތިބޭތާ ހޮނިހިރު ދުވަހަށް ވަނީ ދެ ދުވަސްވެފަ އެވެ. އިސްރާއީލުގެ ޗެކްޕޮއިންޓަކަށް ފަލަސްތީނުގެ ދެ މީހަކު ބަޑީގެ ހަމަލާ ދިނުމާ ގުޅިގެން، ހުކުރު ދުވަހު އިސްރާއީލު ސިފައިން ވަނީ އެ ސިޓީ މުޅިން ބަންދުކޮށްފަ އެވެ. އިސްރާއީލުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހަމަލާ ދިން ދެ މީހުންނާއި އިސްރާއީލުގެ ދެ ސިފައިން މަރުވި އިރު، އިތުރު ތިން ސިފައިން ވަނީ ޒަޚަމުވެފަ އެވެ.
ސިޓީ ބަންދުކުރުމާ އެކުއެކީގައި އިސްރާއީލުގެ އަސްކަރީ އުޅަނދުތަކާއި ބުލްޑޯޒަރުތައް ގިނަ އަދަދަކަށް އެ ސަރަހައްދަށް ޖަމާކޮށް، އަލް-ޚަލީލް ވަށައިގެންވާ ސަރަހައްދުތަކާ ގުޅުވައިދޭ މައި މަގުތަކާއި ވަންނަ ދޮރޯށިތައް ވަނީ ބަންދުކޮށްފަ އެވެ. މިއާއެކު، ގެތަކަށް ވަދެގަނެ ފާސްކުރުމުގެ އޮޕަރޭޝަންތައް ވެސް ވަނީ ފަށާފަ އެވެ.
2023 އޮކްޓޫބަރު މަހު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ނަސްލުހޭދުގެ ޤަތުލުއާންމެއް ފެށި ފަހުން، އިރުމަތީ ޤުދުސް ހިމެނޭހެން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރީ ހަމަލާތަކާއި އިސްތިއުމާރީ ޓެރެރިސްޓު ވަޒަންވެރިންގެ އަނިޔާވެރިކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މި ހަމަލާތަކުގެ ތެރޭގައި ފަލަސްތީނު މީހުން ޝަހީދުކުރުމާއި، ހައްޔަރުކުރުމާއި، ގެދޮރާއި އެހެނިހެން އިމާރާތްތައް ތަޅާލުމާއި، މިސްކިތްތަކާއި އުޅަނދުފަހަރުގައި ހުޅުޖެހުން ހިމެނެ އެވެ. މި ގޮތުން ދަނޑުބިންތައް ބުލްޑޯޒަރު ދުއްވައި ސުންނާފަތިކުރުމާއި، ދަނޑުވެރިން އެ މީހުންގެ ދަނޑުތަކަށް ދިއުމަށް ހުރަސްއެޅުމާއި، ގަވާއިދާ ޚިލާފަށް ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން އާބާދުކުރުވުން ފުޅާކުރުމާއެކު ފަލަސްތީނުގެ މުޖުތަމައުތައް ގެދޮރުން ނެރެލުން ވެސް ހިމެނެ އެވެ.
މި ފަދަ ފިޔަވަޅުތަކަކީ، އދ. ގެ ކަމާބެހޭ ގަރާރުތަކާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތުތައް ނައްތާލައި، ހުޅަނގު އައްސޭރި ރަސްމީކޮށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް މަގުފަހިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ބުނެ، ފަލަސްތީނުގެ ރައްޔިތުން ދަނީ އިންޒާރު ދެމުންނެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











