ކަނޑަށް ތެޔޮ އެޅުމުގެ ނުރައްކާ ޔޫއޭއީގެ އުތުރަށް ފެތުރި، ރައުސު އަލް-ޚައިމާގެ ގޮނޑުދޮށްތައް ބަންދުކޮށްފި
25 އޮކްޓޯބަރު 2026 | އާދީއްތަ 03:00ކަނޑުމަތީގައި އޮތް ޓޭންކަރަކުން ތެޔޮ ލީކުވުމާ ގުޅިގެން ޔޫއޭއީގެ އުތުރުގެ ބައެއް ސަރަހައްދުތަކުގެ ގޮނޑުދޮށްތައް ވަގުތީގޮތުން ބަންދުކޮށް، ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި. މި ހާދިސާއާ ގުޅިގެން ބައެއް ރަށްތަކަށް ނުބައި ވަސް ދުވި ނަމަވެސް، ސިއްހީ ނުރައްކަލެއް ނެތް ކަމަށް ސަރުކާރުން ބުނޭ. ނަމަވެސް، ތެޔޮ ބޭރުވި ސަބަބާއި އެ އުޅަނދުގެ ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރޭ

ހުރްމުޒް ކަނޑުއޮޅީގައި ގެއްލުންވެފައި އޮތް ތެޔޮ ޓޭންކަރަކުން ކަނޑަށް އެޅެމުންދާ ތެޔޮތައް ޔޫއޭއީގެ ގޮނޑުދޮށްތަކަށް ފެތުރިފައިވާ ކަމަށް ބުނާ މަންޒަރުތައް | އެކްސް
ކަނޑުމަތީގައި އޮތް ތެޔޮ ޓޭންކަރަކުން ތެޔޮ ލީކުވުމާ ގުޅިގެން އަވައްޓެރި އުއްމު އަލް-ޤަޔިވައިން އަދި ޝާރިޤާގެ ގޮނޑުދޮށްތައް ބަންދުކުރިތާ އެއް ދުވަސް ފަހުން، ރައުސު އަލް-ޚައިމާގެ ހުރިހާ ގޮނޑުދޮށްތަކެއް ވަކި ގޮތެއް އަންގަންދެން ބަންދުކޮށްފައިވާ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ (ޔޫއޭއީ) ކަމާބެހޭ އިދާރާތަކުން ހޮނިހިރު ދުވަހު ބުނެފި އެވެ.
ރައުސު އަލް-ޚައިމާ ޕޮލިސް ޖެނެރަލް ހެޑްކުއާޓަރސް މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި އެ އިމާރާތުގެ ޕަބްލިކް ސަރވިސަސް ޑިޕާޓްމަންޓުން މި ނިންމުން އިއުލާނުކުރި ނަމަވެސް، ގޮނޑުދޮށްތައް ބަންދުކުރަން ޖެހުނު ވަކި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
އައްސޭރިން ބޭރުގައި އޮތް ޓޭންކަރަކުން ބޭރުވަމުންދާ ތެޔޮ ކޮންޓުރޯލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޔޫއޭއީއިން ހުކުރު ދުވަހު ބުނެފައިވާއިރު، އެ ޤައުމުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން ދަނީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ވަޒަންކުރުމުގެ ދިރާސާއެއް ހަދަމުންނެވެ. ފަންނީ ޓީމުތަކުން އެ ދިރާސާތައް ފުރިހަމަކޮށް، ރައްކާތެރިކަމަށާއި ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅަންދެން އުއްމު އަލް-ޤަޔިވައިން ސިޓީގެ ވަށައިގެންވާ ހުރިހާ ގޮނޑުދޮށްތަކާއި އައްސޭރިފަށުގެ ސަރަޙައްދުތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. ހަމަމިއާއެކު، ތެލުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކަށް ނުދިއުމަށާއި، ރަސްމީ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް މަސްވެރިންނަށާއި ކަނޑު ދަތުރުފަތުރުކުރާ އެހެނިހެން ފަރާތްތަކަށް ވެސް ވުޒާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޔޫއޭއީގެ އުތުރު އައްސޭރިފަށުގައި އުއްމު އަލް-ޤަޔިވައިންގެ ބޯޑަރު ކައިރީގައި އޮންނަ އަލް-ޙަމްރިއްޔާ ގޮނޑުދޮށް ވެސް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ޝާރިޤާ ސަރުކާރުގެ މީޑިއާ ބިއުރޯއިން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ޝާރިޤާ، ޢަޖްމާން އަދި އުއްމު އަލް-ޤަޔިވައިންގެ ބައެއް ހިސާބުތަކުން އާދަޔާ ޚިލާފު ނުބައި ވަސްތަކެއް ދުވާ ކަމަށް އާންމުން ރިޕޯޓުކުރި ނަމަވެސް، ޔޫއޭއީގެ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ އެ ކަމުގެ ސަބަބުން ސިއްހީ އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ނަމަވެސް، ހުކުރު ދުވަހު ވެސް އުއްމު އަލް-ޤަޔިވައިންގެ އެކި ހިސާބުތަކުގައި އެ ގަދަ ވަސް ހިފާފައި ހުއްޓެވެ. މިއާއެކު މި ހާދިސާގައި ހިމެނޭ ތެޔޮ ޓޭންކަރުގެ ނަން ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ތެޔޮ ބޭރުވާން މެދުވެރިވި ސަބަބެއް ވެސް އެ ފަރާތްތަކުން ބަޔާންކޮށްފައެއް ނުވެ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމަ ފެށުނީއްސުރެ، ގަލްފުގެ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގައި ވިޔަފާރި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާމެދު އަދި މި ހަމަނުޖެހުމުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު އޮތް ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
ގޮނޑުދޮށްތަކާއި އަގުބޮޑު ލަގްޜަރީ ރިސޯޓުތަކަށް މަޝްހޫރު ޔޫއޭއީގެ އުތުރުގެ އިމާރާތެއް ކަމަށްވާ ރައުސު އަލް-ޚައިމާއަކީ އަލް-މަރުޖާން ޖަޒީރާގައި ވިން ރިޒޯޓްސްއިން ތަރައްޤީކުރަން ރާވާފައިވާ ޖުވާ ކުޅުމަށް ޚާއްސަ ކެސީނޯ ރިސޯޓް ވެސް އޮންނަ ތަނެވެ. އެމެރިކާގެ ލަސް ވޭގަސްގެ މި އޮޕަރޭޓަރަކީ 2024 ވަނަ އަހަރު ޔޫއޭއީގެ ފުރަތަމަ ކޮމަރޝަލް ގޭމިންގ ލައިސަންސް ހޯދި ފަރާތެވެ. އެ ކުންފުނިން ފެބުރުއަރީ މަހު ބުނީ 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ރިސޯޓު ހުޅުވޭނެ ކަމަށް ލަފާކުރާ ކަމަށެވެ. މެދުއިރުމަތީގެ ވިޔަފާރިތަކަށް އީރާނުގެ ހަނގުރާމައިގެ ސަބަބުން ބުރޫއަރަމުން ދިޔަ ނަމަވެސް، ކުރު މެދުކެނޑުމަކަށް ފަހު އެ މަޝްރޫއުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ވިން ކުންފުނިން މާރިޗު މަހު ބުންޏެވެ.
މަސްދަރު: އަލް ޖަޒީރާ











