ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން
24 އޮކްޓޯބަރު 2026 | ހޮނިހިރު 04:37ރަޝިޔާއިން އެމެރިކާއަށް 40،000 ޓަނުގެ ޑީސަލް ފޮނުވުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ ކަމެއް. ރައީސް ޓްރަމްޕާއި ރައީސް ޕުޓިންގެ މަޝްވަރާތަކަށްފަހު ފެށި މި ސަޕްލައިގެ ދަށުން ކުރިއަށް އޮތް ތަނުގައި މިލިޔަނުން ޑީސަލް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި. ނަމަވެސް، ޔުކްރެއިނުން ވަނީ މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ހަނގުރާމައިގެ ޚަރަދުތަކަށް މަގުފަހިވާނެ ކަމަށް ބުނެ ފާޑުކިޔާފައި

![ރަޝިޔާއިން ތެޔޮ ބަރުކޮށްގެން ބޭރު ޤައުމަކަށް ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ހުއްޓުވަން ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/242c0822-d28e-4ca0-a5e9-b40c2356084e.webp)
ރަޝިޔާއިން ތެޔޮ ބަރުކޮށްގެން ބޭރު ޤައުމަކަށް ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއް ހުއްޓުވަން ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ [ފައިލް] | އޭޕީ
މި މަހުގެ ކުރީކޮޅު މޮސްކޯއާއި ވޮޝިންގޓަނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ރަޝިޔާގެ ޑީސަލް ބަރުކޮށްގެން ދަތުރުކުރާ "ފުރަތަމަ ޓޭންކަރު" އެ ތެޔޮ ލިބެންޖެހޭ ފަރާތްތަކަށް ފޮނުވުމަށް ދަތުރު ފަށާފައިވާ ކަމަށް ކްރެމްލިނުން ހުކުރު ދުވަހު ބުނެފި އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ފުރަތަމަ ޓޭންކަރު އެ ލިބެންޖެހޭ ފަރާތްތަކަށް، ގަންނަ ފަރާތްތަކަށް ވާސިލުވުމަށް ދަތުރު ފަށާފައިވާ ކަމުގެ ރިޕޯޓުތައް މިނިސްޓްރީ އޮފް އެނާޖީން މިހާރު ވަނީ ލިބިފައި. އަދި މީގެ ފަހުން، މި ޝިޕްމަންޓްތައް ގަވާއިދުން ކުރިއަށްދާނެ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކްރެމްލިންގެ ތަރުޖަމާނު ދްމިތުރީ ޕެސްކޮވް ވިދާޅުވި އެވެ.
ޕެސްކޮވް މި މޭރުމުން ވިދާޅުވެފައި މި ވަނީ، ރަޝިޔާއާއި އެމެރިކާއާ ދެމެދު ޑީސަލް ފޯރުކޮށްދިނުމުގެ އެއްބަސްވުންތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމެރިކާއަށް ދަތުރުކުރާ ފުރަތަމަ ޓޭންކަރު ބުރާސްފަތި ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށް ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އަލެގްސާންދްރަ ނޮވާކް ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.
އެ ޓޭންކަރުގައި އެމެރިކާއަށް ގެންދަނީ ރަޝިޔާގެ 40،000 ޓަނުގެ ޑީސަލް ކަމަށް ނޮވާކް ފާހަގަކުރެއްވި އެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި އިތުރު ޝިޕްމަންޓްތައް ފޮނުވާނެ ކަމަށާއި، ރަޝިޔާއަށް ތެޔޮ ފޯރުކޮށްދެވެން ހުރި މިންވަރަކުން އެމެރިކާގެ ޑިމާންޑާ އެއްވަރަށް ތެޔޮ ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު، ޑީސަލް ސަޕްލައި ކުރުމުގެ އެއްބަސްވުމެއް އިއުލާނު ކުރައްވާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން، އެމެރިކާއަށާއި ދުނިޔޭގެ ބާޒާރަށް 300،000 އަށްވުރެ ގިނަ ޓަނުގެ ޑީސަލް "ވަގުތުން ފޯރުކޮށްދިނުމަށް" މޮސްކޯއިން ވަނީ އެއްބަސްވެފަ އެވެ.
މި ގޮތުން، ކުރިއަށް އޮތް ނޮވެންބަރު މަހު ރަޝިޔާއިން އިތުރު 500،000 ޓަނުގެ ޑީސަލް ފޯރުކޮށްދޭނެ ކަމަށާއި، "އޭގެ ފަހުން" 1 މިލިޔަން ޓަނު ފޯރުކޮށްދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ހަމަމިއާއެކު، ރަޝިޔާގެ ޑީސަލް ސާފުކުރާ ކާރުޚާނާތަކުގެ ހާލަތަށް ބަލައި، "ކުރު މުއްދަތެއްގެ ތެރޭގައި" އިތުރު 3 މިލިޔަން ޓަނު ފޯރުކޮށްދޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއަށާއި ދުނިޔޭގެ ބާޒާރަށް ރަޝިޔާއިން ޑީސަލް ފޯރުކޮށްދިނުމަކީ ދުނިޔޭގެ އިގުތިސާދަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ޕުޓިން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ޔުކްރެއިނުގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ވަނީ މި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރަޝިޔާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަކީ އެ ގައުމުގެ ހަނގުރާމައިގެ ޚަރަދުތަކަށް ފައިސާ ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޒެލެންސްކީ ދެކެވަޑައިގަންނަވަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











