ޓިބެޓަށް އައި ބިންހެލުމާއެކު އިމާރާތްތައް ވެއްޓުމުގެ ބިރު: އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް
23 އޮކްޓޯބަރު 2026 | ހުކުރު 08:40ޗައިނާގެ ޓިބެޓަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން 12،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް 300 އަށްވުރެ ގިނަ ފުލުހުން ދަނީ ހަރަކާތްތެރިވަމުން. މި ހާދިސާގައި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މައި ބިންހެލުމަށްފަހު އިތުރު 400 އަށްވުރެ ގިނަ ލޮޅުން އަރާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނޭ. މި ބިންހެލުމަކީ 2024 ވަނަ އަހަރުގެ ފެށުނު ފަހުން އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން


ޗައިނާގެ ޓިބެޓަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވި ކަމަށް ބެލެވޭ މީހުން ހޯދައި، ސަލާމަތް ކުރަން ފުލުހުންނާއި އޮފިޝަލުން މަސައްކަތް ކުރަނީ | ގެޓީ އިމޭޖަސް
ޗައިނާގެ ހުޅަނގު ދެކުނު ސަރަހައްދު ކަމަށްވާ ޓިބެޓަށް އައި ރިކްޓަރ މިންގަޑުން 7 ގެ ބާރުގަދަ ބިންހެލުމުގައި ޒަޚަމުވި މީހުންގެ އަދަދު 76 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު ބަދަލެއް ނެތި 16 ގައި ހުރި ކަމަށް، ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސަރަހައްދުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ޗައިނާގެ އާބާދީ ކުޑަ ސަރަހައްދެއް ކަމަށްވާ އުތުރު ޓިބެޓުގެ އުސް ފަރުބަދަމަތީގެ ރަށެއް ކަމަށްވާ ނާގްކޫގެ ސަރަހައްދަށް މި ބިންހެލުމަކީ، 2024 ޖަނަވަރީ ގެ ފަހުން އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުވެ.
މުވާސަލާތީ އަދި ކަރަންޓުގެ ޚިދުމަތްތައް މަޑުމަޑުން އަލުން އިޔާދަވަމުން އައި ނަމަވެސް، މައި ބިންހެލުމުގައި ރެނދުލައި އަރިއަޅާލާފައިވާ ގެތައް އިތުރު ލޮޅުންތަކާއެކު ވެއްޓުމުގެ ނުރައްކާ އެބައޮތް ކަމަށް، ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސަރަހައްދުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
މީހުން ސަލާމަތްކުރުމަށާއި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް، ޓްރެފިކް އަދި ކޮމިއުނިޓީ ފުލުހުން ހިމެނޭހެން 300 އަށްވުރެ ގިނަ ފުލުހުން ބިންހެލުން އައި ސަރަހައްދަށް ފޮނުވާފައިވާ ކަމަށް، ހުކުރު ދުވަހުގެ ކުރީކޮޅު ނާގްކޫ ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ. އެ ސަރަހައްދަށް ދިޔަ ފުުލުހުން ގެތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމުގައި އެހީތެރިވަމުންދާ ކަމަށް ވެސްފުލުހުން ބުންޏެވެ.
މީސްމީޑިޔާގައި ފުލުހުން އާންމުކުރި ވީޑިއޯއަކުން ފެންނަނީ، އަނދިރީގެ ތެރޭގައި ލޮރީއަކަށް ސާމާނު ބަރުކުރުމުގެ އިތުރުން ޓޯޗުބައްތި ބޭނުންކޮށްގެން އިމާރާތެއް އަދި ކުނިބުނިތައް ފުލުހުން ބަލައި ފާސްކުރަމުންދާ މަންޒަރެވެ. މި ހާދިސާއާ ގުޅިގެން 12،000 އަށްވުރެ ގިނަ މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާ ކަމަށް، އެ ޤައުމުގެ ދައުލަތުގެ މީޑިއާ ޝިންހުއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ ސަރަހައްދުގެ ރަސްމީ މީޑިއާތަކުން މީގެ ކުރިން އާންމުކުރި ވީޑިއޯތަކުން ފެންނަނީ، މީހުން ގެދޮރު ދޫކޮށް ނުކުމެ މަގުމަތީގައި ބަހައްޓާފައި ހުރި ކާރުތަކުގައި ނުވަތަ ބޭރުގައި ހިޔާވަހިކަން ހޯދަމުންދާ މަންޒަރެވެ. ބާރުގަދަ ބިންހެލުމުގެ ސަބަބުން ހޭލެވުނު ކަމަށާއި، ބިންހެލުމުގެ ތެރޭގައި ގޭގެ ތެރެއިން ތަފާތު ގޮތްނޭނގޭ އަޑުތައް އިވެމުންދިޔަ ކަމަށް އެ ސަރަހައްދުގެ ރައްޔިތަކު ވަނީ ބުނެފަ އެވެ.
މައި ބިންހެލުމަށްފަހު އިތުރު 413 ކުދި ލޮޅުން ރެކޯޑުކުރެވިފައިވާ ކަމަށް، ޗައިނާގެ ބިންހެލުންތައް ދިރާސާކުރާ އިދާރާއިން ބުންޏެވެ. ކުރީގައި ހިނގާފައިވާ މި ފަދަ ހާދިސާތަކަށް ބަލާއިރު، 2010 ގައި އަވައްޓެރި ޗިންހާއީ ޕްރޮވިންސްގެ ޔޫޝޫ ސަރަހައްދަށް އައި ރިކްޓަރ މިންގަނޑުން 7.1 ގެ ބިންހެލުމުގައި ގާތްގަނޑަކަށް 2،698 މީހުން މަރުވެ، 300 މީހުން ގެއްލިފައިވެ އެވެ.
މަސްދަރު: ރޮއިޓަރސް











