ޒުވާންކަންމަތީ ހަންގަނޑު ބެހެއްޓުމަށް ބޭނުންކުރަންވީ ކާނާގެ ބާވަތްތައް އިނގޭތަ؟
21 އޮކްޓޯބަރު 2026 | ބުދަ 08:46ހަންގަނޑު ރޫޖެހުމުން ރައްކާތެރިކުރުމަށްޓަކައި ކެއުމުގައި ކުލަގަދަ މޭވާއާއި، ތަރުކާރީގެ އިތުރުން ސިއްހަތަށް ފައިދާހުރި ފެޓްސް ހިމެނުމަކީ މުހިންމު ކަމެކެވެ. މިފަދަ ކާނާގެ ސަބަބުން ތިމާވެށީގެ ނޭދެވޭ އަސަރުތަކުން ހަންގަނޑު ދިފާއުކޮށްދީ، ކޮލަޖަން އުފެއްދުމަށް އެހީތެރިވެދެ އެވެ. މީގެ އިތުރުން ގިނައިން ފެންބުއިމާއި ގޮހޮރުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ހަންގަނޑުގެ އުޖާލާކަން ދަމަހައްޓައިދޭނެ ކަންކަން


ހަންގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުލަގަދަ މޭވާއާއި ތަރުކާރީ ކެއުމުގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެއް | ގެޓީ އިމޭޖަސް
އިންސާނާގެ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަނަކީ ހަންގަނޑެވެ. އުމުރުން ދުވަސްވުމުން ހަންގަނޑަށް އަންނަ ބަދަލުތަކާއި ރޫޖެހުން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، ކެއުމުގައި ގަސްގަހާގެހިން ލިބޭ ބާވަތްތަކާއި، ފައިދާހުރި ސަރުބީ (ފެޓްސް) އަދި ފާމެންޓްކޮށްފައިވާ ކާނާ ހިމެނުމަކީ މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ކާނާގެ ސަބަބުން ކޮލަޖަން އުފައްދައިދީ، ހަންގަނޑުގެ އޮމާންކަމާއި ތާޒާކަން ދަމަހައްޓައިދެ އެވެ.
ލައިބްނިޒް ރިސާޗް އިންސްޓިޓިއުޓް ފޯ އެންވަޔަރަންމަންޓަލް މެޑިސިންގެ ޕްރޮފެސަރު ޖީން ކްރޫޓްމަން ފާހަގަކުރައްވާ ގޮތުގައި، ހަންގަނޑު މުސްކުޅިވުމުގެ މައިގަނޑު ސަބަބަކީ އަވީގެ ސަބަބުން ލިބޭ ގެއްލުން ކަމަށް މީގެ ކުރިން ގަބޫލުކުރެވުނު ނަމަވެސް، މިހާރުގެ ހޯދުންތަކުން އެނގެނީ ވައި ތަޣައްޔަރުވުމާއި، އޯޒޯން ފަށަލައަށް އަންނަ ބަދަލުތަކުގެ އިތުރުން މޫސުމީ ބަދަލުތަކާއި އިންފްރާރެޑް ދޯދިތަކަކީ ވެސް ހަންގަނޑަށް ނޭދެވޭ އަސަރުތަކެއް ފޯރުވާ ކަންކަން ކަމުގަ އެވެ.
ހަންގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުލަގަދަ މޭވާއާއި ތަރުކާރީ ކެއުމުގައި ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެރެޓާއި، މިރުހާއި، ޓޮމާޓޯ ފަދަ ބާވަތްތަކަކީ ކެރޮޓިނޮއިޑްސް އިން މުއްސަނދިވެފައިވާ ތަކެތި ކަމަށްވާއިރު، މީގެ ސަބަބުން އަވިން ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދެ އެވެ. ފްރީޑްރިކް ޝިލާ ޔުނިވާސިޓީގެ ޕްރޮފެސަރު ވޮލްކާ ބޯމް ވިދާޅުވި ގޮތުގައި، މިފަދަ ކާނާ ގަވާއިދުން ބޭނުންކުރުމުން ހަންގަނޑަށް އަހަރު ދުވަހުގެ ރައްކާތެރިކަމެއް ލިބިގެންދެ އެވެ. މީގެ އިތުރުން ޓޮމާޓޯ ނުވަތަ ކެރެޓާއެކު ޒައިތޫނި ތެޔޮ ފަދަ ސިއްހަތަށް ފައިދާހުރި ފެޓެއް ބޭނުންކުރުމުން، ހަށިގަނޑަށް އެންޓިއޮކްސިޑެންޓްތައް ދަމައިގަތުމަށް ފަސޭހަވެގެންދެ އެވެ.
މޭވާގެ ތެރެއިން އަނބަކީ ހަންގަނޑުގެ ރެދަންތައް މަދުކުރުމަށް އެހީތެރިވެދޭ މޭވާއެއްކަން ކެލިފޯނިއާ ޔުނިވާސިޓީގެ ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، ހަފުތާއަކު ހަތަރު ދުވަހު 85 ގްރާމުގެ އަނބު ކެއުމުގައި ބޭނުންކުރި އަންހެނުންގެ ހަންގަނޑުގައި ހުރި ރޫތައް ފިލައި، އިތުރަށް ރޫޖެހުން މަދުވެގެން ދިޔަ އެވެ. އެހެންނަމަވެސް، ދުވާލަކު 250 ގްރާމަށް ވުރެ އިތުރަށް އަނބު ބޭނުންކުރުމަކީ ހަންގަނޑުގައި ރޫޖެހުމަށް މަގުފަހިވާ ކަމެއްކަން ވެސް މި ދިރާސާއިން ވަނީ ހާމަވެފަ އެވެ. މީގެއިތުރުން، އަނބާއި އޮރެންޖު ފަދަ ސިޓްރަސް މޭވާތަކުގައި އެކުލެވޭ ވިޓަމިން ސީ އަކީ، ހަންގަނޑުގެ ތެތްކަން ހިފެހެއްޓުމަށާއި ހަމުގެ ދުޅަހެޔޮކަމަށް ބޭނުންވާ ކޮލެޖަން އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ.
ރާއްޖޭގައި އާންމުކޮށް ލިބެންހުންނަ ކަނޑުމަހުގެ ބާވަތްތަކަކީ އޮމެގާ-3 ފެޓީ އެސިޑްސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެކެވެ. މިއީ ހަންގަނޑު ތެއްކަންމަތީ ބަހައްޓައިދީ، ހަންގަނޑު ކުރަކިވުމުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.
ވިޓަމިން ސީ އެކުލެވޭ މޭވާގެ ތެރެއިން ލުނބޯ، ކުރުނބާ، އޮރެންޖު، އަދި ކިވީ ފަދަ މޭވާތަކުން ހަންގަނޑު ރޫޖެހުމުން ރައްކާތެރިކޮށްދެ އެވެ. ވިޓަމިން ސީ އަކީ ހަންގަނޑު ދެމިހުރުމަށް ބޭނުންވާ މާއްދާއެއް ކަމަށްވާ ކޮލެޖަން އުފެއްދުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ.
ފެހިކަންގަދަ ފަތްޕިލާވެލި ކަމަށްވާ، ކޮޕީފަތް، ކުއްޅަފިލާފަތް، އަދި ބޯވެލި ފަދަ ފަތްޕިލާވެއްޔަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދޭ އެންޓި-އޮކްސިޑެންޓްސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެކެވެ. މިއީ ހަންގަނޑުގެ އުޖާލާކަން ދަމަހައްޓައިދޭ ކާނާއެކެވެ.
އަވޮކާޑޯއަކީ ހަށިގަނޑަށް ފައިދާހުރި ސަރުބީ އަދި ވިޓަމިން އީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މިއީ އަވީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ދިފާއުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ޓޮމާޓޯގައި އެކުލެވޭ ލައިކޯޕީން އަކީ އަވީގެ ނޭދެވޭ އަސަރުތަކުންނާއި، ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދިނުމަށް ބާރުއަޅައިދޭ މާއްދާއެކެވެ.
ސިއްހަތަށް ފައިދާހުރި ފެޓްސް ހިމެނޭ ބާދާމާއި، ވޯލްނަޓް އަދި އެކި ބާވަތްތަކުގެ އޮށްތަކަކީ ވެސް ހަންގަނޑަށް ވަރަށް ފައިދާހުރި ތަކެއްޗެވެ. މި ތަކެތީގައި ހިމެނޭ ވިޓަމިން އީ އާއި އޮމެގާ-6 ފެޓީ އެސިޑްގެ ސަބަބުން ހަންގަނޑުގެ ބޭރު ފަށަލަ ވަރުގަދަކޮށްދީ، ހަންގަނޑު ހިކުމުން ސަލާމަތްކޮށްދެ އެވެ. ހަމައެއާއެކު، ސަލްމަން އާއި މަސްމަހާމެހީގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑަކީ ހަންގަނޑު ދުޅަވުމުން ދުރުކޮށްދީ، ކޮލަޖަން ރައްކާތެރިކޮށްދޭ މާއްދާއެކެވެ.
ހުރިހާ ކާނާއަކަށްވުރެ ވެސް ބޮޑަށް ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށްޓަކައި ދުވާލެއްގެ މައްޗަށް އެކަށީގެންވާ ވަރަށް ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން ބަނޑާއި ގޮހޮރުގެ ދުޅަހެޔޮކަމާއި ހަންގަނޑުގެ ދުޅަހެޔޮކަމާ ސީދާ ގުޅުމެއް އޮންނަކަން ސައިންސްވެރިން ފާހަގަކުރެ އެވެ. ގޮހޮރުގައި ހުންނަ ބެކްޓީރިއާތަކަށް ފައިދާހުރި ކާނާ ބޭނުންކުރުމުން، އެ ބެކްޓީރިއާތަކުން އުފައްދާ މާއްދާތަކުގެ ސަބަބުން ހަންގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހަންގަނޑަށް ދިމާވާ އެކި ބަލިތަކުން ރައްކާތެރިކޮށްދެ އެވެ. ޕްރޮފެސަރު ކްރޫޓްމަން ވިދާޅުވާ ގޮތުގައި، މިފަދަ ކާނާ ބޭނުންކޮށްގެން ހަންގަނޑަށް އަންނަ ހެޔޮ ބަދަލުތައް ފެންނަން ފަށާނީ ގަވާއިދުން 8 ހަފުތާއާއި 10 ހަފުތާއާ ދެމެދުގެ މުއްދަތަކަށް އެ ތަކެތި ބޭނުންކުރުމުންނެވެ.
މިފަދަ ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުމާއެކު، ހަކުރު ގިނަ ކާނާއާއި ތެޔޮ ގިނަ ކާނާ މަދުކުރުމަކީ ހަންގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.




