ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ގަޛުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށް ބާއްވައިފި
5 އޮކްޓޯބަރު 2026 | ހޯމަ 16:55އަދަދު ނޫހުގެ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް ކުރާ ގަޛުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށްގެން ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައި. ޒިނޭގެ ދޮގު ތުހުމަތު ކުރުމުގެ ކުށުގައި އީޝާގެ އިތުރުން އެ ނޫހުގެ އިސްވެރިންގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާއިރު، މި މައްސަލައަކީ ޖިނާއީ ހަތަރުވަނަ ދަރަޖައިގެ ކުށެއް


ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ސިއްރުކޮށް ބާއްވައިފި | ސޯޝަލް މީޑިއާ
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފްގެ މައްޗަށް ކުރާ ގަޛުފުކުރުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ފަށައިފި އެވެ.
އަދަދު ނޫހުން ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އަށް އިންޓަވިއު ދިން ކަމަށް ކުރެވޭ ތުހުމަތުގައި އީޝާގެ މައްޗަށް ކުރާ ގަޛުފުކުރުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއް ގޮތުގަ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީ އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދިން ގޮތުގައި އީޝާގެ މައްޗަށް ކުރަނީ ޤާނޫނުލްއުޤޫބާތުގެ 612 ގެ ދަށުން ޤަޛުފުކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި މި ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ 27 ސެޕްޓެމްބަރުގަ އެވެ.
ޤާނޫނުލްއުޤޫބާތުގެ 612 ވަނަ މާއްދާއަކީ ޤަޒުފުގެ ކުށް ކަނޑައަޅާ މާއްދާ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް ދޮގު ތުހުމަތެއް ކުރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖިނާއީ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. މި ޤާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލުދުކުރުމުގެ އަދަބު މި ކުށަށް ހުއްދަކުރެވިގެންވެ އެވެ.
މި މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ އިތުރުން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ)ގެ މައްޗަށް ވެސް ވަނީ ގަޛުފުގެ ދައުވާ އުފުލާފަ އެވެ. މި ދައުވާގެ ޝަރީއަތްތައް ވެސް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެންނެވެ.
އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ އެއް މަސްދުވަސްކުރިން ސަރުކާރުގެ މިނިސްޓަރަކު ފޯނުން ގުޅައި އިންޒާރުދިން ކަމަށް އީޝާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން މިނިސްޓަރެއްކަން އޭނާ ހާމަކޮށްފައެއް ނުވެ އެވެ.











