ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް، މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ދަނީ ބަދަލުކުރަމުން: ރައީސް ނަޝީދު
14 އޮކްޓޯބަރު 2026 | ބުދަ 17:34ތައުލީމީ މުގައްރަރަށް ސަރުކާރުން ގެންނަ ބަދަލުތަކަކީ އެކަށީގެންވާ މަޝްވަރާއެއް ނެތި ކުރާ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މަދުވުމާއި ގައުމީ ސަލާމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން، ނަޝީދު ވިދާޅުވީ މިފަދަ ނިންމުންތަކުގެ ސަބަބުން ދަރިވަރުންގެ ކުރިމަގަށް ނޭދެވޭ އަސަރުކުރާނެ ކަމަށް


އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ | އެމްޑީޕީ
ކިޔަވައިދޭ މުގައްރަރު ބަދަލުކުރަމަކީ އެތައް މަޝްވަރާއެއް ކޮށްގެން ކުރަމުން އަންނަ ކަމެއް ނަމަވެސް މިއަދު އެ މުގައްރަރު ފޯނު ކޯލް އަކުން ނުވަތަ ޓެކްސްޓަަކުން ބަދަލުކުރަމުންދާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެރޭ އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިފަދަ ގޮތަކަށް މުގައްރަރު ބަދަލުކުުރުމުގެ ސަބަބުން ދަރިވަރުންނަށް ވާނެ ގޮތް މާބޮޑަށް ވިސްނަން ނުޖެހޭ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ޒުވާން ޖީލެއް މި ނާގާބިލު ސަރުކާރުގެ ވިސްނުމުގެ ތެރެއަށް ވައްދަމުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ތައުލީމީ ދާއިރާއިން ގައުމީ ސަލާމް ކިޔުން އެއީ ގޯސްކަމެއްގެ ގޮތުގައި އިއުލާނުކުރަމުންދާކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ދިދައާއި މުހާތަބު ކުރައްވާކަން ފާހަގަކުރައްވާ އެމަނިކުފާނު ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެހެންނަމަވެސް އަނެއްކާވެސް ފަށައިގެންނެވީ ދިދައަށް ބޮސް ދެމުން، ގައުމީ ސަލާން ކިޔުއްވާއިރު މޭމަތީގައި އަތްއަޅުއްވައިގެން އަދި ހުންނަވަނީ، ރައީސް މައުމޫން ވެސް ވިދާޅުވެއްޖެ ތިޔާ ކާކު ކުރާ ކަމެއް ހެއްޔޭ. މިހާރު ގައުމީ ސަލާން ކިޔުއްވާ ކޮންމެ އިރެއްގައި މި ބޭފުޅުން ތިއްބަވަނީ މޭގައި އަތްއަޅުއްވައިގެން ހާޓް އެޓާކެއް ޖެހެނީ ކަމަށް ވެސް ބައިފަހަރަށް ހިތަށް ވަދޭ. މި ގައުމީ ސަލާން ކިޔުން ވިއްކައިގެން ވަޑައިގަތީ، ވަޑައިގެންފައި މަދަރުސާތަކުގައި ގައުމީ ސަލާން ކިޔުން މަނާކުރުން ވަރިހަމަ ކުރައްވައިގެން މި މަގުބޫލުކަން ނެތް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު އެ ކުރިއަށް ގެންދަވަނީމުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ އެހެން ނުހެދޭނެ ކަމަށާއި ދިވެހިރާއްޖޭގެ ދަރިވަރުންނަކީ އެމްޑީޕީގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާ ދޫކޮށްނުލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ހަމައެއާއެކު، ރައީސް ނަޝީދު ވަނީ ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ނުބާވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެގޮތުން އިންޓަރ ހައުސް ފަދަ މުބާރަތްތައް ވެގެންދަނީ އުމުރަށް ހިތުގައި ބިންވަޅު ނެގިފައި ހުންނަ މުބާރާތްތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް މިއަދުގެ ދަރިވަރުންނަށް މިފަދަ މުބާރަތްތައް ނުބޭއްވުމުގެ ސަބަބުން އެ ދަރިވަރުންގެ މިފަދަ ހަދާންތައް ނުހުންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ، މުގައްރަރު ބަދަލުކުރުމަކީ ވަރަށް ގިނަ މަސައްކަތާއި، ވަރަށް ބައިވަރު ތަޖުރިބާއާ އެކީގައި އެތައް ކަމެއްގެ މާހިރުން އެއްކޮށްގެން ގިނަ މަޝްވަރާތާއެކު ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި ދަރިވަރެއް އުފައްދަނީ ގައުމަކާއި ހަވާލުވާން ކަމަށާއި، އެ ދަރިވަރަށް އުނގަންނައިދޭ ފޮތް ނުވަތަ މުގައްރަރު އެންމެ ފޯން ކޯލްއަކުން ނުވަތަ ޓެކްސްޓަކުން ބަދަލުކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މިއަންނަ އަހަރު ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް ގެންނަވާނެކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާނު ކުރައްވާފަ އެވެ. އެގޮތުން އެ ބަދަލަކީ އެޑިއުކޭޝަން ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ރައީސް މުއިއްޒުގެ ވިސްނުންފުޅާއި، މެނިފިސްޓޯގައި ބަޔާންކޮށްފައިވާ ގޮތަށް ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށް ޝަފީއު ވިދާޅުވެފައިވެ އެވެ.
ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ގެންނަ ބަދަލުތައް ސްކޫލްތަކާއި، ޕްރިންސިޕަލުންނާއި އަދި ޓީޗަރުންނަށް ވެސް ހިއްސާ ނުކުރާތީ އެމްޑީޕީއިން ވަނީ އަންގާރަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މިކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.











