ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި ހެކި ހާމަނުކުރުމާއި، ތަހުގީގުގެ އިދާރީ ލިޔެކިޔުންތައް ދޭން ނުޖެހޭގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ ކޮމިޓީއަށް!
13 އޮކްޓޯބަރު 2026 | އަންގާރަ 09:11ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި، ހެކި ހާމަކުރުމުގެ ސަބަބުން މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިދާނެ ފަދަ ހާލަތްތަކުގައި، އެ ހެކި ހާމަނުކުރުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ދިނުމަށް ވަނީ ހިމަނާފައި. މީގެ އިތުރުން ތަހުގީގީ އިދާރާތަކުން ތައްޔާރުކުރާ އޮޕަރޭޝަނަލް ލިޔެކިޔުންތަކަކީ ދައުލަތުން ހާމަކުރަން ނުޖެހޭ މައުލޫމާތުތަކެއްގެ ގޮތުގައި މި ބިލުގައި ވަނީ ކަނޑައަޅާފައި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން | މަޖިލިސް
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ، ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި ބިލު ބަލައިގެންފައިވަނީ 45 މެންބަރުންގެ ވޯޓުންނެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގައި ހެކި ހާމަކުރުމާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންވެފައިވާ ކަންކަމަށް އިސްލާޙުތަކެއް ހުށަހަޅާފައިވެ އެވެ.
މި އިސްލާހުގެ 131 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި އެ ހެއްކެއް ހާމަނުކުރުމަށް ނުވަތަ ހާމަކުރުން ފަސްކުރުމަށް ނުވަތަ ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ މަތިން ހާމަކުރުމަށް އެންގުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.
އެގޮތަށް ނިންމުމުގައި ރިއާޔަތްކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި އެ އިސްލާހުގައި ހިމަނާފައި ވަނީ އެ ހެއްކެއް ހާމަކުރުމުގެ ސަބަބުން މީހަކަށް ޖިސްމާނީ އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުމަށް މަގުފަހިވުމާއި، އެފަދަ އިންޒާރެއް ދީފައި އޮއްވައި އެކަން ކުރުމުގެ އިހުތިމާލު ބޮޑުވުމެވެ.
މީގެ އިތުރުން، ޖިނާއީ ތަހުގީގަކާ ގުޅޭ އޮޕަރޭޝަނަލް ކަންކަމުގެ މައުލޫމާތު ހާމަވުމާއި، ހެއްކަށް ގެއްލުންދީ އޭގެ ބާރު ކަނޑުވާލުމާއި، އެ ހެއްކެއް ހާމަކުރުމުގެ ސަބަބުން އިތުރު ކުށެއް ކުރުމަށް މަގުފަހިވުމާއި، ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލު ހިންގުމުގެ އިތުރުން، އެ ހެއްކެއް ހާމަކުރުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތް ނޫން ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތެއް ހާމަވެދާނެ ފަދަ ހާލަތެއް މެދުވެރިވުން ފަދަ ކަންކަންވެސް ސަބަބުގެ ގޮތުގައި ހިމަނާފައިވެ އެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް ނުވަތަ މިންގަނޑެއް ބިލުގައި ހިމަނާފައެއް ނުވެ އެވެ.
މީގެ އިތުރުން، ތަހުގީގުގެ ބޭނުމަށް އެ އިދާރާއަކުން ތައްޔާރުކުރާ ލިއެކިއުމަކީ ދައުލަތުން ހާމަކުރަންޖެހޭ ނުވަތަ ބެލުމުގެ ފުރުސަތު ދޭންޖެހޭ މައުލޫމާތެއް ނޫންކަމަށް ބިލުގައިވެ އެވެ.










