އޮންލައިންކޮށް ހުށަހަޅައިގެން ދަތިކަމެއް ނެތި ރަށްވެހިންގެ ރަޖިސްޓްރީ ހެއްދުމުގެ ކަންކަން މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި
8 އޮކްޓޯބަރު 2026 | ބުރާސްފަތި 14:18މާލެ ސިޓީ ކައުންސިލްގެ "މާވެހި" ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ބަދަލުކުރުމުގައި ދިމާވި ދަތިތައް ހައްލުކޮށް، މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް އެ ޚިދުމަތް ލިބޭނެ އިންތިޒާމު އެ ކައުންސިލުން ހަމަޖައްސައިފި. މީގެ ކުރިން ފޮޓޯ ހުށަހެޅުމަށް އިދާރާއަށް ހާޒިރުވާން ޖެހުނު ނަމަވެސް، މި ބަދަލާއެކު ރަށްވެހިކަމުގެ ރަޖިސްޓްރީ ހެއްދުމުގެ އެންމެހައި ކަންކަން ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ


މާލެ ސިޓީ ކައުންސިލް ޖަލްސާގެ ތެރެއިން | ސޯޝަލް މީޑިއާ
މާވެހި ޕޯޓަލް މެދުވެރިކޮށް ރަށްވެހީންގެ ރަޖިސްޓްރީ ހެއްދުމަށް ހުށަހަޅާ ފަރާތްތަކަށް ދަތިކަމެއް ނެތި އޮންލައިންކޮށް ހުށަހަޅައިގެން ރަށްވެހިންގެ ރަޖިސްޓްރީ ހެއްދުމުގެ ކަންކަން މިހާރު މާލެ ސިޓީ ކައުންސިލުގައި ހަމަޖެހިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގިނަ އަދަދެއްގެ ރައްޔިތުން ރަށްވެހިކަން ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ މާވެހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރަށްވެހިކަމުގެ ސެޓްފިކެޓްގައި ޖަހަންޖެހޭ ފޮޓޯ، ކައުންސިލް އިދާރާއަށް ހާޒިރުވެ ހުށަހަޅަންޖެހުމަކީ ވެސް ރައްޔިތުންނަށް ދިމާވި އިތުރު ތަކުލީފެއް ކަމަށް ބުނެފައިވެ އެވެ.
މި ތަކުލީފުތަށް މާލެ ސިޓީ ކައުންސިލަށް ފާހަގަވުމާއި ގުޅިގެން، ކައުންސިލަރުންނާއި ވައިޓަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޓްގެ އެއްބާރުލުމާއެކު، އެންމެހައި ދަތިތައް ހައްލުކޮށް، މާވެހި ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ރަށްވެހިކަމުގެ ރަޖިސްޓްރީ ހެއްދޭނެ އިންތިޒާމް މިހާރު ހަމަޖައްސައިދީފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
ހަމައެއާއެކު، އޮންލައިންކޮށް ރަށްވެހިކަމުގެ ރަޖިސްޓްރީއަށް އެދޭ ފަރާތްތަކަށް ކުރިން ދިމާވި ފަދަ ދަތިތަކެއް ނެތި ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމުން، ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދަން ބޭނުންވާ އެންމެހައި ފަރާތްތަކުން މާލެ ސިޓީ ކައުންސިލްގެ މާވެހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައިވެ އެވެ.











