ބުޅަލުގެ މައްސަލަ 3 ތިން މަސް ދުވަހުގެތެރޭ ހައްލުނުކުރެވިއްޖެނަމަ، ''އޮޅުހިޔާ'' މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އެދެން އެ ކައުންސިލުން ނިންމައިފި
7 އޮކްޓޯބަރު 2026 | ބުދަ 15:21މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ތިން މަސްދުވަހުގެ ތެރޭގައި ހައްލުނުކުރެވިއްޖެ ނަމަ، ހުޅުމާލޭގައި ގާއިމުކޮށްފައިވާ "އޮޅުހިޔާ" ފެސިލިޓީ އަނބުރާ ކައުންސިލާ ހަވާލުކުރަން އެދުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައި. މި މައްސަލައިގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް މޭޔަރު އާޒިމް ތުހުމަތު ކުރައްވާއިރު، ކައުންސިލުން މިގޮތަށް ނިންމީ ބުޅާތަކުގެ ސަބަބުން މަގުތައް ނަޖިސްވެ އާންމުންގެ ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން


މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން | މާލެ ސިޓީ ކައުންސިލް
މާލެސިޓީގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، ކުރިއަށް އޮތް ތިން މަސް ދުވަހުގެތެރޭ އެ މައްސަލަ ހައްލުނުކުރެވިއްޖެނަމަ، ''އޮޅުހިޔާ'' ފެސިލިޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އެދެން އެ ކައުންސިލުން ނިންމައިފި އެވެ.
ބުދަ ދުވަހު މާލެސިޓީ ކައުންސިލްގައި ކުރިއަށްގެންދިޔަ ޖަލްސާގައި މާލޭގެ މަގުތަކުގައި ބުޅާ އުޅޭ މައްސަލައާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. މި މައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ވެގެންދާދިއުމާއެކު ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އަދި މި މައްސަލަ ހައްލުކުރުމަށް 3 މަސްދުވަސް ދިނުމަށް ފަހު، މާލޭގެ މަގުމަތީގައި އުޅޭ ހުރިހާ ބުޅާތައް އެތަނަށް ނުގެންދެވިއްޖެ ނަމަ، އޮޅުހިޔާ ކައުންސިލްއާ ހަވާލު ކުރުމަށް އެދެން ވަނީ ފާސްކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބުޅަލުމުގެ މައްސަލައަށް ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށާއި، ބުޅާތައް މަގުމަޗަށް މަރުވެ، މަގުތަށް ނަޖިސްކުރަން ދޫކޮށްލާފައިވާ ކަމަށެވެ.
މާލެސިޓީގައި އުޅޭ ބުޅާތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި އޮޅުހިޔާ ރަސްމީކޮށް ހުޅުއްވައި ދެއްވީ 2 ނޮވެންބަރު 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ސަރުކާރުން މާލެ ސިޓީ ކައުންސިލްގެ އަތުން ބުޅާ ފެސިލިޓީ އަތުލައި، 26 ފެބްރުއަރީ 2025 ގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރި އެވެ. އަދި އެ މިނިސްޓްރީ އުވާލުމާ ގުޅިގެން މިހާރު އޮތީ ފިޝަރީޒް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުޅާ ފެސިލީޓީ ހެދި ނަމަވެސް ކައުންސިލްގެ އަތުން އޮޅުހިޔާ އަތުލައި ބާރުތައް ނަގާފައިވަނީ އެތަނުގެ މަސައްކަތްތައް ރަނގަޅަށް ނުކުރާ ކަމަށް ބުނުމަށްފަހު އެވެ. ނަމަވެސް މިކަން ކައުންސިލުން ވަނީ އޭރު ވެސް ދޮގުކޮށްފަ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ މި ބުޅާ ފެސިލިޓީ އަކީ ފަސްހާސް އަކަފޫޓޫ ބޮޑު ފެސިލިޓީއެކެވެ. އެތަނުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭން ޖެހޭ ބޭސްތައް ބަހައްޓާނެ ފާމަސީއަކާއި އެ ބުޅާތަށް އުޅޭނެ ރަނގަޅު ފެންވަރެއްގެ ސަރަހައްދެއް ވެސް ކައުންސިލުން ވަނީ ތަރައްގީކޮށްފަ އެވެ.











