ޖަޕާނުގައި އަންހެނަކު މަރާލި ކަމުގެ ތުހުމަތުގައި އެމެރިކާ ސިފައިންގެ މީހަކު ހައްޔަރުކޮށްފި
5 އޮކްޓޯބަރު 2026 | ހޯމަ 08:22ޖަޕާނުގެ އޮކިނަވާގައި އަންހެނަކު މަރާލި ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، އެމެރިކާ ސިފައިންގެ އަޚުލާގީ މިންގަނޑު ހަރުދަނާކުރުމަށް ޖަޕާނު ސަރުކާރުން ވަނީ ގޮވާލާފައި. މި ހާދިސާއާ ގުޅިގެން ޖަޕާނުގެ އިސްވެރިން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މިއީ އޮކިނަވާގައި ތިބޭ އެމެރިކާ ސިފައިންގެ ފަރާތުން ފަހަކަށް އައިސް ފެންމަތިވަމުންދާ ޖިނާއީ ސީރިއަސް މައްސަލަތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާ


ޖަޕާނުުގެ އޮކިނަވާގައި އޮންނަ އެމެރިކާގެ މެރިން ކޯގެ ފެޓުންމާ އަސްކަރީ ވައިގެ މަރުކަޒު | ގެޓީ އިމޭޖަސް
ޖަޕާނުގެ އޮކިނަވާގައި ހުންނަ ހޮޓަލަކުން މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން، އޭނާ މަރާލި ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ކޯގެ ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާ ކަން އެ ސަރަހައްދުގެ އޮފިޝަލުން ހާމަކޮށްފި އެވެ. ޖަޕާނުގެ ބޮޑުވަޒީރު ސަނައެ ތަކައިޗީ ވިދާޅުވީ، މިއީ "އަނިޔާވެރި އަދި ރަހުމްކުޑަ" ފޭރުމަކާއި މަރުގެ މައްސަލައެއް ކަމަށެވެ. އަދި, އެމެރިކާ ސިފައިންގެ "އަޚުލާގީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް" އެމެރިކާއަށް ގޮވާލައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން ރިޕޯޓުކޮށްފައިވާ ގޮތުން، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 39 އަހަރުގެ ޔާގީ އަނާ ކިޔާ އަންހެނެކެވެ. މި މައްސަލައިގެ ތުހުމަތު ކުރެވެނީ އެމެރިކާގެ މެރިން ކޯޕް އެއާ ސްޓޭޝަން ފުޓެންމާގައި ޚިދުމަތްކުރާ އުމުރުން 20 އަހަރުގެ ޑެވިން ޖޭކޮބް ބަލާޑް އަށެވެ.
މެރިން ކޯއިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ، "މެރިންއެއްގެ މައްޗަށް ކުރެވޭ ސީރިއަސް ޖިނާއީ ކުށުގެ ތުހުމަތުތަކާ ގުޅިގެން ޖަޕާނުގެ ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ" ކަމަށެވެ. މިއާއެކު، މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައިވާ ކަމަށް ވެސް މެރިން ކޯއިން ބުންޏެވެ.
ޖަޕާނުގެ ދެކުނުގައި އޮންނަ އޮކިނަވާގެ ވެރިރަށް ނާހާ ސިޓީގެ ހޮޓަލަކުން މި އަންހެން މީހާގެ ހަށިގަނޑު ފެނިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ޖަޕާނުގެ ދިފާއީ ވަޒީރު ޝިންޖިރޯ ކޮއިޒުމީ ވިދާޅުވި އެވެ. "މި ފަދަ ހާދިސާއަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން" ކޮއިޒުމީ ވިދާޅުވިއެވެ. އަދި، މި ކަމުގެ ސަބަބުން "ވަރަށް ބޮޑަށް ރުޅިގަދަވެފައިވާ" ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމެރިކާގެ އަސްކަރީ މުވައްޒަފުން ހިމެނޭ މި ފަދަ ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދޭ ކަމަށާއި، މި ފަދަ ކަންކަން ދުވަހަކު ވެސް ތަކުރާރުވެގެން ނުވާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޯކިޔޯގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ، ޖަޕާނު ސަރުކާރާއި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާގެ ސަފީރު ޖޯޖް ގްލާސް އާދީއްތަ ދުވަހު ހާޒިރުކޮށްފައިވާ ކަމަށް ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ. އޮކިނަވާއަކީ އެމެރިކާގެ އަސްކަރީ ބޭސްތަކާއި އެތައް ހާސް ސިފައިންނެއް ގާއިމުވެ ތިބޭ ސަރަހައްދެކެވެ.
އޮކިނަވާގެ ގަވަރުނަރު ގެންޓާ ކޮޖާ ވިދާޅުވީ، މި ފަދަ ހާދިސާތައް ހުއްޓުވުމަށް އެމެރިކާއިން ފިޔަވަޅު އެޅުމަށް އެ ސްޓޭޓުން ތަކުރާރުކޮށް ގޮވާލާފައިވާނެ ކަމަށެވެ. އަދި, މި ހާދިސާއަކީ އެމެރިކާ ސިފައިންގެ އަޚުލާގީ މިންގަނޑު ދަށްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފަދަ ހާދިސާއެއް އަނެއްކާ ވެސް ތަކުރާރުވުމުން އެނގިގެން ދަނީ، ސިފައިންގެ އަޚުލާގު ހިފެހެއްޓުމަށާއި، މުވައްޒަފުންނަށް ތައުލީމު ދިނުމަށާއި، އަދި, މި ފަދަ އެހެނިހެން ކަންކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކަކީ އެއްވެސް ނަތީޖާއެއް ނުނިކުންނަ، ބޭކާރު ކަންތައްތަކެއްކަން،" ގަވަރުނަރު ވިދާޅުވި އެވެ.
މިއީ އޮކިނަވާގައި އެމެރިކާ ސިފައިންގެ މީހަކު ޝާމިލުވާ ގޮތަށް ހިނގި އެންމެ ފަހުގެ ހާދިސާ އެވެ. ޖަޕާނުގައި ތިބޭ އެމެރިކާގެ 54،000 ސިފައިންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ގާއިމުވެ ތިބެނީ އޮކިނަވާގަ އެވެ.
މީގެ ކުރިން ހިނގާފައިވާ މި ފަދަ ހާދިސާތަކާ ގުޅިގެން އާންމުންގެ ރުޅިވެރިކަން އިންތިހާއަށް ގޮސް، ބޮޑެތި މުޒާހަރާތައް ކޮށްފައިވެ އެވެ. މި ގޮތުން، އެންމެ ބޮޑު މުޒާހަރާއެއް ކޮށްފައިވަނީ 1995 ވަނަ އަހަރު، 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރުމާ ގުޅިގެންނެވެ. އެ ފަހަރު އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފަ އެވެ.
ހަމައެކަނި 2024 ވަނަ އަހަރު ވެސް، އެމެރިކާ ސިފައިން ޝާމިލުވާ ޖިންސީ ގޯނާގެ ހަތަރު މައްސަލައެއް އޮކިނަވާގައި ފެންމަތިވެފައިވެ އެވެ. މީގެ ތެރޭގައި، އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރަހީނުކޮށް ރޭޕްކުރި މައްސަލައިގައި ފަސް އަހަރަށް ޖަލަށްލާފައިވާ އެއާ ފޯސްގެ މެމްބަރު ބްރެނަން ވޮޝިންގޓަންގެ މައްސަލަ ހިމެނެ އެވެ.
މަސްދަރު: ބީބީސީ










