ޖަޕާނުގެ އިންޓްރެސްޓް ރޭޓް 31 އަހަރަށްފަހު އެންމެ މަތީ މިންވަރަށް އުފުލައިފި
މިއީ 1995 ވަނަ އަހަރަށްފަހު އެ ގައުމުގެ އިންޓްރެސްޓް ރޭޓް މިހާ މަތިވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ތަކެތީގެ އަގުތައް ހިފެހެއްޓުމާއި ޔެންގެ އަގު ވަރުގަދަކުރުން. އިގްތިސާދީ މާހިރުން ދެކޭގޮތުގައި މިއީ ޖަޕާނުން ޒަމާންތަކެއް ވަންދެން ގެންގުޅުނު އާދަޔާޚިލާފު މާލީ ސިޔާސަތުތަކުން ދުރުވެ، އާންމު ހާލަތަކަށް ރުޖޫއަވުމަށް އެޅި މުހިންމު ފިޔަވަޅެއް.

ޖަޕާނުގެ ޓޯކިޔޯގެ އިކެބުކުރޯ ޑިސްޓްރިކްޓްގައި ހުންނަ ފިހާރައެއްގައި، ބާޒާރުކުރާ މީހުން ހެދުންތަކެއް ބަލައިލަނީ. | ގެޓީ އިމޭޖަސް
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމާ ގުޅިގެން، ޖަޕާނުގެ މަރުކަޒީ ބޭންކުން އެ ގައުމުގެ މައިގަނޑު އިންޓްރެސްޓް ރޭޓް ފާއިތުވި 31 އަހަރު ތެރޭގައި މަތިނުކުރާ މިންވަރަކަށް މަތިކޮށްފިއެވެ.
އަންގާރަ ދުވަހު ބޭންކް އޮފް ޖަޕާން (ބީ.އޯ.ޖޭ) އިން ވަނީ އެ ބޭންކުގެ "ޕޮލިސީ ރޭޓް" 0.75 އިންސައްތައިން 1 އިންސައްތައަށް މަތިކޮށްފައެވެ. މިއީ 1995 ވަނަ އަހަރަށްފަހު އެ ގައުމުގެ އިންޓްރެސްޓް ރޭޓް މިހާ މަތިވި ފުރަތަމަ ފަހަރެވެ.
މި ނިންމުން ނިންމާފައިވަނީ އީރާނުގެ ހަނގުރާމައާ ގުޅިގެން ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން، ދުނިޔޭގެ އެހެން ބައެއް މަރުކަޒީ ބޭންކުތަކުން ވެސް މިއަހަރު އިންޓްރެސްޓް ރޭޓްތައް މަތިކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޖަޕާނުގެ މުދަލާއި ހިއްސާގެ އަގުތައް ވެއްޓުމާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި، 1990 ގެ އަހަރުތަކުގައި އެ ގައުމުގެ އިންޓްރެސްޓް ރޭޓްތައް ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އަދި ތަކެތީގެ އަގުތައް ދަށްވެ، އިގްތިސާދީ ކުރިއެރުން މަޑުޖެހިފައި އޮތުމުގެ ސަބަބުން ފާއިތުވި ވިހި އަހަރު ދުވަހު އިންޓްރެސްޓް ރޭޓް ހުރީ ސުމަކާ ގާތްކުރާ މިންވަރެއްގައެވެ.
ޖަޕާނުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓްތައް މަޑުމަޑުން މަތިކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެންނެވެ. އެއީ ފާއިތުވި 17 އަހަރު ތެރޭގައި އެ ގައުމުން އިންޓްރެސްޓް ރޭޓް މަތިކުރި ފުރަތަމަ ފަހަރެވެ.
"ވިހި އަހަރު ވަންދެން ތަކެތީގެ އަގުތައް ދަށްވެފައި އޮތުމަށްފަހު، ޖަޕާނުގެ އިގްތިސާދު މިހާރު މިވަނީ ތަކެތީގެ އަގުތައް އުފުލޭ (އިންފްލޭޝަން) މަރުހަލާއަކަށް ދަތުރުކޮށްފައި،" ޖަޕާނުގެ އިގްތިސާދީ މާހިރު ޖެސްޕާ ކޯލް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުއްލި ހާލަތްތަކުގައި ގެންގުޅޭ މާލީ ސިޔާސަތުތަކުގެ ބޭނުން މިހާރު ނެތް ކަމަށާއި، ބޭންކް އޮފް ޖަޕާނުން ބޭނުންވަނީ އާންމު މާލީ ސިޔާސަތަކަށް ރުޖޫއަވާން ކަމަށެވެ.
ޖަޕާނުގައި ތަކެތީގެ އަގުތައް އުފުލުން ނުވަތަ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ބޭންކް އޮފް ޖަޕާނަށް ވަނީ ބޮޑު ފިއްތުންތަކެއް ކުރިމަތިވެފައެވެ. އެ ގައުމުގައި އިންފްލޭޝަން ރޭޓް މީގެ ކުރިން ހުރީ ވަރަށް ދަށް މިންވަރެއްގައެވެ.
ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން އިންފްލޭޝަން އިތުރުވެފައިވާއިރު، މިއީ މެދުއިރުމަތީގެ ތެލާއި ގޭހަށް ބޮޑަށް ބަރޯސާވާ ޖަޕާން ފަދަ ގައުމުތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.
ނިމިދިޔަ މޭ މަހު ޖަޕާނުގެ ހޯލްސޭލް އަގުތައް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 6 އިންސައްތައަށް ވުރެ މަތިވެފައެވެ. މިއީ ފާއިތުވި ތިން އަހަރު ތެރޭގައި އަގުތައް މިހާ ހަލުވިކަމާއެކު އުފުލުނު ފުރަތަމަ ފަހަރެވެ.
ނަމަވެސް، އޭޕްރީލް މަހު 1.4 އިންސައްތައިގައި ހުރި ޖަޕާނުގެ ޖުމްލަ އިންފްލޭޝަން ރޭޓް އަދިވެސް ހުރީ މަރުކަޒީ ބޭންކުން އަމާޒުކުރާ 2 އިންސައްތައަށް ވުރެ ދަށުގައެވެ.
ބޭންކް އޮފް ޖަޕާނަށް މިހާރު ކުރިމަތިވެފައިވަނީ އުނދަގޫ ނިންމުމެކެވެ. އެއީ އިންޓްރެސްޓް ރޭޓް މަތިކުރުމުން އިންފްލޭޝަން ދަށްކުރުމަށް އެހީތެރިވެދޭނެ ނަމަވެސް، އިންޓްރެސްޓް ރޭޓް މަތިވުމުން ލޯނު ނެގުމުގެ އަގު ބޮޑުވެ، ސަރުކާރާއި ވިޔަފާރިތަކުގެ ޚަރަދުތައް އިތުރުވެގެންދާނެތީއެވެ.
އިންޓްރެސްޓް ރޭޓް ކަނޑައެޅުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަޒުއޯ އުއެޑާ، ފުރަމޭގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވުމުން، މި ހަފުތާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
އެހެންނަމަވެސް، އޭނާއާއި ބޭންކުގެ އެހެނިހެން އިސްވެރިން ވަނީ ފާއިތުވި މަސްތަކުގައި އިންޓްރެސްޓް ރޭޓް މަތިކުރުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
"މަސްރަހު ނޭނގޭ ހާލަތެއްގައި އޮތް ނަމަވެސް، އިގްތިސާދީ ހަރަކާތްތަކަށް ކުރިމަތިވެދާނެ ނުރައްކަލަށް ވުރެ ތަކެތީގެ އަގު އުފުލުމުގެ ނުރައްކާ ބޮޑުކަމަށް ފެންނަނަމަ، އިންޓްރެސްޓް ރޭޓް މަތިކުރުމުގެ ފައިދާއާއި ގެއްލުމާ މެދު ފުންކޮށް މަޝްވަރާކުރަން ޖެހޭނެ،" މި މަހުގެ ކުރީކޮޅު އުއެޑާ ވިދާޅުވެފައިވެއެވެ.
ޖަޕާނުގެ ޚަރަދުތައް އިތުރުކުރުމަށް ތާއީދުކުރައްވާ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ މީގެ ކުރިން ވަނީ އިންޓްރެސްޓް ރޭޓް މަތިކުރުމުގެ ޚިޔާލާ ދެކޮޅު ހައްދަވާފައެވެ. އެހެންނަމަވެސް، އިންފްލޭޝަން ދަށްކުރުމަށް އޭނާއަށް ވެސް މިހާރު ދަނީ ޕްރެޝަރު ކުރިމަތިވަމުންނެވެ.
އެކަމަކު، މިދިޔަ އަހަރު މަގާމާ ހަވާލުވެވަޑައިގަތް ފަހުން، މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް މަތިކުރަން ކުރާ މަސައްކަތަށް އޭނާ ފާޅުގައި ފާޑުވިދާޅުވެފައެއް ނުވެއެވެ.
މިއީ ބޮޑުވަޒީރު ޓަކައިޗީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އިންޓްރެސްޓް ރޭޓް މަތިކުރި ދެވަނަ ފަހަރެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ބޭންކުން އިންޓްރެސްޓް ރޭޓް "ގާތްގަނޑަކަށް 0.75 އިންސައްތައަށް" މަތިކުރުމާ ގުޅިގެން، މި ބަދަލު އަންނާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ.
އިންޓްރެސްޓް ރޭޓް މަތިކުރުމުގެ އަނެއް ބޭނުމަކީ އެމެރިކާ ޑޮލަރާއި ޔޫރޯ ފަދަ ބޮޑެތި ފައިސާތަކުގެ ކުރިމަތީގައި އަގު ދަށްވަމުންދާ ޖަޕާނު ޔެންގެ އަގު ހިފެހެއްޓުމެވެ.
"ޔެންގެ އަގު މާބޮޑަށް ދަށްވެފައިވާ ކަމުގެ އިހުސާސް ކުރެވޭ. އެހެންކަމުން ފައިސާގެ އަގު މަތިކުރުމުން ގެއްލުމެއް ނުވާނެ ކަމަށް ގަބޫލުކުރެވޭ،" ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ސެން ޑިއޭގޯގެ ބިޒްނަސް ޕްރޮފެސަރު އުލްރީކޭ ޝޭޑޭ ވިދާޅުވިއެވެ.
އިންޓްރެސްޓް ރޭޓަށް މި ގެނައި ބަދަލާއެކު ވެސް، ދުނިޔޭގެ އެހެން ބޮޑެތި އިގްތިސާދުތަކާ އަޅާބަލާއިރު ޖަޕާނުގެ އިންޓްރެސްޓް ރޭޓް އަދިވެސް ހުރީ ދަށް މިންވަރެއްގައެވެ.
މިސާލަކަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ އިންޓްރެސްޓް ރޭޓް މިހާރު ހުރީ 3 އިންސައްތައަށް ވުރެ މަތީގައެވެ. ނަމަވެސް އެ ދެ ގައުމުގެ މަރުކަޒީ ބޭންކުތަކުން މި ހަފުތާގައި ބާއްވާ ބައްދަލުވުންތަކުގައި އިންޓްރެސްޓް ރޭޓަށް ބަދަލެއް ނުގެންނާނެ ކަމަށް ބެލެވެއެވެ.






