އޭޝިއަން ގޭމްސް: ސާފިންގެ ދެވަނަ ބުރުގައި ރާއްޖޭގެ ޔަސީން ވާދަކުރި ހީޓު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި
27 ސެޕްޓެމްބަރު 2026 | އާދީއްތަ 07:03ފިރިހެނުންގެ ޝޯޓް ބޯޑު ދެވަނަ ބުރުގެ ހީޓް ހަތަރެއްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން ވަނީ 8.13 ޕޮއިންޓާއެކު ހީޓުގެ އެއް ވަނަ ހޯދާފައި. މި ހީޓުގައި ދެން ވާދަކުރި އަފްޣާނިސްތާންގެ އަފްރިދުން އަމޫ އަށް ހޯދުނީ 2.14 ޕޮއިންޓު


އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސާފިން އެތުލީޓު ޔަސީން | އެމްއޯސީ
ޖަޕާާންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026 ގައި ދިވެހި ސާފިން ޓީމުގެ ޒުވާން އެތުލީޓު ޔަސީން އަހުމަދު ނާޝިދު ވާދަކުރި ހީޓުގައި ބޮޑު ތަފާތަކުން ކުރި ހޯދައިފި އެވެ.
އައިޗީ ޓަހާރާ ލޯންގް ބީޗުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓުތަކުގައި ދިވެހި ޓީމުގެ ހުރިހާ ބައިވެރިން ވެސް އާދީއްތަ ދުވަހު ވަނީ ރާޅާ އަޅާފަ އެވެ.
އެގޮތުން ފިރިހެނުންގެ ޝޯޓް ބޯޑު ދެވަނަ ބުރުގެ ހީޓް ހަތަރެއްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން ވަނީ 8.13 ޕޮއިންޓާއެކު ހީޓުގެ އެއް ވަނަ ހޯދާފަ އެވެ. މި ހީޓުގައި ދެން ވާދަކުރި އަފްޣާނިސްތާންގެ އަފްރިދުން އަމޫ އަށް ހޯދުނީ 2.14 ޕޮއިންޓެވެ.
މީގެ އިތުރުން މި ރައުންޑުގެ ހީޓު ހައެއްގައި ދިވެހި ޓީމުގެ ކަޔާން އަބްދުﷲ އަރީފް ވަނީ 5.67 ޕޮއިންޓު ހޯދާފަ އެވެ. މި ހީޓުގައި ކަޔާންއާ ވާދަކުރި، ތައިލެންޑުގެ ނައްތަކްރޮން ސައޭ އިއޫ ވަނީ 11.20 ޕޮއިންޓު ހޯދާފަ އެވެ.
އަންހެނުންގެ ޝޯޓް ބޯޑު ދެވަނަ ބުރުގެ ހީޓް ހައެއްގައި ވާދަކޮށް އައިމިނަތު ތާނީސް ޝިރަން 1.30 ޕޮއިންޓް ހޯދާފައިވާއިރު، މި ބުރުގެ ހީޓު 2 ގައި ވާދަކޮށް މަރިޔަމް ރާހިލް ނަސީމް ވަނީ 1.20 ޕޮއިންޓް ހޯދާފަ އެވެ.
މި ބުރުގައި ތާނީސްއާ ވާދަކުރި މެލޭޝިއާގެ މޯނާ ރަޝީދާ އަބްދުއް ރަޝީދު ވަނީ 2.60 ޕޮއިންޓާއެކު މި ހީޓުން ކުރި ހޯދާފަ އެވެ. އަދި ރާހިލްއާ ވާދަކުރި ސައުތު ކޮރެއާގެ ނަލާ ލީ ވަނީ 8.20 ޕޮއިންޓު ހޯދައި، މި ހީޓުން ތަފާތު ބޮޑު ނަތީޖާއެއް ހޯދާފަ އެވެ.
މި ނަތީޖާތަކާއެކު ދިވެހި ޓީމުން ޔަސީން މި ވަނީ ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ތިން ވަނަ ބުރުގެ ހީޓުތައް ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހަށެވެ.
މަސްދަރު: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)










