ކުލަގަދަ ރަސްމިއްޔާތަކުން އޭޝިއަން ގޭމްސް ފަށައިފި
20 ސެޕްޓެމްބަރު 2026 | އާދީއްތަ 02:58އޭޝިއަން ގޭމްސްގައި ރާއްޖެ އިން ހަތް ކުޅިވަރެއްގައި ވާދަކުރާނެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް (ޓީޓީ)، ޝޫޓިން، ބެޑްމިންޓަން، ސްވިމިން، ބީޗު ވޮލީ އަދި ސާފިން


އޭޝިއަން ގޭމްސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | އެމްއޯސީ
އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ކުޅިވަރު ގޭމްސް ކަމަށްވާ އޭޝިއަން ގޭމްސް ކުލަގަދަ ރަސްމިއްޔާތަކުން ރަސްމީކޮށް ފަށައިފި އެވެ.
މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ޖަޕާންގެ އައިޗީ ނަގޯޔާގެ މިޒުހޯ ޕާކް އެތުލެޓިކްސް ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލީ ޓޭބަލް ޓެނިސް (ޓީޓީ) ތަރި މޫސާ މުންސިފް އަހުމަދު އާއި ޝޫޓިންގެ ތަރި މަރިޔަމް އީޝަލް މިސްބާހު އެވެ. މި ރަސްމިއްޔާތުގައި ދިވެހި އެތުލީޓުން ބައިވެރިވީ ދިވެހި ޘަގާފީ ހެދުމުގަ އެވެ.
މިއަހަރު ބާއްވަނީ 20 ވަނަ އޭޝިއަން ގޭމްސް އެވެ. ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ޘަގާފަތާއި ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ހިތްގައިމު ހުށަހެޅުންތަކާއި ބަޑި ބޭހުގެ ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އޭޝިއަން ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި އަދި ގޭމްސް ފައްޓަވައި ދެއްވީ ޖަޕާންގެ އެމްޕެރަފ ނަރުހީޓޯ އެވެ. މީގެ އިތުރުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ޝައިޚް ޖޮއާން ބިން ހަމަދު އަލް ޘާނީ އާއި އައިއޯސީގެ ރައީސް ކިރްސްޓީ ކޮވެންޓްރީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ އިން ހަތް ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް (ޓީޓީ)، ޝޫޓިން، ބެޑްމިންޓަން، ސްވިމިން، ބީޗު ވޮލީ އަދި ސާފިންގް އެވެ.
ގޭމްސްގައި ދިވެހި އެތުލީޓުންނަށް އާދީއްތަ ދުވަހު އޮތީ ބީޗު ވޮލީ، ޓީޓީ، ޝޫޓިން އަދި ސްވިމިން އެވެ.







