އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކުން މެރާލް ޤައުމީ ރެކޯޑު އައުކޮށްފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:20މީގެ ކުރިން މި ރެކޯޑު އޮތީ ޤައުމީ ފެތުންތެރިޔާ ހަމްނާ އަޙުމަދުގެ އަތުގައި. އެއީ މިދިޔަ އަހަރު ހަންގޭރީގައި އޮތް 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕުގައި 1 މިނެޓު 23.38 ސިކުންތުން ރޭސް ނިންމައިގެން


މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ތެރެއިން | އެމްއޯސީ
ޖަޕާންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026 ގައި އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކުން ދިވެހި ޓީމުގެ މެރާލް އައިން ލަތީފް ޤައުމީ ރެކޯޑު އައުކޮށްފި އެވެ.
ޖަޕާންގެ ވެރިރަށް ޓޯކިއޯގެ، ޓޯކިޔޯ އެކުއަޓިކް ސެންޓަރުގައި ބުދަ ދުވަހު އޮތް އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި މެރާލް ރެކޯޑް އައު ކުރީ، 1 މިނެޓު 22.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނުވަ ފެތުންތެރިން ވާދަކުރި މި ހީޓު މެރާލް ނިންމީ އަށް ވަނައިގައި އެވެ.
މީގެ ކުރިން މި ރެކޯޑު އޮތީ ޤައުމީ ފެތުންތެރިޔާ ހަމްނާ އަޙުމަދުގެ އަތުގަ އެވެ. އެއީ މިދިޔަ އަހަރު ހަންގޭރީގައި އޮތް 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕުގައި 1 މިނެޓު 23.38 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކުގެ އިތުރުން، ދިވެހި ފެތުންތެރިން ބުދަ ދުވަހުު ވާދަކުރީ އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އާއި، 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭގައި އިވެންޓުގަ އެވެ.
އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކްގައި ވާދަކުރި މަލައިކާ ލިންޑާ އިމްރާން ރޭސް ނިންމީ 1 މިނެޓު 20.57 ސިކުންތުންނެވެ. މި ރޭހުގައި ޖުމްލަ ނުވަ ފެތުންތެރިން ބައިވެރިވި އެވެ.
4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭގައި ވާދަކުރީ މެރާލް އާއި ލިންޑާގެ އިތުރުން މުޙައްމަދު ރިހާން ޝިހާމް އާއި ލޫތު މުހައްމަދު ހުސެއިން އެވެ. ދިވެހި ޓީމުން ރޭސް ނިންމީ 4 މިނެޓު 34.42 ސިކުންތުންނެވެ.
ބުރާސްފަތި ދުވަހު ވެސް އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އާއި ފިރިހެނުންގެ 200 މީޓަރު ބްރެސްޓްސްޓްރޯކްގައި ދިވެހި ފެތުންތެރިން ފަތާނެ އެވެ.
މަސްދަރު: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)










