400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިން ރިހާން ގައުމީ ރެކޯޑު އައުކޮށްފި
22 ސެޕްޓެމްބަރު 2026 | އަންގާރަ 09:37ޖަޕާންގެ ވެރިރަށް ޓޯކިއޯގެ، ޓޯކިޔޯ އެކުއަޓިކް ސެންޓަރުގައި އަންގާރަ ދުވަހު އޮތް ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓުގައި ރިހާން ރެކޯޑް އައުކުރީ، ފަސް މިނިޓު 06.92 ސިކުންތުން ރޭސް ނިންމައިގެން


އޭޝިއަން ގޭމްސްގައި ރިހާން ފަތަނީ | އެމްއޯސީ
މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026 ގައި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިން ދިވެހި ޓީމުގެ މުހައްމަދު ރިހާން ޝިހާމް ޤައުމީ ރެކޯޑް އައުކޮށްފި އެވެ.
ޖަޕާންގެ ވެރިރަށް ޓޯކިއޯގެ، ޓޯކިޔޯ އެކުއަޓިކް ސެންޓަރުގައި އަންގާރަ ދުވަހު އޮތް ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓުގައި ރިހާން ރެކޯޑް އައުކުރީ، ފަސް މިނިޓު 06.92 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތިން ފެތުންތެރިން ފެތި މި ހީޓު ރިހާން ނިންމީ ދެ ވަނައިގަ އެވެ.
މީގެ ކުރިން ވެސް މި ރެކޯޑު އޮތީ ރިހާންގެ އަތުގަ އެވެ. އެއީ މިއަހަރުގެ ކޮމަންވެލްތު ގޭމްސްގައި ފަސް މިނެޓު 09.68 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އިންޑިވިޖުއަލް މެޑްލީގެ އިތުރުން، ދިވެހި ފެތުންތެރިން އަންގާރަ ދުވަހު ވާދަކުރީ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އަދި އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކްގަ އެވެ.
އަންހެނުންގެ 100 މީޓަރު ފްރީސްޓައިލްގައި ވާދަކުރި މެރާލް އައިން ލަތީފް ރޭސް ނިންމީ އެއް މިނިޓް04.37 ސިކުންތުންނެވެ. އަދި އަންހެނުންގެ 200 މީޓަރު ބެކްސްޓްރޯކްގައި ވާދަކުރި މަލައިކާލިންޑާ ޢިމްރާން ރޭސް ނިންމީ ދެ މިނިޓް 55.31 ސިކުންތުންނެވެ.
ބުދަ ދުވަހު ވެސް އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް، އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް، އަދި 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭގައި ދިވެހި ފެތުންތެރިން ފަތާނެ އެވެ.
މަސްދަރު: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)










