އޭޝިއަން ގޭމްސް: ދެވަނަ މެޗުގައި ހޮންގްކޮންގް އަތުން ރާއްޖޭގެ އަންހެން ބީޗު ވޮލީ ޓީމު ބަލިވެއްޖެ
23 ސެޕްޓެމްބަރު 2026 | ބުދަ 05:49ދިވެހި އަންހެން ޕެއާ އާމިނަތު އަރީޝާ އާއި ފާތުމަތު އަނާލްގެ މައްޗަށް ހޮންގްކޮންގްގެ ވިންގް މަން ޓޯ އާއި ވިންގް ޓުންގް ޓޯގެ ޕެއާ ކުރި ހޯދީ 21-02 އަދި 21-09 އިން


ރާއްޖޭގެ ޕެއާ އިން ހޮންގްކޮންގްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން | އެމްއޯސީ
ޖަޕާންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ރާއްޖޭގެ އަންހެން ބީޗު ވޮލީ ބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި ހޮންގްކޮންގް އަތުން ބަލިވެއްޖެ އެވެ.
ބުދަ ދުވަހުގެ ފަތިހު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ހޮންގްކޮންގް އިން ކާމިޔާބުކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ.
ދިވެހި އަންހެން ޕެއާ އާމިނަތު އަރީޝާ އާއި ފާތުމަތު އަނާލްގެ މައްޗަށް ހޮންގްކޮންގްގެ ވިންގް މަން ޓޯ އާއި ވިންގް ޓުންގް ޓޯގެ ޕެއާ ކުރި ހޯދީ 21-02 އަދި 21-09 އިންނެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗު ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ހޮންގްކޮންގް ޕެއާ ފަސޭހަ އިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓުގައި ދިވެހިރާއްޖޭގެ ޕެއާ އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ.
އޭޝިއަން ގޭމްސްގައި ބީޗު ވޮލީ އަންހެން ޓީމު ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ނުކުންނާނީ މޮންގޯލިއާއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
އަދި ބީޗު ވޮލީގެ ދިވެހި ފިރިހެން ޓީމު ގުރޫޕު ސްޓޭޖުގެ ފަހު މެޗަގައި ބުރާސްފަތި ދުވަހު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.










