އޭޝިއަން ގޭމްސް: ފަހު މެޗުގައި ބީޗު ވޮލީ އަންހެން ޓީމުން މޮންގޯލިއާ ބަލިކޮށްފި
27 ސެޕްޓެމްބަރު 2026 | އާދީއްތަ 02:40މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާ އިން ކާމިޔާބު ކޮށްފައި ވަނީ 21-14 އަދި 21-15 އިން. މިއީ ރާއްޖޭގެ ޕެއާ އިން ގޭމްސްގައި ހޯދި ފުރަތަމަ މޮޅު


ރާއްޖޭގެ ޕެއާ އިން މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން | އެމްއޯސީ
ޖަޕާންގައި ކުރިއަށްދާ އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026 ގައި ރާއްޖޭގެ އަންހެން ބީޗު ވޮލީ ބޯޅަ ޓީމު ކުޅުނު ފަހު މެޗުން މޮޅުވެއްޖެ އެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މެޗުގައި ދިވެހި އަންހެން ޕެއާ އާމިނަތު އަރީޝާ އާއި ފާތުމަތު އަނާލް ވާދަކުރީ މޮންގޯލިއާގެ ސޮލްމޯން ބަޓްޖަރްގަލް އަދި ހަންޑްސުރެންގަންޓޮގްޓޮކްގެ ޕެއާއާ އެވެ.
ދިވެހި ޕެއާ އިން މެޗު ކާމިޔާބުކޮށްފައި ވަނީ ސީދާ ދެ ސެޓުންނެވެ. މެޗުގައި ދިވެހި ޕެއާ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާ އިން ކާމިޔާބުކޮށްފައި ވަނީ 21-14 އަދި 21-15 އިންނެވެ. މިއީ ރާއްޖޭގެ ޕެއާ އިން ގޭމްސްގައި ހޯދި ފުރަތަމަ މޮޅެވެ.
މޮޅާއެކު ރާއްޖޭގެ ޕެއާ އިން ގުރޫޕު ސްޓޭޖު ނިންމާލީ ތިން ވަނައިގައި އެވެ. މި ގުރޫޕުގެ އެއް ވަަނައިގައި ގަދަ 16 އިން ފިލިޕީންސް ޖާގަ ހޯދިއިރު، ދެ ވަނައިގައި ޖާގަ ހޯދީ ހޮންގް ކޮންގް އެވެ.










