ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ދަނީ ހަލާކުވަމުން: ކައުންސިލް
26 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:36ބ. ގޮއިދޫގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނައި ތަކެތި ހަލާކުވަމުންދާތީ އެ ރަށު ކައުންސިލު މެންބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އެރަށުގެ ކައުންސިލް މެންބަރު ނާފިޒު ވިދާޅުވީ، މަސައްކަތް ހުއްޓިފައިވަނީ ބިން ނުލިބިގެން ނޫން ކަމަށާއި، މަޝްރޫއުގެ މައުލޫމާތު ހިއްސާނުކުރާތީ މަސައްކަތް ކުރިއަށްނުދާ ސަބަބު ސާފުނުވާ ކަމަށް

ބ. ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ހަލާކުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެ ރަށުގެ ކައުންސިލް މެންބަރު މުހައްމަދު ނާފިޒު އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ
ބ. ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ހަލާކުވަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލް މެންބަރު މުހައްމަދު ނާފިޒު ވިދާޅުވީ، އެ ރަށުގެ ޕޮލިސް ސްޓޭޝަން އެޅުމުގެ އަމަލީ މަސައްކަތް ފެށީ 2025 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ކަމަށެވެ.
މި މަޝްރޫއަކީ ބާރަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެ ފެއްޓެވި މަޝްރޫއެއް ނަމަވެސް، މިހާރު މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށާއި، 17،000 އަކަފޫޓުގެ ބިމެއްގައި ކުރިއަށްގެންދާ މި މަޝްރޫއުގައި މިހާރު ފެންނަން ހުރީ ހަމައެކަނި ޖަހާފައިވާ ކޮންކްރީޓް ތަނބުތަކެއް ކަމަށް ނާފިޒު ވިދާޅުވި އެވެ. އަދި އެ ތަނބުތައް ޖެހިގޮތަށް މަސައްކަތް ހުއްޓިފައި ހުންނަތާ ވަރަށް ދުވަސްވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، މަސައްކަތަށް ގެނެސްފައިވާ ހިލަ އާއި ހިލަވެލި އަޅާފައި ހުރި ގޯނިތައް ފީވެ ހަލާކުވަމުންދާ ކަމަށާއި، ބަހައްޓާފައި ހުރި ސިމެންތިތައް ގަނޑުވެ ކޮންކްރީޓަށް ބަދަލުވެފައިވާ ކަމަށް ނާފިޒު ވިދާޅުވި އެވެ. އަދި ބޭނުންކުރަން ގެނައި ދަގަނޑުތަކުގައި ވެސް ދަބަރު ޖަހައި ހަލާކުވަމުންދާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވާ ގޮތަށް ކައުންސިލުން މަޝްރޫއުތަކަށް ހުރަސްއަޅާތީ ނުވަތަ ބިން ނުދީގެން މަސައްކަތް ހުއްޓެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ނާފިޒު ވިދާޅުވި އެވެ. ގޮއެދޫ ކައުންސިލަކީ ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މަޝްރޫއުގެ މައުލޫމާތު ކައުންސިލާ ހިއްސާނުކުރާތީ މަސައްކަތް ދާގޮތް ގާތުން ބެލުމަށް ދަތިތަކެއް ހުރި ކަމަށެވެ.
ގޮއިދޫގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައިވަނީ 12 އޯގަސްޓް 2025 ގަ އެވެ.











