ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތެކޭ ބުނަންވެސް މިއަދު ވަނީ ޖޯކަކަށް: ތަޒްމީލް
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:02ދައުލަތް ހިންގުމުގެ ގާބިލުކަން ނެތް ނަމަ އެކަން ކުރެވޭނެ ބަޔަކާ ވެރިކަން ހަވާލުކުރުމަކީ އެންމެ ރީތި ގޮތް ކަމަށް އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލް ވަނީ ވިދާޅުވެފައި. ސަރުކާރުން ކުރި މަސައްކަތްތަކަށް ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އަދި މިވަގުތު މުހިންމީ ބޮޑެތި މަޝްރޫއުތަކަށްވުރެ އާދައިގެ ރައްޔިތުންނާއި ވިޔަފާރިތަކުގެ މުހުތާދުތައް ފުއްދައިދިނުން ކަމަށްވެސް އޭނާ ވިދާޅުވި


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން، މިއަދު ދިވެހި ރައްޔިތެކޭ ބުނުމުން އަމިއްލަ ނަފްސަށް ޖޯކެކޭ އިހުސާސްކުރެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތަޒްމީލް ވިދާޅުވީ، ދައުލަތް ހިންގުމުގެ ގާބިލުކަން ނެތް ނަމަ އެ ކަންކަން ކުރެވޭނެ ފަރާތްތަކާ ހަވާލުކޮށްފައި ދިއުމަކީ އެންމެ ރީތި އިންސާނީ މިސާލު ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ކަންކަން އެހާ ބޮޑަށް އޮޅުވާލައި، ވީ ވައުދުތައް ނުފުއްދާ ދައުރެއް ނިންމާލާ ވެރިއަކު މީގެ ކުރިން ދެކެވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ދައުލަތްތައް ހިންގާނެ ކެޕޭސިޓީ ތިމާމެން އަތުގައި، ތިމާމެންގެ ކިބައިގައި ނެތް ކަމުގައި ވަނީ އެ ކަންކަން ކުރެވޭވަރު ބޭފުޅުންނާ ހަވާލުކޮށްފައި ރީތިކޮށް ދިއުން އެއީ އެންމެ ރީތި އިންސާނީ މިސާލެކޭ. އެ އިންސާނީ މިސާލު ނަންގަވައިގެން ތިމާމެން ދުނިޔޭގެ ދުވަސްތައް ހޭދަކުރީމަ މީހުންގެ އިތުބާރު މާ ބޮޑަށް ލިބޭނެ ނޫންތޯ؟ މިއަދު އަޅުގަނޑުމެން ރައްޔިތުން ތިމާމެންނަށް މަލާމާތްކޮށް، ކޮންމެ ރައްޔިތަކު އަމިއްލަ ނަފްސަށް މިއަދު ތިމަންނާއަކީ ދިވެހިރާއްޖޭގެ ދިރިއުޅޭ ދިވެހި ރައްޔިތަކޭ ބުނީމާ އަޅުގަނޑުމެން ކުރިން ފަޚުރުވެރިވާ ފަދައިން މިއަދު އަޅުގަނޑުމެން އަމިއްލަ ނަފްސަށް ޖޯކު އިހުސާސްކުރެވޭ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް އެ ވަރަށް ކަންކަން އޮޅުވާލައި، ކަންކަން ޓްވިސްޓް ކުރައްވާ ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސްކަމެއް މިއަދާ ހިސާބަށް ނުކުރެވި ދައުރެއް ނިންމާލާ ރައީސަކު އަޅުގަނޑުމެން ނުދެކެން މި ނޫނިއްޔާތަޒްމީލް އަބްދުއްސަމަދު
މާލޭގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި ތަޒްމީލް ވިދާޅުވީ، ނަސަންދުރާއިން ފެށިގެން އެމްޕީއެލްއާ ހަމައަށް ހެދި ބޭރު މަގު ފިޔަވައި އެހެން ތަރައްގީގެ ކަމެއް ފެންނަން ނެތް ކަމަށާއި، އެއީ ވެސް އެމްޓީސީސީން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި ބޮޑެތި ބަޖެޓުތައް ފާސްވެގެން ދިޔައިރު ވެސް، ސަރުކާރުން މަސައްކަތް ކުރުވި ކުދި ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ހިފެހެއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ކުދި ވިޔަފާރިތަކަށް ލިބެންޖެހޭ ފަސް މިލިއަނާއި ހަތް މިލިއަނާ ދެމެދުގެ ފައިސާ ސަރުކާރު ތެރޭގައި ތާށިވެފައި ހުރިކަން ފާހަގަކުރައްވައި ތަޒްމީލް ވިދާޅުވީ، އަހަރެއް ދެ އަހަރު ވެގެން ދާއިރު ވެސް ޕޭމަންޓްތައް ނުލިބޭ ކަމަށެވެ. ނަމަވެސް، މީރާއިން ޓެކްސް ދެއްކުމަށް އަންގާ އީމެއިލްތައް އެ ކުންފުނިތަކަށް ގަވާއިދުން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ތަޒްމީލް ވިދާޅުވީ، މިވަގުތު މުހިންމީ ނެދަލެންޑްސްގައި އޮތް ޑްރެޖަރެއް ގެނައުން ނޫން ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދޭންވާނީ އެންމެ އާދައިގެ ރައްޔިތުންނާއި ކުދި ވިޔަފާރިތަކުގެ މުހުތާދުތައް ފުއްދައިދިނުމަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް މަތިން ތިރިއަށް ބައްޓަންކުރުމުގެ ސަބަބުން އާދައިގެ ރައްޔިތުންގެ ހާލަތު ދުވަހެއް ދުވަހަކަށް ނިކަމެތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.











