އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:28ޖުމްލަ 5 މިލިއަން ރުފިޔާގެ މި ގްރާންޓަކީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި މުހިންމު ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދިނުމަށް އެމްއެމްއޭއިން ހުޅުވާލި ފުރުސަތެއް. މާސްޓާސް ޑިގްރީއަށް ވުރެ މަތީ ސަނަދު އޮންނަ ފަރާތްތަކަށް ލީޑް ކުރެވޭ ގޮތަށް ހުޅުވާލި މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 13 އޮކްޓޫބަރު 2026


އެމްއެމްއޭގެ ހެޑް އޮފީސް | ރާއްޖެ އެމްވީ
އެމްއެމްއޭ ރިސަރޗް ފަންޑުގެ 2026 ވަނަ އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން ބުނީ، މި ރިސަރޗް ފަންޑުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށާއި، މި ގްރާންޓަށް ކަޑައަޅާފައިވާ ޖުމްލަ އަދަދަކީ 5 މިލިއަން ރުފިޔާ ކަމަށެވެ.
މި ގްރާންޓްތަކުގެ މަގުސަދަކީ އިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވަރުދިނުމާއި، ވަކިން ޚާއްސަކޮށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހަމަޖެހުން ކުރިއެރުވުމަށް އީޖާދީ މަތީ ފެންވަރުގެ ދިރާސާތައް ކުރުމަށް ހިތްވަރުދިނުމެވެ.
މި ފަންޑަށް އަމިއްލަ ފަރުދުންނަށާއި ތައުލީމީ އިދާރާތަކާއި ތިންކު ޓޭންކުތަކަށް ކުރިމަތިލެވޭއިރު، މި ފަންޑަށް ހުށަހަޅާ ޓީމުތައް ލީޑުކުރާ ފަރާތަކީ މާސްޓަރސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތް ފަރުދަކަށް ވާންޖެހޭ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އަދި ޕީއެޗްޑީ އޮންނަ ފަރާތްތަކުން މި ފަންޑަށް ކުރިމަތިލުމަށް އެ އޮތޯރިޓީން ހިތްވަރުދެ އެވެ.
އެމްއެމްއޭއިން ހާމަކުރާ ގޮތުގައި ރިސަރޗް ގްރާންޓްގައި އެންމެ ބޮޑަށް ބަލާނީ އެމްއެމްއޭގެ މަގްސަދުތަކާއި ގައުމަށް އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށެވެ. ނަމަވެސް، އެހެން ދާއިރާތަކުން ވެސް ރިސަރޗް ގްރާންޓަށް ކުރިމަތިލެވޭނެ އެވެ. އެ އޮތޯރިޓީން ފާހަގަކޮށްފައިވާ ބައެއް ދާއިރާތަކަކީ؛
• އިގުތިސާދީ ހަމަޖެހުން، މަނިޓަރީ ސިޔާސަތު، އަދި އިންފްލޭޝަން ޑައިނަމިކްސް
• މާލީ ދާއިރާގެ ވިލުންވެރިކަން، ގާނޫނުތަކާއި، އީޖާދުތައް
• ޑިޖިޓަލައިޒޭޝަން، ފިންޓެކް، އަދި މާލީ ބައިވެރިވުން
• ފަތުރުވެރިކަމާއި ދެމެހެއްޓެނިވި އިގުތިސާދު
• އިސްލާމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްގީ
• ވަޒީފާގެ ބާޒާރާއި ތައުލީމީ ދާއިރާ
• ބޯހިޔާވަހިކަމާއި، އަރބަން ޑިވެލޮޕްމަންޓް އަދި ސްޕޭޝިއަލް އިކޮނޮމިކްސް
• ސިއްހީ ދާއިރާ، ދައުލަތުގެ ޚަރަދު، އަދި އިޖްތިމާއި ރައްކާތެރިކަން
އެމްއެމްއޭގެ ރިސަރޗް ފަންޑަކީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ އޮތޯރިޓީގެ ރިސަރޗް ކޮންފަރެންސްގައި އިފްތިތާހުކޮށްފައިވާ ފަންޑެކެވެ. މި ފަންޑުގެ ފުރަތަމަ ބުރު ހުޅުވާލާފައި ވަނީ 2025 ވަނަ އަހަރެވެ. މިގޮތުން، 2025 ވަނަ އަހަރު މި ފަންޑުގެ ދަށުން 6 ރިސަރޗް ޕްރޮޕޯސަލް އަދި އެއް ފޮތް ގްރާންޓް އެވޯޑު ކޮށްފައިވެ އެވެ.
އެމްއެމްއޭގެ ރިސަރޗް ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު 13 އޮކްޓޫބަރު 2026އާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ. ރިސަރޗް ފަންޑަށް ކުރިމަތިލާނީ އެމްއެމްއޭ ރީސާޗް ފަންޑް ޕޯޓަލް މެދުވެރިކޮށެވެ.











