ސަރުކާރުން ކަނޑައަޅާފައިވާ ޑޮލަރު ސިޔާސަތުގެ ދަށުން ގޮތް ނޭނގޭ ބޮޑެތި މުއާމަލާތްތަކެއް ހިންގާ: އަމްރު
16 އޯގަސްޓު 2026 | އާދީއްތަ 08:02ސަރުކާރުގެ ޑޮލަރު ސިޔާސަތަށް ގެނައި ބަދަލާއެކު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވާތީ، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ބޭންކުތަކުން ޑޮލަރުން ލޯނު ދޫކުރި ނަމަވެސް އާންމު ވިޔަފާރިވެރިންނަށް އެ ފުރުސަތު ނުލިބޭކަން ފާހަގަކުރައްވައި، ބޭންކު ނިޒާމުގެ ތެރެއިން އަޑިނޭނގޭ މުއާމަލާތްތަކެއް ހިނގަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި


ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ސަރުކާރުން ކަނޑައަޅާފައިވާ ޑޮލަރު ސިޔާސަތުގެ ދަށުން ބޭންކުތަކުގެ ތެރެއިން ގޮތް ނޭނގޭ ބޮޑެތި މުއާމަލާތްތަކެއް ހިނގަމުންދާ ކަމަށާއި، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ސަރުކާރުން ރިސޯޓުތަކަށް ވަންނަ ޑޮލަރު ނެގުމަށް ސިޔާސަތު އެކުލަވާލުމުގެ ކުރިން ޑޮލަރުގެ ރޭޓު ހުރީ ގާތްގަނޑަކަށް 18 ނުވަތަ 19 ރުފިޔާގައި ކަމަށެވެ. ނަމަވެސް އެ ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ޑޮލަރުގެ ރޭޓު ވަރަށް ބޮޑަށް އުފުލި، މިހާރު 22 އާއި 23 ރުފިޔާއާ ދެމެދުގެ އަދަދަކަށް އަރައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ފުރަތަމަ ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރު ނުވަތަ 20 ޕަސެންޓް ބޭންކަށް މާރުކުރަން އެންގުމަށްފަހު އޭގެ ތެރެއިން 10 ޕަސެންޓް އެމްއެމްއޭއަށް ނަގާ ގޮތަށް އޮތް ނަމަވެސް، ހަފްތާއެއް ނުވަނީސް އެ ނިޒާމު ބަދަލުކުރިކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ބޭންކުގައި ބަހައްޓަން ޖެހެނީ މާރުކުރާ އެއްޗެއްގެ އެންމެ 10 ޕަސެންޓް ކަމަށާއި، ބާކީ 90 ޕަސެންޓް އެމްއެމްއޭއަށް ނަގާތީ ރައްޔިތުންނާ ހަމައަށް ލިބެނީ އެންމެ 10 ޕަސެންޓް ކަމަށެވެ.
އެހެންވީމާ އެ ބޭފުޅުން ވަރަށް ބޮޑަށް ވިސްނައިގެން އެކަން އެ ކުރަނީ. ދެން އެ ބޭފުޅުންގެ ވިދާޅުވި ބޭންކުންވެސް ވިދާޅުވީ ޑޮލަރުން ވެސް އެބަ ލޯނު ދެމޭ. ޑޮލަރު ދޫވެސް ކުރަމޭ އެބަ. 15.42 ގެ ރޭޓުގެ ވާހަކަ އެ ބޭފުޅުން ވިދާޅުވި. އާދެ، ކޮންބަޔަކަށްތޯ މި ދޫކުރަނީ؟ ހަމަގައިމު ވެސް އަޅުގަނޑުމެންގެ ވިޔަފާރިވެރިއަކަށް ދުލެއް ނުކުރޭ. ލޯނެއްހާ ހިސާބު އުޅެނީ ދިވެހި ރުފިޔާއިން ވެސް ނުލިބިގެން. އެހެންވީމާ އެ ޑޮލަރު ލޯނެއްގެ ގޮތުގައި މިސާލަކަށް ފަރާތަކަށް ދޫކޮށްފިއްޔާ އެ މީހަކަށް އެއީ ހާދަ ބައިވަރު ފައިސާއެކޭ އެއްފަހަރާ ލިބެނީ. އޭނާ ހަމަ ވަގުތުން އަނެއް ދުވަހު އޭތި މާރެއްނު ކުރާނީ. އާދެ، އެހެންވީމާ ދައްކަން މި ޖެހެނީ އަނެއްކާ ރުފިޔާއެއްނޭހުސައިން އަމްރު
މީގެ އިތުރުން އަމްރު ވިދާޅުވީ، ބޭންކުތަކުން ޑޮލަރުން ލޯނު ދޫކުރާ ވާހަކަ ދެއްކި ނަމަވެސް، އާންމު ވިޔަފާރިވެރިންނަށް ދިވެހި ރުފިޔާއިން ވެސް ލޯނު ނުލިބޭ ކަމަށެވެ. އަދި ޑޮލަރުން ބޮޑެތި ލޯނު ދޫކުރުމުން އެ ފަރާތްތަކަށް އެއްފަހަރާ ބޮޑު އަދަދެއްގެ ފައިސާ ލިބިގެންދާ ކަމަށާއި، އެ ޑޮލަރު ވަގުތުން މާރުނުކޮށް އަނބުރާ ދައްކަން ޖެހެނީ ރުފިޔާއިން ކަމަށް ވުމުން ބޭންކުގެ ތެރެއިން އަޑިނޭނގޭ މުއާމަލާތްތަކެއް ހިނގާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.











