އެތުލެޓިކޯގެ އަތް ދަށުވެ، ރެއާލް ފަހަތަށް
21 ސެޕްޓެމްބަރު 2026 | ހޯމަ 02:47މިއީ މިފަހަރުގެ ލީގުގައި ރެއާލްގެ ދެ ވަނަ ބަލި. ބައްޔާ އެކު ރެއާލް ތިން ވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓާ އެކު


މެޗުގައި ލަނޑު ޖެހުމަށް ފަހު އެތުލެޓިކޯގެ ޖޮނަތަން ޑޭވިޑް އުފާ ފާޅުކުރަނީ | ގެޓީ އިމޭޖަސް
ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ރެއާލް މެޑްރިޑަށް ލީގުގެ ދެ ވަނަ ބައްޔާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން ރެއާލް ބަލިކޮށްފަ އެވެ. މެޗުގައި އެތުލެޓިކޯ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި އަދި ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމަށް ވެސް ލަނޑު ޖަަހަން ފުރުސަތު ލިބުނެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ރެއާލް އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، އެ ޓީމުގެ ޑީން ހުޖްސެން އަށް ސިދާ ރަތް ކާޑު ދެއްކުމުންނެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔަ ރެއާލް ކޮޅަށް އެތުލެޓިކޯ އިން ލަނޑު ޖެހީ 53 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ އެލެކްސް ގްރިމާލްޑޯ އެވެ. އޭގެ ހަ މިނެޓު ފަހުން ޖޮނަތަން ޑޭވިޑް ވަނީ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ރެއާލްގެ ހަމައެކަނި ލަނޑު ޖެހީ އެންޓޯނިއޯ ރޫޑިގާ އެވެ.
މިއީ މިފަހަރުގެ ލީގުގައި ރެއާލްގެ ދެ ވަނަ ބައްޔެވެ. ބައްޔާ އެކު ރެއާލް ތިން ވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓާ އެކު އެވެ. ރެއާލް ބަލިކުރި އެތުލެޓިކޯ ދެ ވަނައިގައި 16 ޕޮއިންޓާ އެކު އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް އެއް ވަނައިގައި ލިބެނީ 21 ޕޮއިންޓެވެ.










