އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ރެއާލް އަށް ހަމަޖެހުމެއް
13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:57ވަޔެކާނޯ މެޗުގެ ކުރިން ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވެފައިވާއިރު، މިހާތަނަށް ކުޅުނު ފަސް މެޗުން އެ ޓީމަށް ލިބެނީ 12 ޕޮއިންޓު


މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ އެމްބާޕޭ އުފާ ފާޅުކުރަނީ | ރޮއިޓާސް
ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑުން ހަމަޖެހިލައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާާފުގައި ވެސް ރެއާލް އިން ވަނީ ތިން ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ.
މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ރެއާލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭ އެވެ. އޭގެ ތިން މިނެޓު ފަހުން އަލްވާރޯ ކަރޭރާސް ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ޖޫޑް ބެލިންހަމް އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ވަޔެކާނޯގެ ހަމައެކަނި ލަނޑު ޖެހީ ސާޖިއޯ ކަމޭލޯ އެވެ. މެޗުގައި ރެއާލް އިން ވަނީ އިތުރު ލަނޑު ޖަހަން ވެސް ފުރުސަތުތަކެއް ހޯދައިފަ އެވެ. މެޗުގައި ރެއާލްގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ އެމްބާާޕޭ އެވެ.
މެޗުން މޮޅުވެ ރެއާލް އިން މި ވަނީ ހަމަޖެހުމެއް ހޯދައިފަ އެވެ. ވަޔެކާނޯ މެޗުގެ ކުރިން ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވެފައިވާއިރު، މިހާތަނަށް ކުޅުނު ފަސް މެޗުން އެ ޓީމަށް ލިބެނީ 12 ޕޮއިންޓެވެ. ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ވެސް 12 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ލީޑު ފުޅާކުރުމުގެ ފުރުސަތު ބާސެލޯނާ އަށް އޮންނާނެ އެވެ.










